Last Updated: April 20, 14:10
Saturday, April 20, 2024
މުނިފޫހިފިލުވުން

"ޖުގް ޖުގް ޖިއޯ" ވަރަށް ހިތްގައިމު

މިއަދު ސިނަމާތަކަށް ގެނައި ބޮލީވުޑްގެ ފިލްމު "ޖުގް ޖުގް ޖިއޯ" ވަރަށް ހިތްގައިމު ކަމަށާއި މިއީ މުނިފޫހި ފިލުވައިލަން އެއް ވަނައިގެ ފިލްމެއް ކަމަށް ކްރިޓިކުން ބުނެފި އެވެ.

ކަރަން ޖޯހަރްގެ ދަރުމާ ޕްރޮޑަކްޝަނުން މި އަހަރު ގެނެސްދިން ފުރަތަމަ ފިލްމާ ބެހޭ ގޮތުން މަޝްހޫރު ކްރިޓިކް ތަރަން އަދާޝް ބުނީ މިއީ ރީތި އަދި އެހާމެ އަސަރު ގަދަވެފައި ހިތަށް އުފާވެރިކަން ހޯދަން ބޭނުން ނަމަ ބަލާލަން ވަރަށް ރަނގަޅު ފިލްމެއް ކަމަށެވެ. އޭނަ ފާހަގަކުރި ގޮތުގައި 2019 ގެ "ގުޑް ނިއުސް" ގެނެސްދިން ޑައިރެކްޓަރު ރާޖް މެހެތާގެ "ޖުގް ޖުގް ޖިއޯ" ގެ ޔޫއެސްޕީ އަކީ ފިލްމުގެ ފުރިހަމަ ސްކްރީންޕްލޭ އެވެ.

މީގެ ވާހަކަ އެނބުރެނީ ވަރީގެ ތުންފައްޗަށް ގޮސްފައި އޮތް ދެ ޖީލެއްގެ ކައިވެނީ ވާހަކައަށެވެ. އެކަމަކު "ޓިޕިކަލް" ހިންދީ ފިލްމުތަކާ ހިލާފަށް "ޖުގް ޖުގް ޖިއޯ" ގައި މި އިޝޫ ގެނެސްދީފައި ވަނީ ބެލުންތެރިން ވަރަށް ހީނުކުރާ ގޮތްގޮތަށް، އަދި އެހާމެ މަޖާ ކަންކަން ވެސް ހިމެނޭ ގޮތަށް ކަމަށް ތަރަން ބުންޏެވެ.

ފިލްމުގެ މައިގަނޑު ވާހަކަ އަށް ބަލާ އިރު ކުކޫ (ވަރުން ދަވަން) އާއި ނައިނާ (ކިއާރާ އަދުވާނީ) އަކީ ކުޑައިރުއްސުރެ ގާތް ދެ އެކުވެރިންނެވެ. ދެ މީހުން ކައިވެނިކޮށްގެން ފަހުން ދިރިއުޅުން ބަދަލުކުރަނީ ކެނެޑާށެވެ. ދެ މީހުންގެ ކައިވެނީގެ މައްސަލަތައް ޖެހި ރޫޅެން ގާތްވެފައި ވަނިކޮށް އިންޑިއާ އަށް އެނބުރި ދާން ޖެހެނީ ކުކޫގެ ކޮއްކޮ ގިނީ ޕްރަޖަކްތާ ކޯލީ) ގެ ކައިވެންޏަށެވެ. ކުކޫ އާއި ގިނީ އަކީ ބީމް (އަނިލް ކަޕޫރު) އާއި ގީތާ (ނީތޫ ސިންގް) ގެ ދެ ދަރިންނެވެ.

ކޮއްކޮގެ ކައިވެންޏަށް އިންޑިއާ އަށް ގޮސް ވަރަށް ފޯރި އާއި ޖޯޝްގައި ކައިވެނި ހަފުލާ ބޭއްވުމަށް ފަހު، ކުކޫ ދެން އަވަސްވެ ގެންނަނީ އޭނަ އާއި ނައިނާ ވަރިވާން ނިންމާފައިވާ ވާހަކަ މައިންބަފައިންނާ ހިއްސާކުރުމަށެވެ. މި ހާސްކަމުގެ ތެރެއިން އޭނާ އަށް އެނގެނީ މަންމަ ވަރިކުރަން ބައްޕަ ވެސް ނިންމާފައި އޮތްކަމެވެ. މައިންބަފައިންގެ ކައިވެނި ވަރީގެ ތުންފަތްމަތީގައި އޮތްކަން އެނގުމުން ކުކޫ އަށް ވަރިއާ މެދު ވިސްނުމަކަށް ދާން މަޖުބޫރުވެ އެވެ.

"ޖުގް ޖުގް ޖިއޯ" ގައި ދެން ފެނިގެން ދާނީ އެ ހިސާބުން ދެން އެ މީހުންގެ ދިރިއުޅުމަށްވާ ގޮތެވެ.

ތަރަން ބުނި ގޮތުގައި ފިލްމުގެ ސްކްރީންޕްލޭ ރަނގަޅުވުމުގެ ނަތީޖާ އަކީ ރާޖްގެ ޑައިރެކްޝަން އޮމާންވެފައި ފުރިހަމަވުމުގެ އިތުރަށް، ތަރިންގެ އެކްޓިން ވެސް ވެސް ރަނގަޅުމެވެ. އެގޮތުން ފިލްމުގެ ލީޑް ހަތަރު ތަރިން ވެސް އެ މީހުން ހަވާލުވި ރޯލުތަކަށް ވަރަށް ރަނގަޅަށް އިންސާފުކޮށް ދީފައިވެ އެވެ. އަދި މިއަށް ހިއުމާ ގެނެސްދިނުމުގައި މަޝްހޫރު ހޯސްޓް މަނީޝް ޕޯލް ކުޅުނު ކެރެކްޓާ އަކީ ވަރަށް ވެސް ޝައުގުވެރި ރޯލެކެވެ. އޭނަ ކުޅުނު ވަރުންގެ ޅިޔަނުގެ ރޯލެވެ.

"ޖުގް ޖުގް ޖިއޯ" އަށް ތައުރީފުކޮށް، ތަރަން ވަނީ ފިލްމަށް ފަހެކުން ހަތަރު ތަރީގެ ރޭޓިންއެއް ދީފަ އެވެ. އޭނަ ބުނި ގޮތުގައި މި ފިލްމަކީ ބެލުންތެރިންނަށް ވަރަށް ކަމުދާނެ އަދި ބޮކްސް އޮފީހުގައި ވަރަށް ހިނގާނެ ފިލްމެއްކަމާ ދޭތެރޭ އެއްވެސް ޝައްކެއް ނެތެވެ.