Last Updated: April 25, 12:03
Thursday, April 25, 2024
މުނިފޫހިފިލުވުން

ޝެނާޒް "މީހުން ވަކިނުވާ" ބަލީގައި

ޝާހިދު ކަޕޫރް ބޮލީވުޑަށް ނުކުތް ފިލްމު "އިޝްގް ވިޝްގް" އިން އާންމުންގެ ސަމާލުކަން ހޯދި ބަތަލާ ޝެނާޒް ޓްރެޝަރީވާލާ މިހާރު "މީހުން ވަކިކުރަން ނޭނގޭ" ބައްޔަކާ ހަނގުރާމަކުރަމުން އަންނަ ކަމަށް ބުނެފި އެވެ.

މިހާރު އެކްޓިންއާ ވަރަށް ބޮޑަށް ދުރުގައި އަދި ޓްރެވެލް ބްލޮގާއެއްގެ ގޮތުގައ ހަރަކާތްތެރިވާ ޝެނާޒް ބުނީ އޭނާ އެ ބަލީގައި އުޅޭތާ މިހާރު ގިނަ ދުވަސްތަކެއްވެއްޖެ ކަމަށެވެ. އެކަމަކު މިހާތަނަށް އެ ވާހަކަ ލަދުން އެއްވެސް ބަޔަކާ ހިއްސާނުކުރާ ކަމަށް ބުންޏެވެ. ފޭސް ބްލައިންޑްނެސް ނުވަތަ ޕްރޮސަޕަގްނޯޝިއާ އަކީ އާންމުކޮށް އުފަންވާ އިރު ދިމާވާ ބައްޔެކެވެ. ސިކުނޑިއާ ގުޅިފައިވާ މި ބައްޔަކީ ފާޑެއްގެ "ހަނދާން ނެތޭ" ބައްޔެކެވެ. މީގެ ސަބަބުން މީހުނޫގެ މީނަށް ބަލާފައި އެ މީހަކު ވަކިކުރާކަށް ނޭނގެ އެވެ.

ޝެނާޒް ބުނި ގޮތުގައި އޭނާ މިހާރު ހުރީ ޕްރޮސޮޕަގްނޯޝިއާގެ ދެވަނަ ސްޓޭޖްގަ އެވެ.

"އާއިލާ މީހުންނާއި ރައްޓެހިން ވެސް ފެނުނީމަ ވަކިކުރާކަށް އަހަންނަކަށް ނޭނގޭ. މިއީ ހަގީގަތުގައި ތަހައްމަލުކުރަން ވަރަށް އުނދަގޫ ކަމެއް،" ޝެނާޒް ބުންޏެވެ. "އެކަމަކު އަޑުން މީހުން ވަކިކުރަން އެނގޭ. ނަމަވެސް މި ބައްޔާ އެކީ އުޅުމަކީ ވަރަށް އުނދަގޫ ކަމެއް. ވަރަށް ހާލުން ނޫނީ މިހާރު އަހަންނަކަށް ކިތަންމެ ގާތް މީހަކު ވެސް އެ މީހަކު ފެނުމީމަ ވަކިކުރާކަށް ނޭނގޭ."

އޭނާ ކިޔައި ދިން ގޮތުގައި މި ބައްޔާ އެކީ އުޅެން ޖެހުމުގެ ސަބަބުން ބައެއް މީހުންނާ އޭނާއާ ދޭތެެރޭ ދެކޭ ގޮތް ބަދަލުވެ، ވަކި ވެސް ވެފައިވެ އެވެ.

"އަހަރެން މި ވާހަކަ ކުރިން އެއްވެސް މީހެއްގެ ކައިރީގައި ނުދައްކާތީ ބައެއް މީހުން ހީކުރަނީ ގަސްތުގައި އަހަރެން އެ މީހުން ނޭނގޭ ކަމަށް ހަދަނީ ކަމަށް. އެހެންވެ މިކަމާ ހެދި ރައްޓެހިންތަކެއް ވެސް ގެއްލިފައިވޭ." ޗެނާޒް ބުންޏެވެ.

ދެހާސް ތިނެއްގެ "އިޝްގް ވިޝްގް" ގެ އިތުރުން ޝެނާޒް، 41، މަސައްކަތްކޮށްފައިވާ ފިލްމުތަކުގެ ތެރޭގައި "ހަމް ތުމް" އާއި "ލަވް ދާ ދި އެންޑް" އަދި "މުންނާ މައިކަލް" ހިމެނެ އެވެ. އޭނަ އެންމެ ފަހުން ފެނިފައި ވަނީ 2018 ގެ "ކާލަލާންޑީ" އިންނެވެ.

ޝެނާޒް ތަޖުރިބާކުރަމުން އަންނަ ބަލި ތަޖުރިބާކުރަން ޖެހުނު ކަމަށް ދާދި ފަހުން ހޮލީވުޑްގެ ތަރި ބްރެޑް ޕިޓް ވެސް ދާދި ފަހުން ބުނެފައިވެ އެވެ.