Last Updated: April 20, 18:41
Saturday, April 20, 2024
ޚަބަރު

އުޅަނދުތައް ޗެކްކުރަން ކޯސްޓް ގާޑުން ފަށައިފި

ކުރިއަށް އޮތް ޢީދު ބަންދާ ދިމާކޮށް އެމްއެންޑީއެފް ކޯސްޓް ގާޑުން ކަނޑު ދަތުރުކުރާ އުޅަނދުފަހަރު ޗެކް ކުރުމުގެ އޮޕަރޭޝަނެއް ފަށައިފި އެވެ.

ކޮންމެ އަހަރެއްގެ ވެސް އީދު ބަންދާ ދިމާކޮށް އެމްއެންޑީއެފް ކޯސްޓް ގާޑުން ކުރިއަށް ގެންދާ މި އޮޕަރޭޝަނަކީ ޢީދު ބަންދުގައި ކަނޑުމަގުން ގިނަ އަދަދެއްގެ ބަޔަކު ދަތުރުކުރާ ދުވަސްވަރަކަށްވުމާ އެކު، ދަތުރުކުރާ އުޅަނދާއި ޕަސިންޖަރުންގެ ސަލާމަތާއި ރައްކާތެރި ކަމަށް އަޅަން ޖެހޭ ފިޔަވަޅުތައް އަޅާފައިވޭތޯ ބެލުމުގެ ގޮތުން ކުރިއަށްގެންދާ އޮޕަރޭޝަނެކެވެ.

އެގޮތުން މިދިޔަ މަހުގެ 30 ވަނަ ދުވަހުން ފެށިގެން ކުރިއަށް ގެންދާ މި އޮޕަރޭޝަންގައި އުޅަނދުފަހަރުގެ ސަލާމަތީ ސެޓްފިކެޓްގައި ބަޔާންކޮށްފައި ހުންނަ ކަންކަން ފުރިހަމަ ކުރެވިފައިވޭތޯ އެމްއެންޑީއެފް ކޯސްޓްގާޑުން ބަލަމުން ގެންދާނެ އެވެ. އޭގެ ތެރޭގައި މެރިން ވީއެޗްއެފް ޗެކް ކުރުމާއި އުޅަނދުފަހަރުގެ ކެޕްޓަން އަތުގައި ކަނޑުގެ އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސް އޮތްތޯ ބެލުމުގެ އިތުރުން ދަތުރުވެރިންގެ ސަލާމަތާއި ރައްކާތެރިކަމާ ގުޅޭ ގިނަ ކަންތައްތައް ބެލުމަށް ވެސް ވަނީ ހަމަޖެހިފަ އެވެ.

އުޅަނދުފަހަރުގައި ސަލާމަތާއި ރައްކާތެރިކަމަށް އަޅަންޖެހޭ ފިޔަވަޅުތައް އަޅާފައިވޭތޯ ބެލުމަށް، މާލޭ ބަނދަރު ސަރަހައްދުގައި އެމްއެންޑީއެފް މާލޭ އޭރިއާ ކޯސްޓްގާޑު ސެކަންޑް ސްކޮޑްރަންގެ ސިފައިން ހަރަކާތްތެރިވާ އިރު، އެމްއެންޑީއެފްގެ އޭރިއާ ކޮމާންޑުތަކުގައި ޤާއިމްވެފައި ތިބޭ ކޯސްޓްގާޑު ސްކޮޑްރަންތަކުން ޢީދު ބަންދާ ދިމާކޮށް އަތޮޅުތަކުގެ ރަށްރަށުގައި ވެސް މި އޮޕަރޭޝަން އަންނަނީ ހިންގަމުންނެވެ.

އެގޮތުން، އެމްއެންޑީއެފް ނޮދަން އޭރިއާ ފަސްޓް ސްކޮޑްރަންއާއި، އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ތާޑު ސްކޮޑްރަން އަދި އެމްއެންޑީއެފް ސަދަން އޭރިއާ ފޯތު ސްކޮޑްރަންއިން، އެ އޭރިއާ ކޮމާންޑްތަކަށް ނިސްބަތްވާ ރަށްރަށުގެ ބަނދަރުން ފުރާ އުޅަނދުތަކާއި ބަނދަރަށް ވަންނަ އުޅަނދުފަހަރުތައް ޗެކްކުރަމުން ގެންދާނެ އެވެ.

މި އޮޕަރޭޝަން، ތިން ފޭހަކަށް ބަހާލައިގެން ކުރިއަށް ގެންދާ ގޮތަށް ހަމަޖެހިފައިވާ އިރު، ޢީދު ބަންދާއި، ބޮޑު ޗުއްޓީ ނިމެންދެން އެމްއެންޑީއެފް ކޯސްޓްގާޑުން މި އޮޕަރޭޝަން ކުރިއަށް ގެންދާ ގޮތަށް ހަމަޖެހިފަ އެވެ.

މި ދުވަސްވަރަކީ ރާއްޖެ އަށް މޫސުން ވެސް ވަރަށް ގޯސް ދުވަސްވަރަކަށްވުމާ އެކީ ކަމާ ބެހޭ ފަރާތްތަކުން އަންނަނީ ތަކުރާރުކޮށް ކަނޑު ދަތުރުކުރުމުގައި ސަމާލުކަން ދޭން އިލްތިމާސްކުރަމުންނެވެ.