Last Updated: July 6, 17:26
Wednesday, July 6, 2022
ޚަބަރު

ފޭދޫން މި މަހު ބިން ދޫނުކުރާތީ ނިހާދު ރަތަށް!

ލޭންޑް ޔޫޒް ޕްލޭނާ ބެހޭ ގޮތުން މަޝްވަރާކުރަން ފޭދޫގައި މާޗް މަހު ބޭއްވި ބައްދަލުވުމުގައި ނިހާދު.

އައްޑޫ ފޭދޫން މި މަހުގެ ތެރޭގައި ބިން ދޫކުރުމުގެ ވާހަކަތަކެއް ދެކެވުނު ނަމަވެސް އެކަން އެގޮތަށް ނުދާނެ ކަމަށް ބުނުމާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ މެމްބަރު މުހައްމަދު ނިހާދު ފާޑު ވިދާޅުވެއްޖެ އެވެ.

އޭނާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ބިން ދޫކުރަން މި މަހުގެ ތެރޭގައި އިއުލާންނުކުރުމަކީ ޒިންމާއިން ރެކުމުގެ އަމަލެއް ކަމަށާއި އެއީ ދެރަ ކަމެއް ކަމަށެވެ. ނިހާދު ތުހުމަތުކުރެއްވި ގޮތުގައި އައްޑޫ ސިޓީ ކައުންސިލުން އަދިވެސް އޮތީ ލޭންޑް ޔޫޒް ޕްލޭން ސަރުކާރުގެ ކަމާބެހޭ އިދާރާތަކަށް ވެސް ނުފޮނުވަ އެވެ.

"[އަދި] ޕްލޭނެއް ނެތި ޔޫޓިލިޓީސް އަށް ބަޖެޓްކުރާނެ ގޮތެއް ވެސް ނުވިސްނޭ." އޭނާ ވިދާޅުވި އެވެ.

ފޭދޫން މި މަހުގެ ތެރޭގައި ބިން ދޫކުރުމުގެ އަމަލީ މަސައްކަތް ފަށާނެ ކަމަށް ވިދާޅުވެ އެންމެ ފުރަތަމަ ޓްވީޓްކުރައްވާފައި ވަނީ ވެސް ނިހާދެވެ. އެއީ މިދިޔަ މަހުގެ 10 ގަ އެވެ.

ނަމަވެސް ފޭދޫ މަގުއްދޫ ދާއިރާގެ ޕީޕީއެމް ކައުންސިލަރު އައިމިނަތު ސަލްމާ މީގެ ހަފުތާއެއްހާ ދުވަސް ކުރިން "އައްޑޫ ލައިވް" އަށް ވިދާޅުވީ ފޭދޫން ބިން ދޫކުރަން ފެށޭނެ އިރެއް އެނގިވަޑައިނުގަންނަވާ ކަމަށެވެ. އެކަމަކު ލޭންޑް ޔޫޒް ޕްލޭން ފާސްކުރަން ފޮނުވުމުގެ އިތުރަށް ބިން ދޫކުރަން ނިންމި ސަރަހައްދަށް ބޭނުންވާ ޔޫޓިލިޓީޒްގެ ހިދުމަތްތަކަށް ވެސް ކަމާބެހޭ އިދާރާތަކުގައި އެދިފައިވާނެ ކަމަށް ވިދާޅުވި އެވެ.

"ޔޫޓިޓިލިޓީއާ ގުޅޭ ކަންކަމަށް ވެސް ވާނީ ރެކްއެސްޓްކޮށްފައި،" ސަލްމާ ވިދާޅުވި އެވެ. "ގޯތި ދޫކުރުމުގެ ކުރުމުގެ ކުރިން ފުރިހަމަކުރަން ޖެހޭ މުހިއްމު ކަންތައްތަކެއް ހުރުމާ އެކު މި މަހުގެ ތެރެއަކު ގޯތި ދޫކުރާކަށް ނުފެށޭނެ. އެކަމަކު އަޅުގަނޑުމެން ވެސް ވަރަށް ބޭނުންވޭ ވީހާ ވެސް އަވަހަކަށް ގޯތި ދޫކުރެވޭ ގޮތް ވާން."

ފޭދޫން ބިން ދޫނުކުރާތާ އެތައް އަހަރެއް ފަހުން ހިއްކާފައިވާ ބިމުން 1،500 އަކަފޫޓްގެ 100 އެއްހާ ގޯތި ދޫކުރަން ޕްލޭންކޮށްފައިވެ އެވެ. ފޭދޫ ވަށައިގެން 50 ހެކްޓަރުގެ ބިން ހިއްކާފައި ވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގަ އެވެ.