Last Updated: April 19, 13:47
Friday, April 19, 2024
ދުނިޔެ

ލަންކާގެ އެންމެ ބޮޑު ޔުނިވަސިޓީ ބަންދުކޮށްފި

ސްރީ ލަންކާ މިހާރު އޮތް ހާލަތުގެ ސަބަބުން އެ ގައުމުގެ އެންމެ ބޮޑު ސަރުކާރުގެ ޔުނިވަސިޓީ ވަގުތީ ގޮތުން ބަންދުކޮށްފި އެވެ.

ކެންޑީގައި ހިންގަމުން އަންނަ ޕެރަޑެނިޔާ ޔުނިވަސިޓީ ވަގުތީ ގޮތުން ބަންދުކުރީ އިއްޔެއިން ފެށިގެންނެވެ. މިކަމާ ބެހޭ ގޮތުން އެތަނުގެ ވައިސް ޗާންސެލަރު އެމްޑީ ލަމަވަންސާ ވިދާޅުވީ ވަގުތީ ގޮތުން ޔުނިވަސިޓީ ބަންދުކުރިކަން ހުރިހާ ދަރިވަރުންނަށް މިހާރު އަންގާފައިވާ ކަމަށެވެ.

އޭނާ ވިދާޅުވީ ދެން އެތަން ހުޅުވާނެ އިރަކާ ގުޅޭ ގޮތުން މަޝްވަރާކުރުމަށް ފަހު، ގޮތެއް ނިމުމުން އެކަން އިއުލާންކުރާނެ އެވެ. ލަންކާގެ އެންމެ ބޮޑު ޔުނިވަސިޓީ ބަންދުކުރި އިރު، އެ ގައުމު މިހާރު އޮތީ މާލީ އަދި އިގުތިސާދީ ވަރަށް ބޮޑު ދަތިކަމެއްގެ ތެރޭގަ އެވެ. މީގެ ސަބަބުން ގައުމުގެ ހާލަތު ވަރަށް ބޮޑަށް ދަށްވެފައިވެ އެވެ.

ޕެރަޑެނިޔާ ޔުނިވަސިޓީ އަކީ މީގެ 80 އަހަރު ކުރިން އުފެދުނު ތަނެކެވެ. އެތަން އެންމެ ފުރަތަމަ 1942 ގައި ހުޅުވީ ޔުނިވަސިޓީ އޮފް ސިލޯންގެ ނަމުގަ އެވެ. އޭގެ ފަހުން 1972 ގައި ޔުނިވަސިޓީ އޮފް ސްރީ ލަންކާ އަށް ބަދަލުކުރުމަށް ފަހު، ޔުނިވަސިޓީ އޮފް ޕެރަޑެނިއާ އަށް ބަދަލުކުރީ 1978 އެވެ.

އެތަން ވަގުތީ ގޮތުން ބަންދުކުރި އިރު 11،000 އަށް ވުރެ ގިނަ ދަރިވަރުން އެބަތިއްބެވެ. އިދާރީ މުވައްޒަފުންގެ ގޮތުގައި 2،900 އަށް ވުރެ ގިނަ މީހުން ތިބި އިރު ލެކްޗަރާއިންގެ އަދަދު 730 އަށް ވުރެ ގިނަ އެވެ.