Last Updated: July 6, 18:23
Wednesday, July 6, 2022
މުނިފޫހިފިލުވުން

މިއީ އަކްޝޭ އާއި އޭނަގެ ކޮއްކޮއިންގެ ވާހަކަ

މި އަހަރު ރިލީޒްކުރާ އަކްޝޭ ކުމާރުގެ ދެވަނަ ފިލްމު "ރަކްޝާ ބަންދަން" ގެ ޓްރެއިލާ ދައްކާލައިފި އެވެ.

މި ފެމިލީ ޑްރާމާ އަކީ އަކްޝޭ އާއި އޭނަގެ ހަތަރު އަންހެން ކޮއްކޮއިންގެ ވާހަކަ ކިޔައިދޭ ވަރަށް ޖަޒުބާތީ ފިލްމަކަށް ވާނެ އެވެ. "ރަކްޝާ ބަންދަން" ގެ ޓްރެއިލާގެ އެންމެ ބޮޑު ހައިލައިޓަކީ ކޮއްކޮއިން ކައިވެނިކުރުވާފައި ނޫނީ ކައިވެނި ވެސް ނުކުރަން ނިންމައިގެން ހުރި އަކްޝޭ އަށް ކުރިމަތިވާ ޕްރެޝަރުތަކެވެ. ހާއްސަކޮށް އޭނަގެ ލޯބިވެރިޔާ ބޫމީ ޕިޑްނޭކަރްގެ ފަރާތުންނެވެ.

މި ފިލްމަކީ މި ދެ ތަރިން އެކީގައި ފެންނަ ދެވަނަ ފިލްމެވެ. އަކްޝޭ އާއި ބޫމީ އެކީގައި ކުޅުނު 2017 ގެ "ޓޮއިލެޓް: އޭކް ޕްރޭމް ކާތާ" އަކީ ވަރަށް ކާމިޔާބު ފިލްމެކެވެ.

އަންނަ އޮގަސްޓް މަހުގެ 11 ގައި ސިނަމާތަކަށް ގެންނަން ތާވަލުކޮށްފައި އޮތް "ރަކްޝާ ބަންދަން" އަކީ އާނަންދު އެލް ރާއީގެ ފިލްމެކެވެ. އޭނަ އެންމެ ފަހުން މިދިޔަ އަހަރުގެ ފަހުކޮޅު ގެނެސްދިން "އަތުރަންގީ ރޭ" އަކީ ވެސް އަކްޝޭ ރޯލެއް ކުޅުނު ފިލްމެކެވެ.

މެދުފަންތީގެ އާއިލީ ގުޅުމެއް ފެނިގެންދާ "ރަކްޝާ ބަންދަން" އަކީ ވަރަށް ސާދާ އަދި ބެލުންތެރިންނާ ވަރަށް ރިލޭޓްވާނެ ކަހަލަ ފިލްމެކެވެ.

އެހެންވެ ޓްރެއިލާ އަށް ކޮމެންޓްކުރި ގިނަ ބަޔަކު ބުނެފައިވާ ގޮތުގައި މި ފިލްމަކީ ބޮކްސް އޮފީހުގައި ވަރަށް ހިނގާނެ އެއްޗަކަށް ވާނެ އެވެ. އެކަމަކު ފާހަގަކޮށްލެވޭ ކަމަކީ "ރަކްޝާ ބަންދަން" ރިލީޒްކުރަނީ އާމިރު ޚާނާއި ކަރީނާ ކަޕޫރްގެ "ލާލް ސިންގް ޗައްޑާ" އާ އެއް ދުވަހެއްގައިކަމުން ބޮކްސް އޮފީހުގައި ވާދަވެރިކަން ވެސް ބޮޑުވާނެކަމެވެ.

އަކްޝޭގެ އެންމެ ފަހުގެ ފިލްމަކީ މި މަހުގެ 3 ގައި ރިލީޒްކޮށް މާ ބޮޑު ތަރުހީބެއް ނުލިބުނު ތާރީހީ ހަނގުރާމަ ފިލްމު "ސަމްރާޓް ޕްރިތުވީރާޖް" އެވެ.