Last Updated: March 29, 18:55
Friday, March 29, 2024
މުނިފޫހިފިލުވުން

މިއީ ހީރޯ އާއި ވިލަންގެ އޮޅުންބޮޅުންގަނޑެއް

އަންނަ މަހު ރިލީޒްކުރަން ހަމަޖެހިފައިވާ އެކްޝަން ތުރިލާ "އޭކް ވިލަން ރިޓާންސް" ގެ ޓްރެއިލާ މިއަދު ދައްކާލައިފި އެވެ.

ޝައުގުވެރި ގިނަ މަންޒަރުތަކާއި ތަޅާފޮޅުމުގެ ވަރުގަދަ މަންޒަރުތައް ވެސް ހިމެނޭ މި ފިލްމަކީ ޑައިރެކްޓަރު މޯހިތު ސޫރީ 2014 ގައި ގެނެސްދިން ކާމިޔާބު ފިލްމު "އޭކް ވިލަން" ގެ ސީކްއެލް އެވެ. އާ ފިލްމުގައި މުޅިން ތަފާތު ކާސްޓަކާ އެކު ފެނިގެންދާނީ ކުރީގެ ފިލްމުގައި ކިޔައިދިން ހާދިސާތަކުގެ އަށް އަހަރު ފަހުން ހިނގާފައިވާ ކަންތައްތަކެވެ. ކުރީގެ ފިލްމުގެ ތަރިންނަކީ ސިދާތު މަލްއުތުރާ އާއި ޝްރަދާ ކަޕޫރްގެ އިތުރުން ރިތޭޝް ދޭޝްމުކެވެ.

"އޭކް ވިލަން ރިޓާންސް" ގެ ތަރިންނަކީ ޖޯން އަބްރަހަމާއި ޑިޝާ ޕަޓާނީ އާއި އަރުޖުން ކަޕޫރްގެ އިތުރުން ތާރާ ސުތާރިއާ އެވެ. މިއިން ކޮންމެ ކެރެކްޓާ އަކީ އޭގެ ހަގީގަތް ސާފުނުވާ އަދި އެހާމެ ސިއްރުން ފުރިގެންވާ ކެރެކްޓާތަކެކެވެ. ޓްރެއިލާ އިން ވަނީ މިއީ ހީރޯ އާއި ވިލަންގެ އޮޅުންބޮޅުންގަނޑަކަށްވާނެކަން ވެސް ދައްކުވައި ދީފަ އެވެ.

އަންނަ މަހުގެ 29 ގައި ސިނަމާތަކަށް ގެންނަން ހަމަޖެހިފައިވާ "އޭކް ވިލަން ރިޓާންސް" ގައި ކުރީގެ ފިލްމުން މަޝްހޫރުވި ލަވަ "ގަލިޔާ" ވެސް ހިމެނެ އެވެ. ޓްރެއިލާ އިން އެ ލަވައިގެ އަޑުތަކެއް ގެނެސްދީފައިވެ އެވެ.

މީގެ ޑައިރެކްޓަރު މޯހިތު އެންމެ ފަހުން ގެނެސްދިން ފިލްމަކީ 2020 ގެ "މަލަންގް" އެވެ.