Last Updated: April 19, 11:14
Friday, April 19, 2024
ޚަބަރު

ވިޔަފާރި ފަށަން ހަތަރު މީހަކަށް އެހީ ދީފި

އަލަށް ފަށާ ވިޔަފާރިތަކަށް އެހީތެރިވުމުގެ އަމާޒުގައި ބީއެމްއެލް އިން ތައާރަފްކޮށްފައިވާ ސްޓާޓަޕް ގްރާންޓްގެ ދަށުން ހަތަރު ފަރާތަކަށް އެހީ ފޯރުކޮށްދީފި އެވެ.

މި އަހަރުގެ ޖެނުއަރީ މަހު ބީއެމްއެލް ސްޓާޓަޕް ގްރާންޓް ފެށީ އުފެދެމުން އަންނަ ވިޔަފާރިވެރިންނަށް ރާއްޖޭގައި އަލަށް ވިޔަފާރި އެއް ފެށުމަށް ނުވަތަ ހިންގަމުންދާ ވިޔަފާރިއެއް ކުރިއެރުވުމަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަގްސަދުގައެވެ. މި ގޮތުން ހޮވާލެވޭ ހަތަރު ވިޔަފާރިއަކަށް 500،000 ރުފިޔާގެ ހިލޭ އެހީ ދޭނެ އެވެ.

ސްޓާޓަޕް ގްރާންޓް ކާމިޔާބު ކުރި ހަތަރު ފަރާތަކީ:

1. މުހައްމަދު ނަޒްލީ އަދި އައިޝަތު ޝައްމަ މުހައްމަދު (ނިރިސް އެސް އެމްބްރޮއިޑެރީ)
ހިންގަމުންދާ އެމްބްރޮއިޑެރީ ވިޔަފާރި ފުޅާކުރުމަށް

2. އާމިނަތު އިރާޝާ (ކިޑްސް ޒޯން)
ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް އަމާޒުކޮށް ލަކުޑިން ގިނަބާވަތުގެ ތަކެތި ތައްޔާރު ކުރަން ދަސްކޮށްދިނުމަށް އަލަށް ފަށާ ވިޔަފާރިއެއް

3. ހައްވާ ސޫޒަން (ހައްވަން ކޭކްސް)
ގޭގައި ހިންގަމުންދާ ކޭކު އަޅާ ވިޔަފާރި ފުޅާކޮށް ބޭކަރީ އެއް ހަދައި މި ދާއިރާއިން ތަމްރީން ދިނުން

4. އައިޝަތު ލިއުޝާ (ކްލައިމެޓް ސްމާޓް ގުޑް އެގްރިކަލްޗަރަލް ޕްރެކްޓިސަސް)
ހިންގަމުންދާ ވިޔަފާރި ފުޅާކޮށް ތިމާވެށްޓާ ރަށްޓެހި ގޮތްތައް ބޭނުންކޮށްގެން ދެމެހެއްޓެނެވި ގޮތެއްގައި ދަނޑުވެރިކަންކުރުން.

މި އެހީއާ ބެހޭ ގޮތުން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑައިރެކްޓަރު ޓިމް ސޯޔާ ވިދާޅުވި ގޮތުގައި އެހީ ލިބުނު ފަރާތްތަކަކީ އެ ފަރާތްތަކުގެ ވިޔަފާރި ފުޅާކުރުމަށާއި ދެމެހެއްޓެނެވި ގޮތެއްގައި ވިޔަފާރި ކުރިއަރުވަން ޕްލޭން ތައްޔާރުކޮށް އެ ޕްލޭން ހުށަހަޅައިދިން ފަރާތްތަކުގެ ތެރެއިން އެންމެ ރަނގަޅު އަދި ހަމައެހެންމެ އުފެދެމުން އަންނަ ވިޔަފާރިވެރިންނެވެ.

"ސްޓާޓަޕް ގްރާންޓަށް މިއަދު މި ހޮވުނު ފަރާތްތަކަކީ މި ވިޔަފާރިތައް ހޮވާފައިވަނީ ރާއްޖޭގެ އެކިކަންކޮޅުތަކުން ހުށަހެޅުނު 100 އަށް ވުރެ ގިނަ ފަރާތްތަކާ ވާދަކޮށްގެން. މި ވިޔަފާރިތައް ކުރިއެރުވުމުގައި އެހީތެރިވެވޭ ކަމީ އަޅުގަނޑުމެންނަށް ލިބޭ އުފަލެއް. އަޅުގަނޑުމެންގެ އުއްމީދަކީ މި ވިޔަފާރިތަކުން އައު ވަޒީފާގެ ފުރުސަތުތައް ހުޅުވާލައި، މުޖުތަމައަށް ހެޔޮ ބަދަލެއް ގެނުވުން." ޓިމް ވިދާޅުވި އެވެ.

ސްޓާޓަޕް ގްރާންޓް ކާމިޔާބު ކުރި ފަރާތްތައް ހޮވާފައިވަނީ ދެ މަރުހަލާއަކަށް ބަހާލައިގެން ގެންދެވުނު ވަރަށް ވެސް ވާދަވެރި އިވެލުއޭޝަން ޕްރޮސެސްއަކަށް ފަހު އެވެ.

ފުރުތަމަ މަރުހަލާގައި ބިޒްނަސް ޕްލޭންތައް އިވެލުއޭޓް ކުރުމަށްފަހު އެންމެ ފާހަގަކޮށްލެވޭ 10 ފަރާތް ވަނީ ޝޯޓްލިސްޓްކޮށްފަ އެވެ. އަދި ދެވަނަ މަރުހަލާގައި ޝޯޓްލިސްޓްވި ފަރާތްތަކުން އެފަރާތުގެ ވިޔަފާރިއާ ގުޅޭ ޕްރެޒެންޓޭޝަން އިވެލުއޭޝަން ކޮމިޓީއަށް ހުށަހެޅި އެވެ.

ސްޓާޓަޕް ގްރާންޓަކީ ބޭންކް އޮފް މޯލްޑިވްސްގެ 40 ވަނަ އަހަރީ ދުވަހާ ގުޅުވައިގެން ހިންގުމަށް ހަމަޖެހިފައިވާ މުޖުތަމައަށް ފައިދާ ހުރި 12 ހަރަކާތުގެ ތެރެއިން ތިންވަނަ ހަރަކާތުގެ ގޮތުގައި ޖަނަވަރީ މަހުގައި ތައާރަފްކުރެވުނު ފަންޑެކެވެ.