Last Updated: April 19, 06:56
Friday, April 19, 2024
ޚަބަރު

ދެން އުފެދޭނީ ޖޭޕީގެ ވެރިކަމެއް: ރިޔާޒު

ރާއްޖޭގައި ދެން އުފެދޭނީ ޖުމްހޫރީ ޕާޓީގެ ވެރިކަމެއް ކަމަށް އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ އެޑްވައިޒަރު ރިޔާޒު ރަޝީދު ވިދާޅުވެއްޖެ އެވެ.

ރޭ ޖޭޕީން ބޭއްވި ޖަގަހަ ޖަލްސާއެއްގައި ވާހަކަދައްކަމުން ރިޔާޒު ވިދާޅުވީ ޖޭޕީ އަކީ އަބަދުވެސް އެ އިރެއްގައި ގައުމަށް ކުރިމަތިވާ ކޮންމެ ކަމެއްގައި އެންމެ އިސް ސަފުގައި ހަރަކާތްތެރިވާ ޕާޓީއެއް ކަމަށާއި ޖޭޕީގެ ވެރިކަމެއްގައި އެއްވެސް ބަޔަކު މާޔޫސްވާން ނުޖެހޭނެ ކަމަށެވެ.

އެގޮތުން ޖޭޕީގެ ވެރިކަމެއްގައި ޒުވާނުންނަށް މިހާރަށް ވުރެ ބޮޑަށް ފުރުސަތުތައް ލިބިގެންދާނެ ކަމަށާއި ޖޭޕީން ކުރަމުން އަންނަނީ އެ މަސައްކަތް ކަމަށްވެސް ރިޔާޒު ވިދާޅުވި އެވެ.

"އިރާދަކުރެއްވިއްޔާ ދެން މި ގައުމުގައި އުފެދިގެން ދާނީ ޖުމްހޫރީ ޕާޓީގެ ވެރިކަމެއް. އެ މަސައްކަތް އަޅުގަނޑުމެން ކުރާނަން." ރިޔާޒު ވިދާޅުވި އެވެ.

ރިޔާޒު ވިދާޅުވީ ވެރިކަމަށް އަންނަ މީހެއްގެ ވިސްނުން ހުންނަން ޖެހޭނީ ދެވަނަ ދައުރެއް ހޯދުމަށް ނޫން ކަމަށާއި މިއީ ގައުމަށް ޖެހިފައިވާ ބޮޑު މުސީބާތެއް ކަމަށެވެ.

އެމަގުން ކަންކަން ކޮށްގެން ދުވަހަކު ވެސް ގައުމު ހަމަޔަކަށް ނޭޅޭނެ ކަމަށާއި ނަމަވެސް ފަސް އަހަރު ދުވަހުގެތެރޭ ރައްޔިތުންނަށް ބޭނުންވާ ކަންކަން ވެރިއަކަށް ހުންނަ މީހާ ފުރިހަމަކޮށްދީފިނަމަ ކެމްޕޭނަކަށް ވެސް ދާން ނުޖެހި ރައްޔިތުން ދެވަނަ ދައުރަކަށް ވެސް އެމީހާ ވެރިކަމުގައި ގޮނޑީގައި ބައިންދާނެ ކަމަށް ރިޔާޒު ވިދާޅުވި އެވެ.

"ޔަގީނުން ވެސް މި ފުރުސަތު މި ޕާޓީގެ ލީޑަރަށް ލިބިއްޖެނަމަ އުފަލުން ރައްޔިތުން އައިސް ބުނާނެ ދެންވެސް އިށީންނާށޭ ތި ގޮނޑީގަ. އެހެންވީމަ މި ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް މި ގައުމުގެ ވެރިކަމަށް ގެންނަން މަސައްކަތް މިކުރަނީ." އޭނާ ވިދާޅުވި އެވެ.

ރިޔާޒު މިހެން ވިދާޅުވިއިރު ރޭގެ ޖަލްސާގައި ގާސިމް ވަނީ އަންނަ އަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި ޖޭޕީގެ ފަރާތުން ކެންޑިޑޭޓެއް ނެރޭނެކަން އިއުލާން ކުރައްވާފަ އެވެ.