Last Updated: July 6, 18:23
Wednesday, July 6, 2022
މުނިފޫހިފިލުވުން

ނީތޫ އާ ޕްރޮޖެކްޓަކަށް ވެސް ތައްޔާރު

އަންނަ ހުކުރު ދުވަހު ރިލީޒްކުރާ "ޖުޖް ޖުގް ޖިޔޯ" ގެ ރޯލެއް ކުޅެފައިވާ ބަތަލާ ނީތޫ ސިންގް ވެބް ކޮންޓެންޓެއްގެ މަސައްކަތްް ފަށަން ތައްޔާރުވަމުން އަންނަ ކަމަށް ބުނެފި އެވެ.

ކުރީގެ އެކްޓަރު ރިޝީ ކަޕޫރްގެ ހުވަފަތް އަންހެނުން އީ ޓައިމްސް އަށް ދިން އިންޓަވިއުއެއްގައި އަލަށް ސޮއިކުރި ވެބް ކޮންޓެންޓްގެ މަސައްކަތް ފަށަން ހަމަޖެހިފައި ވަނީ އަންނަ އޮކްޓޯބަރު މަހުގެ ތެެރޭގައި ކަމަށެވެ. އެކަމަކު އެއާ ބެހޭ އިތުރު އެއްވެސް ތަފުސީލެއް 63 އަހަރުގެ ނީޓޫ ނުދެ އެވެ.

މަޝްހޫރު އެކްޓަރު ރަންބީރް ކަޕޫރްގެ މަންމަ ބުނީ މިހާރު ނިންމައިގެން ހުރީ ފުރުސަތުތައް ލިބޭ ވަރަކުން ޕްރޮޖެކްޓްތަކާ ހަވާލުވާން ކަމަށެވެ. ނީތޫ ބުނި ގޮތުގައި ވަރަށް ދުވަސްކޮށްފައި އެކްޓިން އަށް ނުކުތް އިރު، އަމިއްލަ ނަފުސާ ދޭތެރޭ އޮތް އިތުބާރު ވެސް ކުޑަ އެވެ.

"އެކަމަކު ޖުގް ޖުގް ޖިއޯވީ ވަރަށް ރަނގަޅު ތަޖުރިބާއަކަށް. އެއަށް ކުރި މަސައްކަތުން މީހާ ވަރަށް ބޮޑަށް މޯޓިވޭޓްވެ ސެފްލް ކޮންފިޑެންސް ވެސް މިހާރު އިތުރުވެއްޖެ،" އޭނާ ބުންޏެވެ. "އެހެންވެ ދެން ޕްރޮޖެކްޓްތައް ލިބޭ ވަރަކުން ހިތްހަމަޖެހޭ ކަހަލަ އެއްޗިއްސަށް އެއްބަސްވާނަން."

ނީތޫ ބުނީ އަލުން މަސައްކަތްކުރުމުގެ ރޫހު އާލާކޮށް ދިނީ ދެ ދަރިންނާއި ގާތް ޕްރޮޑިއުސަަރު ކަރަން ޖޯހަރެވެ.

"ކަރަން އަށް އަބަދު ވެސް އަހަރެން ޝުކުރު އަދާކުރާނަން. ރިޝީ ވަކިވެ ދިޔައިމަ ލިބުނު ހިތްދަތިކަމާއި ހިތާމައިން ސަލާމަތްވާން މަގުކޮށައި ދިން މީހަކީ ހަގީގަތުގައި އޭނަ. ޖުގް ޖުގް ޖިއޯ އަހަރެން ސިފަކުރާނީ ފާރުތަކުގައި ބޭސްއެޅުން ކަހަލަ ކަމެއްގެ ގޮތުގައި. އޭގެ މަސައްކަތުގައި ބުރަކޮށް އުޅެން ޖެހުމުން ހިތާމަތައް ލުއިވެ، ހިތްހަމަޖެހުން ލިބެން ފެށި،" އޭނާ ބުންޏެވެ. "އަނެއްކާ ދަރިން ވެސް ވަރަށް ހިތްވަރުދޭ އަހަރެން މަސައްކަތްކުރަން. އެންމެ ފުރަތަމަ މި ވާހަކަ ދެއްކި މީހަކީ ވެސް ރަންބީރް. ދެން އަހަރެން ހަދާނެ ގޮތަކާ ދޭތެެރޭ ސުވާލު އުފެދިފައި ހުއްޓައި ންއޭނަ ބުނި ދެން އަނެއްކާ ވެސް މަންމަ އަލުން ފިލްމީ މަސައްކަތްކުރާނީއޭ."

ނީތޫ ބުނި ގޮތުގައި އަލުން އެކްޓިން އަށް ނުކުތުމަކީ ކުރިން އެއްގޮތަކަށް ވެސް ނިންމައިގެން އަދި ވާނެ ކަމެއްގެ ގޮތުގައި ވެސް ގަބޫލުކޮށްގެން ހުރި ކަމެއް ނޫނެވެ. އެކަމަކު ދަރިން ދިން ހިތްވަރާއި ކަރަން ގެނެސްދިން ސްކްރިޕްޓްގެ ސަބަބުން ރޫހު އާލާވެގެން ދިޔައީ ކަމަށް ބުންޏެވެ.

ނީތޫ އެންމެ ފަހުން ކުޅުނު ފިލްމަކީ ރިޝީ އާއި ރަންބީރު ވެސް ރޯލުތަކެއް ކުޅުނު 2013 ގެ "ބޭޝަރަމް" އެވެ.

އަންނަ ހުކުރު ދުވަހު ރިލީޒްކުރާ "ޖުޖް ޖުގް ޖިޔޯ" ގެ ކާސްޓްގައި ނީތޫގެ އިތުރުން އަނިލް ކަޕޫރާއި ވަރުން ދަވަނާއި ކިއާރާ އަދުވާނީ ވެސް ހިމެނެ އެވެ. މި ތަރިން އަންނަނީ ވަރަށް ފޯރީގައި ފިލްމު ޕްރޮމޯޓްކުރަމުންނެވެ.

ނީތޫ އަކީ ކަލާޒް އިން މިހާރު ދައްކާ "ޑާންސް ދިވާނީ ޖޫނިއާ" ގެ ޖަޖެއް ވެސް މެ އެވެ.