Last Updated: April 23, 21:11
Tuesday, April 23, 2024
ޚަބަރު

އެކްސިޑެންޓްވި ހަތަރު މީހަކު އައިސީޔޫގައި

އިއްޔެ އިރާކޮޅު މާލޭގައި ކާރަކާއި ބަހެއް ޖެހިގެން ހިނގި ނުރައްކާތެރި އެކްސިޑެންޓްގައި އަނިޔާވި ހަތަރު މީހަކަށް ފަރުވާ ދެމުން އަންނަނީ އައިސީޔޫގައި ކަމަށް މިއަދު އައިޖީއެމްއެޗުން ބުނެފި އެވެ.

އެމްޓީސީސީގެ ބަހަކާއި ކާރެއް ޖެހިގެން ހިނގި އެކްސިޑެންޓްގައި ޖުމްލަ ހަ މީހަކަށް އަނިޔާވި އެވެ. އޭގެ ތެރެއިން އެކަކަށް ފަރުވާ ދެމުން ދަނިކޮށް ރޭ ވަނީ މަރުވެފަ އެވެ. އެއީ ގއ. މާމެންދޫ މަރިޔަމް އަމާނީ ރަޝީދު، 24، އެވެ.

އެކްސިޑެންޓާ ގުޅިގެން ހަތަރު މީހަކަށް އައިސީޔޫގައި ފަރުވާދެމުން އަންނަކަން އައިޖީއެމްއެޗުން ކަށަވަރުކޮށް ދިން އިރު، އޭގެ ތެރެއިން ތިން މީހަކަށް ފަރުވާދެނީ ވެންޓިލޭޓަރުގެ އެހީގައި ކަމަށް ވެސް ހޮސްޕިޓަލުން ބުންޏެވެ. ފަރުވާ ދެމުން އަންނަ މީހުންގެ ތެރޭގައި ހިމެނެނީ ދެ އަންހެނުންނާއި ދެ ފިރިހެނުންނެވެ.

މާލޭގައި މި ފަހުން ހިނގި އެންމެ ނުރައްކާތެރި އެއް އެކްސިޑެންޓް ކަމަށް ފާހަގަކުރެވޭ މި އެކްސިޑެންޓްގައި ބަހުގައި ޖެހި ކާރަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވެ އެވެ.