Last Updated: April 19, 11:14
Friday, April 19, 2024
މުނިފޫހިފިލުވުން

ޝައިނީ "ބިގް ބޮސް 16" އަށް؟

ބޮލީވުޑްގެ ކުރީގެ އެކްޓަރު ޝައިނާ އަހޫޖާ އަށް ކަލާޒްގެ ރިއަލިޓީ ޝޯ، "ބިގް ބޮސް" ގެ 16 ވަނަ ސީޒަން ހުށަހަޅާފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

މި ޝޯގެ ތައްޔާރީތައް ވަމުން ދިޔަ ނަމަވެސް، ސަލްމާން ޚާން ހޯސްޓްކުރާ ޝޯގެ އާ ސީޒަނާ ބެހޭ އެއްވެސް ވާހަކައެއް އަދި ރަސްމީކޮށް ހާމައެއްނުކުރެ އެވެ. އެކަމަކު ބައެއް މީޑިއާތަކުން ބުނީ މި އަހަރުގެ ސެޕްޓެމްބަރު ނުވަތަ އޮކްޓޯބަރު ހިސާބުގައި ފަށާބެ ކަމަށް ބެލެވޭ ޝޯ، ޝައިނީގެ އިތުރުން ބައެއް އެހެން ސެލެބްރިޓީންނަށް ވެސް ހުށަހަޅާފައިވާ ކަމަށެވެ.

ބޮލީވުޑުން މިހާރު ގެއްލިފައިވާ ޝައިނީ އަކީ އޭނަގެ ގޭގައި ގެންގުޅުނު މެއިޑަކަށް ޖިންސީ ގޯނާކޮށްގެން އެކަމުގެ ސާބިތުވެ، ކެރިއަރު ހަލާކުވި އެކްޓަރެކެވެ. އުމުރުން 47 އަހަރުގެ ޝައިނީ ކުޅުނު ފިލްމުތަކުގެ ތެރޭގައި "ގޭންގްސްޓާ"، "ބޫލް ބުލައްޔާ"، "ވޯ ލަމްހޭ"، "ލައިފް…އިން އަ މެޓްރޯ" އަދި "ކޯޔާ ކޯޔާ ޗާންދު" ހިމެނެ އެވެ. ޝައިނީގެ އެންމެ ފަހުގެ ފިލްމަކީ 2015 ގެ "ވެލްކަމް" އެވެ.

ރިޕޯޓްތައް ބުނާ ގޮތުން ޝައިނީގެ އިތުރުން "ބިގް ބޮސް 16" ހުށަހަޅާފައިވާ ސެލެބްރިޓީންގެ ތެރޭގައި އަރުޖުން ބިޖްލާނީ، ސަނާޔާ އިރާނީ، ދިވްޔަންތާ ތުރިޕަޓީ، ސޯނިއާ އަޔޯދިއާ، އާޝިޝް ޗަންޗްލާނީ، ޖަންނަތު ޒުބައިރު، ފައިސަލް ޝައިހް ކަވޭރީ ޕްރިޔަމް އަދި ބަސީރު އަލީ ހިމެނެ އެވެ.

މިދިޔަ އަހަރު "ބިގް ބޮސް 15" ކާމިޔާބުކުރީ ރުބީނާ ދިލައިކެވެ.