Last Updated: April 20, 14:49
Saturday, April 20, 2024
ޚަބަރު

އިސްލާމިކް މިނިސްޓްރީން ފުރިހަމައަށް ޒިންމާ އަދާނުކުރޭ

ޑރ. މުހައްމަދު އިޔާޒު: ފޮޓޯ / އަވަސް

އިސްލާމިކް މިނިސްޓްރީން ފުރިހަމަ އަށް ޒިންމާ އަދާނުކުރާ ކަމަށް އަދާލަތު ޕާޓީގެ އިލްމުވެރިންގެ މަޖިލީހުގެ ނައިބު ރައީސް ޑރ.މުހައްމަދު އިޔާޒު ވިދާޅުވެއްޖެ އެވެ.

އިޔާޒު މިހެން ވިދާޅުވެފައިވަނީ ޔޯގާ ދުވަހުގެ ހަރަކާތް ކުރިއަށް ނުގެންދިއުމަށް އެދި ސިޓީއެއް ފޮނުވާފައި ނުވާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނުމާ ގުޅިގެންނެވެ.

އެކަމާ ގުޅިގެން އިޔާޒް ވިދާޅުވީ ރާއްޖޭގައި ހިނގާ އެންމެހައި މުންކަރާތްތައް މަނާކުރުމުގެ އެންމެ އިސްފަރާތަކީ
އިސްލާމިކް މިނިސްޓްރީ ކަމަށްވީ ނަމަވެސް ޔޯގާއޭ ކިޔައިގެން ބޭއްވި ބޮޑު މުންކަރާތް ހުއްޓުވަން އެ މިނިސްޓްރީން މަސައްކަތްކޮށްފައި ނުވާ ކަމަށެވެ. އަދި މިއީ ޒިންމާ ފުރިހަމަ ގޮތުގައި އަދާނުކުރާކަމުގެ ހެއްކެއް ކަމަށްވެސް އިޔާޒު ވިދާޅުވި އެވެ.

އިސްލާމިކް މިނިސްޓްރީން އިއްޔެ ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ، 15 ޖޫން 2022 ގައި އެމިނިސްޓްރީން ޕޮލިސް ސާވިސްއަށް ފޮނުވާފައިވާ ސިޓީއަކީ "ދުނިޔޭގެ ޔޯގާ ދުވަސް ފާހަގަ ކުރުމުގެ ހަރަކާތްތަކާ ގުޅިގެން ފޮނުވާފައިވާ ސިޓީއެއް ނޫން" ކަމުގަ އެވެ.

"އެ ސިޓީގައި ހިމެނިފައިވާ ފަތުވާ ނެރެފައިވަނީ މި މިނިސްޓްރީގައި އެފަދަ ކަންތައްތަކުގައި އަމަލުކުރުމަށް ކަނޑައެޅިފައިވާ އިޖުރާއަތުތަކާ ހިލާފަށްކަމުގައި ދަންނަވަމެވެ." އިސްލާމިކް މިނިސްޓްރީގެ ނޫސްބަޔާނުގައި ބުނެފައިވެ އެވެ.

އެ މިނިސްޓްރީން ބުނެފައިވަނީ ޔޯގާގެ ޝަރުއީ ހުކުމާމެދު ރާއްޖޭގެ އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހުގެ ތަފްސީލީ ފަތުވާއެއް ހޯދުމަށްފަހު އާއްމު ކުރެވޭނެ ކަމަށެވެ.

އިސްލާމިކް މިނިސްޓްރީގެ އެގްޒެކެޓިވް ޑިރެކްޓަރު ހިޝާމް އަހުމަދު ސޮއިކުރައްވައި ޕޮލިސް ކޮމިޝަނަރު މުޙައްމަދު ހަމީދަށް ފޮނުވާފައިވާ ސިޓީ ލީކުވީ ޔޯގާ ދުވަހުގެ ހަރަކާތްތައް ހިންގުމަށް ހުރަސްއަޅާ ހަމަނުޖެހުން ހިންގި ފަހުންނެވެ.