Last Updated: April 23, 21:11
Tuesday, April 23, 2024
ޚަބަރު

ނުބައި އިންޖެކްޝަން ޖެހި ނަރުސް ސަސްޕެންޑު

އައްޑޫ ފޭދޫ ސިއްހީ މަރުކަޒަކަށް ގެންދިޔަ ބަލި މީހަކަށް ޖަހަން ޑޮކްޓަރުން އިރުޝާދުދިން އިންޖެކްޝަން ނޫން އިންޖެކްޝަނެއް ޖެހި ނަރުސް މީހާ ސަސްޕެންޑްކޮށްފި އެވެ.

އެނގިފައިވާ ގޮތުގައި މިދިޔަ ހަފުތާގެ ބުދަ ދުވަހު ހިނގި އެ ހާދިސާއާ ގުޅިގެން ވަގުތުން ނަރުހަށް ފިޔަވަޅު އަޅާފައިވެ އެވެ.

ނުބައި އިންޖެކްޝަން ޖެހި ހާދިސާ ގުޅިގެން ރޭ އައްޑޫ އިކްއެޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް) އިން ބުނީ އެ ހާދިސާ ރިވިއުކޮށް، އެކަން ނާސިން ކައުންސިލާ ވެސް ހިއްސާކޮށްފައިވާ ކަމަށެވެ.

"ބަލިމީހާގެ ހާލު ރަނގަޅު. މި ހާދިސާ މިހާރު ދަނީ ރިވިއު ކުރެވެމުން. އަދި މި ހާދިސާގެ މައުލޫމާތު ނާސިން ކައުންސިލާ ވެސް ވަނީ ހިއްސާ ކުރެވިފައި." ހޮސްޕިޓަލުން ބުންޏެވެ.

މެދު އުމުރުގެ އަންހެން މީހާގެ ގަޔަށް ޖަހަން ޖެހޭ އިންޖެކްޝަން ނޫން އިންޖެކްޝަނެއް ޖެހި، އޭނަގެ ހާލުގެ ސީރިއަސްވެ، އޭއީއެޗްގެ އައިސީޔޫގައި ވެސް ފަރުވާ ދީފައިވާ އިރު، އޭނަގެ ހާލު މިހާރު ރަނގަޅު ކަމަށް ހޮސްޕިޓަލާއި އާއިލާ އިން އިން ވެސް ބުނެފައިވެ އެވެ.

އަންހެން މީހާގެ އާއިލާގެ މީހަކު ހޮނިހިރު ދުވަހު "އައްޑޫ ލައިވް" އަށް ބުނީ އޭނާ ބުދަ ދުވަހު ސިއްހީ މަރުކަޒަށް ގެންދިޔައީ ހުން އައިސް ވަރަށް ބޮޑަށް ވަރުދެވާތީ ކަމަށެވެ. އަދި ޑޮކްޓަރަށް ދެއްކުމުން ދެ އިންޖެކްޝަނެއް ޖަހަން ދިން ކަމަށާއި އަންހެން މީހާގެ ހާލު ސީރިއަސްވީ އޭގެ ތެރެއިން އެއް އިންޖެކްޝަން ޖެހުމާ އެކީގައި ކަމަށެވެ. އެގޮތުން ނޭވާލާން ވަރަށް ބޮޑަށް އުނދަގޫވެ، ހާލު ދެރަވާން ފެށުމުން ހޮސްޕިޓަލަށް ގެންދިއުމުން އެތަނުން ފުރަތަމަ ކޮވިޑް ކޭހެއްގެ ގޮތުގައި ރިޕޯޓްކުރި ކަމަށް ބުންޏެވެ. ނަމަވެސް ފަހުން ކޮވިޑް ނޫން ކަމަށް ނިންމައި، އައިސީޔޫ އަށް ބަދަލުކޮށް ފަރުވާން ދޭން ފެށި ކަމަށް ބުންޏެވެ.

އާއިލާ އިން ވާހަކަ ދެއްކި މީހާ ބުނީ އައިސީޔޫގައި ފަރުވާދޭން ފެށުމާ އެކީ އަންހެން މީހާގެ ހާލު ރަނގަޅުވެ، އިއްޔެ ވޯޑަށް ބެސް ބަދަލުކޮށްފައިވާ ކަމަށެވެ.