Last Updated: March 29, 10:59
Friday, March 29, 2024
ޚަބަރު

ވީޑިއޯތަކުން ފެންނަ މީހުން އިސްތިއުފާ ދޭން ގޮވާލައިފި

އެމްއާރްއެމްގެ ރައީސް މައުމޫން އަބްދުލްގައްޔޫމް

ސޯޝަލް މީޑިއާގައި މިހާރު ދައުރުވަމުންދާ އެއް ޖިންސުން ގުޅުން ހިންގާ ވީޑިއޯތަކާއި ފޮޓޯތަކުން ފެންނަ މީހުންގެ ތެރެއިން ދައުލަތުގެ އެކި މަގާމުތައް އަދާކުރާ މީހުން އެ މަގާމުތަކުން އިސްތިއުފާ ދޭން މޯލްޑިވްސް ރިފޯމް މޫވްމެންޓުން ގޮވާލައިފި އެވެ.

އެމްއާރްއެމުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ފަހަކަށް އައިސް ދިވެހި މުޖުތަމައުގައި އެކިއެކި ފާހިޝް އަމަލުތަކަށް އަރައިގަތުން އިތުރުވެ، އެފަދަ އަމަލުތައް ހިންގާތަން ފެންނަ ފޮޓޯ އާއި ވީޑިއޯ ސޯޝަލް މީޑިއާގައި ދައުރުވަމުން ދިޔުމަކީ ކަންބޮޑުވާ ކަމެއް ކަމަށެވެ.

އެފަދަ އަމަލުތައް ހިންގާ މީހުންގެ މައްސަލަ ވަކި މީހަކަށް ނުބަލައި ތަފާތުކުރުމެއް ނެތި ހަމަހަމަ އުސޫލެއްގެ ދަށުން ކަމާބެހޭ ފަރާތްތަކުން ހާއްސަ އިސްކަމެއް ދީގެން އަވަހަށް ބަލައި ގާނޫނީ ފިޔަވަޅު އެޅުމަށް އެމްއާރްއެމުން ވަނީ ގޮވާލާފަ އެވެ. އަދި އެފަދަ އަމަލުތައް ހިންގާ މީހުން ނިސްބަތްވާ މުއައްސަސާތަކުން އެމީހުންނާއި މެދު އެކަށޭނެ ފިޔަވަޅު އެޅުމަށް ވެސް ވަނީ ގޮވާލާފަ އެވެ.

"މިހާރު ދައުރުވަމުންދާ ވީޑިއޯތަކާއި ފޮޓޯތަކުން ފެންނަ މީހުންގެ ތެރެއިން ދައުލަތުގެ އެކި މަގާމުތައް އަދާކުރާ މީހުން އެ މަގާމުތަކުން އިސްތިއުފާ ދިނުމަށް ގޮވާލަން. އެފަދަ ފަރާތްތައް ދައުލަތުގެ މަގާމުތަކާއި ޒިންމާތަކުން އެކަހެރި ވުމަކީ ދައުލަތުގެ ބާރުތަކާއި، މުއައްސަސާތަކާއި، ސިޔާސީ ނިޒާމާއި، ސިޔާސީ ޕާޓީތަކާއި މެދު ގެއްލިފައިވާ ރައްޔިތުންގެ އިތުބާރު އަލުން އިޔާދަކުރުމަށް ކޮންމެހެން ކުރުން މުހިއްމު ކަމެއް." އެ ބަޔާނުގައިވެ އެވެ.

އެމްއާރްއެމުން ވަނީ މިފަދަ އަމަލެއްގައި އެމްއާރްއެމްގެ މެމްބަރަކު ބައިވެރިވެއްޖެނަމަ ހާއްސަ އިސްކަމެއް ދީގެން އެކަން ބަލައި ޕާޓީ އަށް އޮތް ރައްޔިތުންގެ އިތުބާރު ދެމެހެއްޓުމަށް އަޅަން ޖެހުނު ކޮންމެ ފިޔަވަޅު އަޅާނެ ކަމަށްވެސް ބުނެފަ އެވެ.