Last Updated: August 8, 11:43
Monday, August 8, 2022
ޚަބަރު

ރާއްޖޭގައި އިންވެސްޓް ކުރަން އިންޑިއާ ކުންފުނިތަކަށް ދައުވަތު

އިންޑިއާގެ ވިޔަފާރިވެރިން ރާއްޖޭގައި އިންވެސްޓް ކުރުމަށް ދަޢުވަތު ދެއްވައި، ރާއްޖޭގައި ބޭރުގެ އިންވެސްޓަރުންނަށް ފަހި މާހައުލެއް ޤާއިމުކޮށްދެއްވާނެކަމުގެ ޔަޤީންކަން ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ދެއްވައިފި އެވެ.

ރައީސް މިހެން ވިދާޅުވީ އިންޑިއާގެ ވެރިރަށް ނިއު ދިއްލީގައި ބޭއްވި އިންޑިއާ – މޯލްޑިވްސް ބިޒްނަސް ފޯރަމްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މި ފޯރަމްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ކޯވިޑް-19ގެ ބަލިމަޑުކަމަށްފަހު ރާއްޖެއިން މިހާރު މުހިންމު ބޮޑެތި ބަދަލުތަކެއް ގެންނަމުންދާ ކަމަށާއި އެގޮތުން ސަރުކާރުން އަމާޒުހިފާފައި ވަނީ ވިލުންތެރި، ތިމާވެށްޓާ ރަޙްމަތްތެރި އަދި ސިންދަފާތު އިޤްތިޞާދެއް ބިނާކުރުމަށް ކަމަށެވެ. އެހެންކަމުން އިޤްތިޞާދުގެ ތެރެއިން ތަފާތު އިންވެސްޓްމަންޓްތަކަށް ގިނަ ފުރުޞަތުތަކެއް ރާއްޖޭގައި ހުޅުވިފައި އޮންނާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސް ވަނީ ކޮވިޑްގެ ބަލިމަޑުކަމާއެކު ރާއްޖެއަށް ކުރިމަތިވި ދަތިކަމުން އަރައިގަނެ، ރާއްޖެއަށް ފަތުރުވެރިން ޒިޔާރަތްކުރާ ނިސްބަތްވެސް ކޮވިޑް ބަލިމަޑުކަމުގެ ކުރީގައި އޮތް މިންވަރަށް ރުޖޫޢަ ކުރެވިފައިވާކަން ފާހަގަކުރައްވާފައެވެ.

އިންޑިއާ އާއި ރާއްޖެއާ ދެމެދު އޮންނަ ގާތް ރަހުމަތްތެރި ގުޅުމަށް އިޝާރާތްކުރައްވައި ރައީސް ވިދާޅުވީ، އިންޑިއާއަކީ އަބަދުވެސް ބަރޯސާވެވޭ ރާއްޖޭގެ މުހިންމު ބައިވެރިއެއް ކަމުގަ އެވެ. އެގޮތުން މޯލްޑިވްސް – އިންޑިއާ ޕާރޓްނަރޝިޕަކީ ދެ ޤައުމުގައި ހުރި ތަފާތު ވަޞީލަތްތަކާއި ދެ ޤައުމުގެ ސައިޒުގެ ގޮތުން ދެ ޤައުމުގެ ކުރިއެރުމަށްވެސް ފައިދާކުރަނިވި ނަމޫނާ ޕާރޓްނަރޝިޕެއް ކަމަށް ރައީސް ވިދާޅުވި އެވެ.

މީގެއިތުރުން ރައީސް ވަނީ މި ސަރުކާރުން އަބަދުވެސް މަސައްކަތް ކުރައްވަމުން ގެންދަވާނީ، އިންޑިއާއާއެކު ގާތް ރަޙްމަތްތެރި ގުޅުމެއް ބޭއްވުމަށް ކަމަށްވެސް ވިދާޅުވެފަ އެވެ.

އިންޑިއާ – މޯލްޑިވްސް ބިޒްނަސް ފޯރަމްގައި ރައީސުލްޖުމްހޫރިއްޔާ ވާހަކަފުޅު ދައްކަވާފައި މިވަނީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ދަޢުވަތަކަށް އެމަނިކުފާނު އިންޑިއާއަށް ކުރައްވާ ހަތަރު ދުވަހުގެ ރަސްމީ ދަތުރުފުޅުގެ ތެރެއިންނެވެ.