Last Updated: April 25, 18:52
Thursday, April 25, 2024
މުނިފޫހިފިލުވުން

ސިދާތާއި ކިއާރާ ލޯބީގެ ފިލްމަކަށް

ރައްޓެހިވެގެން އުޅޭ ކަމަށް އަޑު އަރާފައިވާ ބޮލީވުޑްގެ ދެ ތަރިން ކަމަށްވާ ސިދާތު މަލްއުތުރާ އާއި ކިއާރާ އަދުވާނީ ދެވަނަ ފިލްމަކަށް ތައްޔާރުވަމުން އަންނަ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ފިލްމީ ޚަބަރުތައް ގެނެސްދޭ މީޑިއާތަކުން ބުނީ ދެ ތަރިން އެކީގައި ދެން ކުޅޭނީ ލޯބީގެ ފިލްމެއް ކަމަށެވެ. އެކަމަކު މިއާ ބެހޭ މާ ބޮޑު އިތުރު އެއްވެސް ތަފުސީލެއް ނުދެ އެވެ. މީޑިއާތަކުން ބުނީ ސިދާތާއި ކިއާރާ ވެސް ފިލްމަށް ރުހުން ދީފައިވާތީ، ވަރަށް އަވަހަށް އެ ރަސްމީކޮށް އިއުލާންކުރާނެ ކަމަށެވެ.

މި ދެ ތަރިން އެކީގައި ކުޅުނު ފުރަތަމަ ފިލްމަކީ ބެލުންތެރިންގެ ބޮޑު ތަރުހީބެއް ލިބި، މި މަހުގެ ކުރީކޮޅު ބޭއްވި އައިފާ އެވޯޑްސްގައި ވެސް އެންމެ މޮޅު ފިލްމުގެ އެވޯޑް ހޯދި "ޝޭރުޝާ" އެވެ. މިދިޔަ އަހަރު ގެނެސްދިން މި ފިލްމަކީ އިންޑިއާގެ ހަނގުރާމައިގެ ބަތަލެއްގެ ވާހަކަ ކިޔައިދިން ބައޮގްރަފިކަލް ޑްރާމާއެކެވެ. ކަރަން ޖޯހަރްގެ ދަރުމާ ޕްރޮޑަކްޝަނުން ގެނެސްދިން ފިލްމުވީ ސިދާތާއި ކިއާރާގެ ޖޯޑު ބެލުންތެރިންނަށް ވަރަށް ކަމުދިޔަ ފިލްމަކަށެވެ.

ސިދާތާއި ކިއާރާ ދެވަނަ ފިލްމަކަށް ތައްޔާރުވަމުން އަންނަ ކަމަށް މީޑިއާތަކުން ރިޕޯޓްކުރި އިރު، ދެ ތަރިން ރުޅިވެއްޖެކަމުގެ އަޑުތަކެއް ވެސް މި ދޭތެރެ އިން ވަރަށް ގަދައަށް ދެކެވުމެވެ. އެކަމަކު ދެ ތަރިން ވެސް ވަނީ އޭގައި އެއްވެސް ހަގީގަތެއް ނެތްކަން ފަހުން ސާބިތުކޮށް ދީފަ އެވެ. ލޯބީގެ ގޮތުން ގުޅިގެން އުޅޭ ދެ ތަރިންގެ ގޮތުގައި މީޑިއާތަކުން ސިފަކުރިޔަސް، އެ މީހުން މިހާތަނަށް އެކަމަށް ރަސްމީކޮށް އެއްބަސްވެފައެއް ނުވެ އެވެ.

ކިއާރާ އާއި ސިދާތު ދެ ފަހަރެއްގެ މަތިން އެކީގައި ރާއްޖެ އަށް ޗުއްޓީ އަށް ވެސް އައިސްފައިވެ އެވެ.