Last Updated: April 19, 06:56
Friday, April 19, 2024
ޚަބަރު

ބަންދުގައި ތިބޭ ކުދިންނަށް ކިޔަވައިދޭން އެއްބަސްވުމެއް

އެކިއެކި މައްސަލަތަކުގައި ބަންދުގައި ތިބޭ ކުދިންނަށް ކިޔަވައި ދިނުމާ ގުޅޭ އެއްބަސްވުމެއްގައި މޯލްޑިވްސް ކަރެކްޝަނަލް ސާވިސް (އެމްސީއެސް) އާއި އެޑިއުކޭޝަން މިނިސްޓްރީއާ ދެމެދު މިއަދު އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

އެމްސީއެސްގެ ފަރާތުން ސޮއިކުރެއްވީ ޕްރިޒަންސް ކޮމިޝަނަރު އަހުމަދު މުހައްމަދު ފުޅެވެ. މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޕާމަނަންޓް ސެކްރެޓަރީ އަހުމަދު އަލީ އެވެ.

މިއަދު ސޮއިކުރި އެއްބަސްވުމުގެ މަގުސަދަކީ ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫން) ގެ 21 ވަނަ މާއްދާ އާއީ ކުޑަކުދިންގެ ޢަދުލުގެ ޤާނޫނުގެ 16 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ބަންދެއްގައި ކުއްޖަކު ބަހައްޓަން ޖެހޭ ޙާލަތުގައި، އެއްވެސް ތަފާތުކުރުމެއް ނެތި ކުއްޖާގެ އުމުރުފުރައާ ގުޅޭ ގޮތަށް ކުއްޖާ އަށް ތަޢުލީމު ލިބިދިނުމުގެ ފުރުސަތު ފަހިކޮށް ދިނުމެވެ.

އެއްބަސްވުމުގެ ދަށުން އެޑިއުކޭޝަންގެ މައްޗަށް ކަނޑައަޅާފައިވާ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ކުޑަކުދިން ބަހައްޓާ މަރުކަޒަށް ގެނެވޭތާ މަސް ދުވަހުގެ ތެރޭގައި އެމްސީއެސްގެ އެހީގައި އެ މަރުކަޒު ހުރި ރަށުގެ ސްކޫލްގެ މުދައްރިސުން މެދުވެރިކޮށް އެ ކުއްޖާގެ ތަޢުލީމީ ފެންވަރު ބެލުމަށް އެކަޑެމިކް އެސެސްމަންޓް ހެދުމާއި ރިޕޯޓް ތައްޔާރުކުރުމަށް ފަހު އެ ކުއްޖާގެ ފެންވަރުގެ މައްޗަށް ބިނާކޮށް އިންޑިވިޖުއަލް ލާނިން ޕްލޭން ތައްޔާރުކުރުމާއި އެ ކުއްޖާ ބަންދުގައި ހުންނަ މުއްދަތުގައި ކިޔެވުން ކުރިއަށް ގެންދާނެ ޕްލޭނެއް ތައްޔާރުކުރުން ފަދަ ކަންތައްތައް ހިމެނެ އެވެ.

އެމްސީއެސްގެ މައްޗަށް ލާޒިމްކޮށްފައިވާ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ކުދިންނަށް ކިޔަވައިދޭ މުދައްރިސުންނަށް އިނާޔަތްދިނުމާއި ކުދިން ކްލާސްތަކަށް ހާޒިރުކޮށް ދިނުމާއި ކިޔެވުމަށް ބޭނުންވާ ތަކެތި ހޯދުމާއި މުދައްރިސުންގެ ސެކިއުރިޓީ ބެލެހެއްޓުން ފަދަ ކަންތައްތައް ހިމެނެ އެވެ.