Last Updated: March 28, 21:55
Thursday, March 28, 2024
ޚަބަރު

ގޮޓާބަޔާ ގެނައުމުގައި ނަޝީދު އަދާކުރެއްވި ދައުރު ހާމަކުރޭ

ފޮޓޯ: އެމްއެންޕީ

ސްރީލަންކާގެ ރައީސް ގޮޓާބަޔާ ރާޖަޕަކްސަ ރާއްޖެ ގެނައުމުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދު އަދާކުރެއްވި ދައުރު ސާފުކޮށްދޭން އެމްއެންޕީން ގޮވާލައިފި އެވެ.

އެމްއެންޕީން މިކަމަށް ގޮވާލީ ލަންކާ އިން ފިއްލަވައިގެން ގޮޓަބަޔާ ރޭގެ ވަގުތެއްގައި ރާއްޖެ ވަޑައިގަތުމާއި އޭގެ ސަބަބުން ދިވެހިންނަށް ދިމާވެދާނެ ދުއްތުރާތަކުން ރައްކާތެރިކޮށްދިނުން އެދި މަޖިލީހަށް ހުށަހެޅި މައްސަލައެއްގަ އެވެ.

އެމްއެންޕީން ހުށަހެޅި މައްސަލާގައި ބުނެފައިވަނީ ލަންކާގެ ރައްޔިތުންގެ ނަފްރަތު އެޤައުމުގެ ސަރުކާރަށް އިންތިހާ ދަރަޖައަށް ކުރިމަތިވެ، ރައްޔިތުންގެ މުޒާހަރާތައް ސަލާމަތީ ބާރުތަކަށް ކޮންޓްރޯލް ނުވެ، ވެރިކަންކުރާ ފަރާތްތަކަށް ނިސްބަތްވާ ޢިމާރާތްތައް އަންދަމުންދާ މިދަނޑިވަޅުގައި، ރާއްޖެއިން ސްރީލަންކާގެ ރައީސް ފިއްލެވުމަށް އެހީތެރިންކަން ފޯރުކޮށްދިންކަމަށް އެޤައުމުގެ ރައްޔިތުންނަށް ޤަބޫލު ކުރެވޭތީ އޭގެ ސަބަބުން ލަންކާގައި ދިރިއުޅެމުންދާ ދިވެހި ރައްޔިތުންނަށް ދިމާވެދާނެ ނުރައްކަލާއި ދުއްތުރާ އަކީ ކަންބޮޑުވާ ކަމެއް ކަމަށެވެ.

ލަންކާގައި ހުންނަ ރާއްޖޭގެ ހައިކޮމިޝަންގެ ސަލާމަތާއި ރައްކާތެރިކަމާ މެދު ވެސް ކަންބޮޑުވާ ކަމަށް އެމްއެންޕީން ބުނެފައިވެ އެވެ. ސަބަބެއް ކަމަށް ބުނެފައިވަނީ ލަންކާގައި ވަޒަންވެރިވެގެން އުޅޭ ދިވެހި ރައްޔިތުންނާއި އެހެންވެސް ސަބަބުތަކާއި ގުޅިގެން އެޤައުމުގައި ތިބި ދިވެހިންނަށް އެހީތެރިވުމުގެ ފުރަތަމަ ސަފުގައި މަސައްކަތް ކުރަން ޖެހޭނީ ދިވެހި ހައި ކޮމިޝަން ކަމަށްވުމެވެ.

މީގެއިތުރުން ސަރުކާރުގެ މި ފިޔަވަޅުގެ ސަބަބުން ދިމާވެދާނެ އަރައްކަލާއި ނުރައްކަލުގެ އެސެސްމެންޓެއް ހައްދަވާފައިވާކަން ދޭހަވާނެ އެއްވެސް ކަމެއް ސަރުކާރުގެ ފަރާތުން ނުފެނުމަކީ ވެސް ކަންބޮޑުވާ ކަމެއް ކަމަށް އެމްއެންޕީން ހާމަކުރެ އެވެ. އަދި، މިކަމުގައި އެންމެ ކުރީ ސަފުގައި ޢަމަލީ ގޮތުން ޙަރަކާތްތެރިވާތަން ފެންނަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ކަމަށްވާއިރު މިއީ ހުރިހާ މަރުހަލާއެއްގައި، ސަރުކާރުން ހަރަކާތްތެރިވާން ޖެހޭ ކަމެއް ކަމަށްވެސް އެމްއެންޕީން ބުނެ އެވެ.

"އެހެންކަމުން، މިކަމުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު އަދާކުރެއްވި ދައުރާއި އޭގެ ފަހަތުގައިވާ ކަންކަން މަޖިލީހުގެ މެމްބަރުންނަށާއި، ސިޔާސީ ޕާޓީތަކަށާއި، ދިވެހި ރައްޔިތުންނަށް އެނގެންވާނެ ކަމުގައި މިޕާޓީން ދެކެން. އަދި އެމްއެންޕީގެ ހުށަހެޅުމަކީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު އެމައުލޫމާތު ލަސްނުކުރައްވާ ހިއްސާ ކުރެއްވުން." އެމްއެންޕީން ބުނެ އެވެ.

އެމްއެންޕީން ވަނީ މިކަންކަމަކީ ރާއްޖޭގެ ޤައުމީ މަސްލަހަތާއި ދިވެހި ރައްޔިތުންގެ ސަލާމަތާއި ގުޅިފައިވާ ކަންކަން ކަމަށްވާތީ، ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާބެހޭ ކޮމިޓީއާއި ޚާރިޖީ ގުޅުންތަކުގެ ކޮމިޓީގެ މެމްބަރުން ހިމެނޭ ޖޮއިންޓް ކޮމިޓީއަކުން މިކަންކަން ބަލައި ސަރުކާރުން އަޅަން ޖެހޭ ފިޔަވަޅުތައް އެޅުން އަވަސްކޮށްދިނުމަށް އެމްއެންޕީން ވަނީ އެދިފަ އެވެ.

މީގެއިތުރުން އެމްއެންޕީން ވަނީ ސަރުކާރުން ސްރީލަންކާގެ ރައީސްއަށް ދެއްވާފައިވާ ވީސާގެ ބާވަތާއި، އެފަދައިން ޢަމަލުކުރެއްވި ސަބަބު އޮޅުންފިލުވައި ދިނުމަށް ވެސް އެދިފަ އެވެ.