Last Updated: March 29, 11:09
Friday, March 29, 2024
ދުނިޔެ

މިސް އިންޑިއާއަކަށް ސިނީ ޝެޓީ

މި އަހަރުގެ ފެމިނާ މިސް އިންޑިއާގެ މަގާމު ސިނީ ޝެޓީ އަށް ލިބިއްޖެ އެވެ.

ރޭ މުމްބާއީގެ ޖިއޯ ވޯލްޑް ކޮންވެންޝަން ސެންޓަރުގައި ބޭއްވި ހަފުލާގައި މިސް އިންޑިއާގެ މަގާމު ކަރުނާޓަކާ އަށް ނިސްބަތްވާ 21 އަހަރުގެ ސިނީ އަށް ލިބުނު އިރު، މުބާރާތުގެ ދެވަނަ އަކީ ރާޖަސްތާނަށް އުފަން ރުބަކް ސެކާވަތެވެ. އަދި ތިން ވަނަ އަކީ އުއްތަރު ޕްރަދޭޝް އަށް އުފަން ޝިނާތާ ޗޯހަން އެވެ.

މި އަހަރުގެ މިސް އިންޑިއާގެ އިވެންޓްގެ ޖަޖުންގެ ޕެނެލްގައި ހިމެނުނީ މަލައިކާ އަރޯރާ އާއި ނޭހާ ދޫޕިއާ އާއި ޑީނޯ މޯރިއާ އާއި ރޯހިތު ގާންދީ އާއި ރާހުލް ކަންނާގެ އިތުރުން ޝިއަމަކް ދަވަރްގެ އިތުރުން މިތާލީ ރާޖެވެ.

މިސް އިންޑިއާ މުބާރާތުގައި އިންޑިއާގެ 31 ސްޓޭޓަކުން ރީތީގެ ރާނީން ވާދަކުރި އެވެ.

މިސް އިންޑިއާ މުބާރާތަކީ މީގެ 70 އަހަރު ކުރިން 1952 ގައި ފެށި މުބާރާތެކެވެ. މި މުބާރާތް ބާއްވަމުން އަންނަމީ ދަ ޓައިމްސް ގްރޫޕުން ނެރޭ ފެމިނާ މަޖައްލާގެ ފަރާތުންނެވެ.

އިންޑިއާ އަކީ ދުނިޔޭގައި ބާއްވާ އެންމެ ބޮޑު ރީތީގެ ރާނީން ހޮވާ މުބާރާތްތައް ކަމަށްވާ މިސް ވޯލްޑާއި މިސް ޔުނިވާސްގައި ވާދަކޮށް މިހާތަނަށް ބޮޑެތި ކާމިޔާބީތަކެއް ހޯދާފައިވާ ގައުމެކެވެ.

މިސް އިންޑިއާ އަކީ އެ ދެ މުބާރާތަށް ރީތީގެ ރާނީން މަގުކޮށައިދޭ މުބާރާތެކެވެ.