Last Updated: March 28, 19:01
Thursday, March 28, 2024
މުނިފޫހިފިލުވުން

ކެޓްރީނާގެ "ފޯން ބޫތު" އޮކްޓޯބަރުގައި

ކައިވެނީގެ ފަހުން ބޮލީވުޑްގެ ބަތަލާ ކެޓްރީނާ ކައިފް ފެނިގެންދާނެ ފުރަތަމަ ފިލްމު "ފޯން ބޫތު" މި އަހަރުގެ އޮކްޓޯބަރު 7 ގައި ރިލީޒްކުރަން ނިންމައި، އޭގެ ޕޯސްޓަރު ވެސް ދައްކާލައިފި އެވެ.

މިދިޔަ އަހަރުގެ ތެރޭގައި ޝޫޓިން ނިންމާލައި، ޕޯސްޓް ޕްރޮޑަކްޝަންގައި އޮތް މި ފިލްމަކީ ފަރުހާން އަޚްތަރާއި ރިތޭޝް ސިދުވާނީގެ އެކްސަލް އެންޓަޓައިންމަންޓަށް ގުރުމީތު ސިންގް ޑައިރެކްޓްކޮށްފައިވާ ހޮރޯ-ކޮމެޑީއެކެވެ. މިއީ ބޮލީވުޑްގައި މިހާރު އެންމެ ހިނގާ އެއް ޖޯންރާ އެވެ. މިދިޔަ މަހު ރިލިޒްކުރި މި ޖޯންރާގެ "ބޫލް ބުލައްޔާ 2" އަކީ ވެސް ވަރަށް ކާމިޔާބު ފިލްމެކެވެ.

"ފޯން ބޫތު" އަކީ ކެޓްރީނާގެ ފުރަތަމަ ހޮރޯ ކޮމެޑީ އެވެ. އޭނައާ އެކީ ފިލްމުގެ މައިގަނޑު ކާސްޓްގައި ދެން ހިމެނެނީ ޒުވާން ދެ ތަރިންނެވެ. އެއީ ޝާހިދު ކަޕޫރްގެ ކޮއްކޮ އިޝާން ހައްތަރާއި ސިދާންތު ޗަތުރަވެދީ އެވެ.

މިދިޔަ އަހަރުގެ ޑިސެމްބަރު 9 ގައި އެކްޓަރު ވިކީ ކޯޝަލާ ކައިވެނިކުރި ކެޓްރީނާގެ އެންމެ ފަހުގެ ފިލްމަކީ ނޮވެމްބަރު މަހު ރިލީޒްކުރި އަކްޝޭ ކުމާރުގެ "ސޫރިޔަވަންޝީ" އެވެ. އޭނަގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި އަންނަ އަހަރު ކުރީކޮޅު ގެނެސްދޭން ހަމަޖެހިފައިވާ ސަލްމާން ޚާންގެ "ޓައިގާ 3" ހިމެނެ އެވެ.