Last Updated: April 23, 12:01
Tuesday, April 23, 2024
ޚަބަރު

ދަފުތަރު ތަމްސީލުކުރަން ދާއިރާތަކެއް މަޖިލީހަށް މުހިއްމު

ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސެއިން - ފޮޓޯ: މަޖިލިސް

ދަފްތަރުގައި ތިބި މީހުން ތަމްސީލުކުރަން ރައްޔިތުންގެ މަޖިލީހުގައި ވަކި ހާއްސަ ދާއިރާތަކެއް އުފައްދަންޖެހޭ ކަމަށް ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސެއިން ވިދާޅުވެއްޖެ އެވެ.

އަލީ ހުސެއިން މިހެން ވިދާޅުވީ މާލޭ ސަރަހައްދުން ގޯތި ދޭން ހުޅުވާލިއިރު ހަމައެކަނި މާލޭ މީހުންނަށް ކުރިމަތިލެވޭ ގޮތަށް އޮތުމުން ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފައިވާ ދަނޑިވަޅެއްގަ އެވެ. އެގޮތުން ގޯއްޗާއި ފްލެޓް ދޫކުރުމުގެ އުސޫލުގައި "މާލޭގެ ރައްޔިތެއް" ކަމުގައި ބަލާނީ އެއްވެސް އިރެއްގައި މާލެ ފިޔަވާ އެހެން އެއްވެސް ތަނެއްގެ ރަޖިސްޓަރީގައި ޖެހިފައި ނުވާ ފަރާތްތަކަށް ކަމަށް ބަޔާންކޮށްފައިވެ އެވެ.

އެ އުސޫލުގެ ސަބަބުން މާލޭގެ ދަފްތަރުގައި ތިބި މީހުންނަށް ގޯއްޗަށް އެދުމުގެ ފުރުސަތު ގެއްލޭއިރު އަލީ ހުސެއިން ވިދާޅުވީ މިހާރު މިވީ ގޮތުން ދަފްތަރުގައި ތިބި މީހުންގެ ޙައްޤުގައި ވަކާލާތުކޮށް އެމީހުން ތަމްސީލު ކުރުމަށް މަޖިލީހުގައި ވަކި ޚާޢްޞަ ދާއިރާތަކެއް އުފައްދަންޖެހޭ ކަމަށެވެ.

ގޯތި ދޫކުރާ އުސޫލުގައި މާލޭގެ ރަށްވެހިން ބަލާ މިންގަނޑު ގޯސް ކަމަށް ބުނެ ހައިކޯޓަށް މައްސަލައެއް ހުށަހަޅަން ވެސް މިހާރު އަންނަނީ ތައްޔާރުވަމުންނެވެ. މި މައްސަލަ ހައިކޯޓަށް ހުށަހަޅަން ނިންމާފައިވަނީ ގާނޫނު ވަކީލް ޝިހާދް އިބްރާހިމް އެވެ.

މާލޭގައި އުޅޭ މީހުންނަށް 3،000 ގޯތި ދޭން ނިންމާފައިވަނީ ހުޅުމާލެއާއި ގުޅީފަޅުންނެވެ. އެގޮތުން ދޫކުރާ ގޯތީގެ އެންމެ ކުޑަ އަކަފޫޓަކީ 1،225 އަކަފޫޓެވެ. އަދި ޖޮއިންޓް އެޕްލިކޭޝަން ހުށަހަޅާ އެޕްލިކޭޝަނުން ހޮވޭ ފަރާތްތަކަށް އެކަކަށް ވުރެ އިތުރުވާ ކޮންމެ މީހަކަށް 400 އަކަފޫޓު އިތުރުކުރުމަށް ވަނީ ނިންމާފަ އެވެ. އަދި އެންމެ ބޮޑުކޮށް ވެސް ދޫކުރެވޭނީ 4،000 އަކަފޫޓާއި ހަމައަށެވެ.

މީގެއިތުރުން ހުޅުމާލޭގައި މިހާރު އިމާރާތްކުރާ 4،000 ފްލެޓަށް ކުރިމަތިލުމުގެ ފުރުސަތު ވަނީ ހުޅުވާލާފަ އެވެ. އެގޮތުން ޕޯޓަލް މެދުވެރިކޮށް އަންނަ ސެޕްޓެމްބަރު މަހުގެ 26 އާ ހަމައަށް ފްލެޓާއި ގޯއްޗަށް ކުރިމަތިލެވޭނެ އެވެ.