Last Updated: April 23, 23:56
Wednesday, April 24, 2024
ޚަބަރު

ކުޑަކުދިންނަށް އަނިޔާކޮށްގެން 137 މައްސަލައެއް

މިދިޔަ މޭ މަހު ޖެންޑާ މިނިސްޓްރީއަށް ހުށަހަޅާފައިވާ މައްސަލަތަކުގެ ތެރޭގައި އެންމެ ގިނައީ ކުޑަކުދިންނަށް އަނިޔާކޮށްފައިވާ މައްސަލަ ކަމަށް އެ މިނިސްޓްރީން ބުނެފި އެވެ.

ޖެންޑާ މިނިސްޓްރީން ކޮންމެ މަހަކު އާންމު ކުރާ ތަފާސް ހިސާބުތަކުގެ ތެރެއިން މިއަދު އާންމުކުރި މޭ މަހުގެ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި މިދިޔަ މަހު އެ މިނިސްޓްރީ އަށް ހުށަހެޅި 278 މައްސަލައިގެ ތެރެއިން 137 މައްސަލައަކީ ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާއާ ގުޅޭ މައްސަލަތަކެވެ.

އެ ބާވަތުގެ މައްސަލަތަކުގެ ތެރެއިން އެންމެ ގިނައިން ރިޕޯޓުކޮށްފައި ވަނީ ޖިންސީ ހާނިކައިގެ މައްސަލަތަކެވެ. އެ ގޮތުން މި ބާވަތުގެ 31 މައްސަލަ ރިޕޯޓުކޮށްފައިވެ އެވެ.

މި ބާވަތުގެ މައްސަލަތަކުގެ އިތުރުން އިހުމާލުވުމުގެ 26 މައްސަލަ، ގެވެށި އަނިޔާގެ އަމަލެއް ކުރާތަން ކުއްޖަކަށް ދެއްކުން ނުވަތަ ފެނުމުގެ 20 މައްސަލަ، އެހެންކުދިންގެ ފަރާތުން ގަނާ ލިބުމުގެ 9 މައްސަލަ އާއި ނަފްސާނީ ހާނިކައިގެ 9 މައްސަލަ، ބިރުދެއްކުމުގެ ގޮތުން ކުރެވޭ ކަންކަމުގެ 4 މައްސަލަ، ނަހަމަ ގޮތުގައި ބޭނުންކުރުމުގެ 3 މައްސަލަ، ނަހަމަ ގޮތުގައި ވިޔަފާރި ފައިދާ އަށް ބޭނުންކުރުމުގެ 2 މައްސަލަ އަދި އެހެން ކުދިންގެ ފަރާތުން އިންޓަރނެޓް މެދުވެރިކޮށް ގަނާ ލިބުމުގެ 2 މައްސަލަ ހުށަހެޅިފައިވެ އެވެ.

މީގެއިތުރުން ޢާއިލީ މައްސަލަތަކުގެ 31 މައްސަލައަކާއި، ވަކި ޖިންސަކަށް ވީތީ ކުރާ އަނިޔާ އަދި ގެވެށި އަނިޔާގެ 49 މައްސަލައަކާއި ކުޑަކުދިންގެ އަޚުލާޤާ ގުޅުން ހުރި 19 މައްސަލައަކާއި ޙައްޤުތަކުން ކުޑަކުދިން މަޙްރޫމުކުރުމުގެ ދެ މައްސަލައެއްގެ އިތުރުން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި އުމުރުން ދުވަސްވީ މީހުނަށް އަޅައިލުމާއި އެހީތެރިކަން ބޭނުންވެގެން 19 މައްސަލައެއް މިދިޔަ މަހު ވަނީ ހުށަހަޅާފަ އެވެ.

މިދިޔަ މަހުގެ ނިޔަލަށް ދަޢުލަތުގެ ބެލުމުގެ ދަށުގައި ތިބި ކުދިންގެ ޖުމުލަ ޢަދަދަކީ 203 އެވެ.