Last Updated: March 28, 14:17
Thursday, March 28, 2024
މުނިފޫހިފިލުވުން

ރަންބީރްގެ މި ޓްރެއިލާ ބަލާލަން ވާނެ

ބޮލީވުޑްގެ ތަރި ރަންބީރް ކަޕޫރްގެ މިހާތަނަށް ކުޅުނު އެންމެ ތަފާތު ފިލްމު "ޝަމްޝޭރާ" ގެ ޓްރެއިލާ މިއަދު އާންމުކޮށްފި އެވެ.

އަންނަ މަހުގެ 22 ގައި ރިލީޒްކުރާ މި ފިލްމު ހާއްސަވާ ސަބަބުތަކެއް އެބަހުއްޓެވެ. އެއް ކަމަކީ މީގެ ކުރިން ފެނިފައި ނުވާ ކަހަލަ މުޅިން ތަފާތު ރޯލަކުން ރަންބީރް ފެނިގެން ދިއުމެވެ. އަނެއް ސަބަބަކީ އާންމުކޮށް ބޮލީވުޑުން ނުފެންނަ ސްޓައިލެއްގެ ފިލްމަކަށްވެފައި، ވަރަށް ތަފާތު ވާހަކައެއް، ތަފާތު ގޮތަކަށް ކިޔައިދޭނެ ފިލްމަކަށްވުމެވެ.

"ޝަމްޝޭރާ" އަކީ 2018 ގެ "ސަންޖޫ" އަށް ފަހު ރަންބީރް ބޮޑު ސްކްރީނުން ފެންނަ ފުރަތަމަ ފިލްމަށްވާތީ މިއީ ޔަގީނުން ވެސް އޭނާ ދެކިލަން ކެތްމަދުވެފައި ތިބި ފޭނުންނަށް ވަރަށް ހާއްސަ ފިލްމަކަށް ވާނެ އެވެ. މީގައި ފެނިގެންދާނީ އިނގިރޭސީންގެ އަޅުވެތިކަމުގައިން އިންޑިއާ އޮތް ދުވަސްވަރު ކާޒާ ކިޔާ ހިޔާލީ ޝަހަރެއްގެ މީހުން އަޅުވެތިކޮށްގެން، ވަރަށް އަނިޔާވެރިކޮށް ގެންގުޅެމުން ދަނިކޮށް، އެ އަޅުވެތިކަމާ ދެކޮޅަށް ނުކުންނަ ވަރުގަދަ ފަހުލަވާނެއްގެ ވާހަކަ އެވެ. އެއީ "ޝަމްޝޭރާ" އެވެ.

ރަންބީރް "ޝަމްޝޭރާ" ގެ ރޯލުން ފެނިގެންދާ ފިލްމު ޑައިރެކްޓްކުރީ ކަރަން މަލްއުތުރާ އެވެ. އޭނަ ކުރިން ޑައިރެކްޓްކުރި ފިލްމުތަކަކީ 2012 ގެ "އަގްނީޕަތު" އާއި 2015 ގެ "ބްރަދާސް" އެވެ.

ޔާޝްރާޖް ފިލްމްސް (ވައިއާރްއެފް) އިން ބޮޑު 150 ކްރޯޑް ރުޕީސް (19.2 މިލިއަން ޑޮލަރު) ހޭދަކޮށްގެން ވަރަށް ގްރޭންޑްކޮށް ހަދާފައިވ "ޝަމްޝޭރާ" ގެ ކާސްޓްގައި ވާނީ ކަޕޫރާއި ސަންޖޭ ދަތާއި އަޝުތޯޝް ރާނާ އާއި ރޯނިތު ރޯއި ފަދަ ތަރިން ހިމެނެ އެވެ.