Last Updated: March 29, 13:51
Friday, March 29, 2024
ޚަބަރު

ކިއުބާގެ ޑޮކްޓަރުންގެ ޓީމެއް ރާއްޖެ އަށް

ކިއުބާގެ ޑޮކްޓަރުންގެ ޓީމެއް މިއަދު ރާއްޖެ އަތުވެއްޖެ އެވެ.

ހެލްތް މިނިސްޓްރީން ބުނީ މިއީ ރާއްޖެ އަށް ބޭނުންވާ ސްޕެޝަލިސްޓް ޑޮކްޓަރުން ހޯދަން ރާއްޖެ އާއި ކިއުބާ ސަރުކާރާ ދެމެދު ވެފައިވާ އެއްބަސްވުމުގެ ދަށުން ރާއްޖެ އައި ޑޮކްޓަރުންގެ ފުރަތަމަ ބެޗް ކަމަށެވެ.

އެގޮތުން މިއަދު ރާއްޖެ އައި ޑޮކްޓަރުންގެ ޓީމުގައި ހިމެނެނީ ހަތަރު ސްޕެޝަލިސްޓް ޑޮކްޓަރުންްނެވެ. އަދި އަންނަ މަހުގެ ތިންވަނަ ދުވަހު 12 ސްޕެޝަލިސްޓް ޑޮކްޓަރުން ރާއްޖެ އަންނާނެ ކަމަށް ހެލްތް މިނިސްޓްރީން ބުނެ އެވެ.

މި ޑޮކްޓަރުންގެ ތެރޭގައި މޯލްޑިވިއަން ބްލަޑް ސާވިސަސްގައި މަސައްކަތް ކުރުމަށް އަންނަ ހެމޮޓޮލިޖިސްޓް އަކާއި، ނޭޝަނަލް ޑްރަގް އެޖެންސީގައި މަސައްކަތް ކުރުމަށް އަންނަ ސައިކޭޓްރިސްޓުންގެ އިތުރުން ދަމަނަވެށީގައި މަސައްކަތް ކުރުމަށް ފެމިލީ މެޑިސިން ޑޮކްޓަރަކާއި އަތޮޅުތަކުގެ ހޮސްޕިޓަލުތަކުގައި މަސައްކަތް ކުރުމަށް އަންނަ އެތެރެހަށީގެ ޑޮކްޓަރުންގެ އިތުރުން އޮޕަރޭޝަން ޑޮކްޓަރަކާއި، ހޭނައްތާ ޑޮކްޓަރުންގެ އިތުރުން ރޭޑިއޮލޮޖިސްޓުން ހިމެނެ އެވެ.

ރާއްޖޭގެ އެކިއެކި ދާއިރާތަކަށް ބޭނުންވާ ސްޕެޝަލިސްޓް ޑޮކްޓަރުން ކިއުބާ އިން ގެންނަމުންދާއިރު، ކިއުބާ އަކީ ރައްޔިތުންގެ ދުޅަހެޔޮ ހަށިހެޔޮ ސިއްހަތެއް ކަށަވަރުކުރުމަށް ކިއުރެޓިވް ކެއަރ އެކޭ އެއް ހަމައަށް ޕްރައިމަރީ ހެލްތް ކެއަރ އަށް އަހައްމިއްޔަތުކަމެއް ދީގެން ވަށައިޖެހޭ ހިދުމަތެއް ފޯރުކޮށްދެމުންދާ ސިއްހީ ނިޒާމެއް ގާއިމުކޮށްފައިވާ ގައުމެކެވެ.