Last Updated: April 16, 09:59
Tuesday, April 16, 2024
ޚަބަރު

ރަށްވެހިން ބަލާ މިންގަނޑު ގޯސްކަމަށް ބުނެ ކޯޓަށް

މާލޭގެ އިމާރާތްތަކެއް - ފޮޓޯ: ސަން

މާލެ ސަރަހައްދުން ދޫކުރަން ނިންމާފައިވާ ގޯއްޗާއި ފްލެޓަށް ކުރިމަތިލާން ހުޅުވާލިއިރު މާލޭގެ ރަށްވެހިން ބަލާ މިންގަނޑު ގޯސް ކަމަށް ބުނެ ހައިކޯޓަށް މައްސަލައެއް ހުށަހެޅުމަށް ނިންމައިފި އެވެ.

މި މައްސަލަ ހައިކޯޓަށް ހުށަހަޅަން ނިންމާފައިވަނީ ގާނޫނު ވަކީލް ޝިހާދް އިބްރާހިމް އެވެ.

ސަރުކާރުގެ "ބިންވެރިޔާ – ގެދޮރުވެރިޔާ" ޕްރޮގްރާމްގެ ދަށުން ދޫކުރާ ގޯއްޗާއި ފްލެޓަށް ކުރިމަތިލާ ފަރާތްތަކުގެ ހާއްސަ ޝަރުތުތަކެއް ހުންނަން ޖެހެ އެވެ. އެގޮތުން އެއް ޝަރުތެއްގެ ގޮތުގައި ފާހަގަކޮށްފައިވަނީ މާލޭ ފިޔަވާ އެހެން ރަށެއްގައި ރަޖިސްޓްރީ ވެފައިވާ މީހަކު ކަމުގައި ނުވުމެވެ.

މިކަމާ ގުޅިގެން ގާނޫނީ ވަކީލު ޝިހާދު ވިދާޅުވީ، މާލޭ ރަށްވެއްސެއްގެ ގޮތުގައި ރަޖިސްޓަރީ ވެފައިވާ ކޮންމެ މީހަކީވެސް މާލޭގެ ރަށްވެއްސެއް ކަމަށެވެ. އެހެން ކަމުން ވަކިކަމެއްގައި މާލޭ ރައްޔިތުކަން ވަކިގޮތަކަށް މާނަކޮށް ހައްގުތަށް ހަނި ނުކުރެވޭނެ ކަމަށް ޝިހާދު ވިދާޅުވި އެވެ. އަދި މި މާއްދާ ބާތިލު ކުރުމަށް ހައިކޯޓަށް ހުށަހެޅުމަށް ނިންމާފައިވާ ކަމަށް ވެސް ޝިހާދު ވިދާޅުވި އެވެ.

މާލޭގައި އުޅޭ މީހުންނަށް 3،000 ގޯތި ދޭން ނިންމާފައިވަނީ ހުޅުމާލެއާއި ގުޅީފަޅުންނެވެ. އެގޮތުން ދޫކުރާ ގޯތީގެ އެންމެ ކުޑަ އަކަފޫޓަކީ 1،225 އަކަފޫޓެވެ. އަދި ޖޮއިންޓް އެޕްލިކޭޝަން ހުށަހަޅާ އެޕްލިކޭޝަނުން ހޮވޭ ފަރާތްތަކަށް އެކަކަށް ވުރެ އިތުރުވާ ކޮންމެ މީހަކަށް 400 އަކަފޫޓު އިތުރުކުރުމަށް ވަނީ ނިންމާފަ އެވެ. އަދި އެންމެ ބޮޑުކޮށް ވެސް ދޫކުރެވޭނީ 4،000 އަކަފޫޓާއި ހަމައަށެވެ.

މީގެއިތުރުން ހުޅުމާލޭގައި މިހާރު އިމާރާތްކުރާ 4،000 ފްލެޓަށް ކުރިމަތިލުމުގެ ފުރުސަތު ވަނީ ހުޅުވާލާފަ އެވެ. އެގޮތުން ޕޯޓަލް މެދުވެރިކޮށް އަންނަ ސެޕްޓެމްބަރު މަހުގެ 26 އާ ހަމައަށް ފްލެޓާއި ގޯއްޗަށް ކުރިމަތިލެވޭނެ އެވެ.