Last Updated: March 28, 13:49
Thursday, March 28, 2024
ޚަބަރު

އަދީބް ކޮވިޑަށް ޕޮޒިޓިވްވެއްޖެ

އަހުމަދު އަދީބު

ކުރީގެ ނައިބް ރައީސް އަދި މޯލްޑިވްސް ތާޑްވޭ ޑިމޮކްރެޓްސް (އެމްޓީޑީ)ގެ ރައީސް އަހްމަދު އަދީބް ކޮވިޑަށް ޕޮޒިވިވް ވެއްޖެ އެވެ.

އެމްޓީޑީން ބުނީ އަދީބު ބަލިވެގެން އައިޖީއެމްއެޗްގެ ފްލޫ ކްލިނިކުން ޓެސްޓު ކުރިއިރު ކޮވިޑަށް ޕޮޒިޓިވް ވެފައިވާ ކަމަށެވެ. އަދީބަކީ ގިނަ ބަލިތަކަކަށް ފަރުވާ ކުރަމުންދާ ކޮވިޑްގެ ހައި ރިސްކް ޕޭޝަންޓެއް ކަމަށް އެމްޓީޑީން ބުނެ އެވެ.

އެމްއެމްޕީއާރުސީ މެދުވެރިކޮށް 1.3 ބިލިއަން ރުފިޔާ އަށް ހިޔާނާތްތެރިވެގެން 20 އަހަރަށް ޖަލަށް ލާން ހުކުމްކޮށްފައިވީ ނަމަވެސް އަދީބު ހުންނަވަނީ ގޭ ބަންދުގަ އެވެ.

އަދީބު 20 އަހަރަށް ޖަލަށްލާން ހުކުމް ކުރީ އެމްއެމްޕީއާރްސީގެ ހިޔާނާތާ ގުޅިގެން އޭނާގެ މައްޗަށް އުފުލި ހަތް ދައުވާ ސާބިތުވުމާ ގުޅިގެންނެވެ. އަދީބުގެ މައްޗަށް ދައުލަތުން އުފުލި ހަތް ދައުވާ އަކީ ހިޔާނާތްތެރިވުމުގައި ބައިވެރިވުމުގެ ދެ ދައުވާއަކާއި، މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާއެއް ހޯދައިދިނުމުގެ ދެ ދައުވާއަކާއި، މަނީ ލޯންޑަރިންގެ ދެ ދައުވާއަކާއި ރަސްމީ ހައިސިއްޔަތު ނަހަމަގޮތުގައި ބޭނުންކުރުމުގެ ދައުވާއެކެވެ.

އަދީބު ގޭ ބަންދުގައި ހުންނެވުމާ ގުޅޭގޮތުން ދާދިފަހުން ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވީ މީގެ ކުރީ ފަހަރެއްގައި ޖަލުގެ ތެރޭގައި ހުންނަވަނިކޮށް ޖަލުގެ ގޮޅިއަށް އަދީބު ވެއްޓި ނިތްކުރި މަތި ދުޅަވެ ކަންތައްތަކެއް ހިނގާފައިވާ ކަމަށެވެ. އަދި އޭގެ ފަހުން ނިދުމަށް ވަކި މެޝިނެއް ބޭނުން ކުރުމަށް ޑޮކްޓަރު ލަފާދެއްވާފައިވާ ކަމަށް އިމްރާން ވިދާޅުވިއެވެ.

"އެމެޝިނަކީ ޖަލުގެ ތެރޭގައި ބޭނުންކުރެވޭގޮތަށް ހުރި މެޝިނެއް ނޫންކަމަށް ވަނީ. އެހެންވެ ގޭގައި އެމެޝިން ގާއިމްކުރެވިފައި ހުރިކަމަށްވަނީ. އެކަމުގެ މައްޗަށް ރިޔާއަތްކޮށް އަހްމަދު އަދީބު ގޭގައި ހުރުމަށް ހުއްދަ ދެއްވާފައިވާކަމަށް މިވަނީ" އިމްރާން ވިދާޅުވިއެވެ.