Last Updated: April 25, 12:03
Thursday, April 25, 2024
މުނިފޫހިފިލުވުން

"ތުރިދޭވް" ގެ ރިމޭކެއް ސަލްމާން ހަދަނީ

މީގެ 33 އަހަރު ކުރިން ރިލީޒްކުރި ކާމިޔާބު ހިންދީ ފިލްމު "ތުރިދޭވް" ގެ ރިމޭކެއް ހަދަން ސަލްމާން ޚާން ތައްޔާރުވަމުން އަންނަ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

އެ ފިލްމަކީ ސަލްމާން ސުޕަސްޓާރަކަށް ބަދަލުކޮށްދިން ފިލްމު "މޭނޭ ޕިޔާރު ކިޔާ" ރިލީޒްކުރި އަހަރު ކަމަށްވާ 1989 ގައި ޑައިރެކްޓަރު ރަޖީވް ރާއީ ގެނެސްދިން ފިލްމެކެވެ. އެކްޝަން ތުރިލާއެއްގެ ގޮތުގައި ގެނެސްދިން "ތުރިދޭވް" ގެ މައިގަނޑު ކާސްޓުންގެ ތެރޭގައި ސަނީ ޑިއޯލް، ޖެކީ ޝްރޮފް، ނަސީރުއްދީން ޝާހް، މަދޫރީ ޑިކްސިޓް، ސަންގީތާ ބިޖްލާނީ ސޯނަމް، އަނޫޕަމް ކޭރް އަދި އަމްރިޝް ޕޫރީ ހިމެނެ އެވެ.

ބޮލީވުޑް ލައިފުން ބުނީ އެ ފިލްމުގެ ރިމޭކެއް މި ޒަމާނަށް ފެތޭ ގޮތަށް ގެނެސްދިނުމުގެ ހިޔާލު ސަލްމާނަށް ދިނީ އޮރިޖިނަލް ފިލްމު ގެ ޑައރެކްޓަރު ކަމަށެވެ. އަދި އެ ހުށަހެޅުން ސަލްމާނަށް ވަރަށް ކަމުދިއުމުން ފިލްމު ހަދާނެ ކަމަށް ބުނެފައިވެ އެވެ. އެހެންވެ އޭނަ ވެސް ރޯލެއް ކުޅޭ ގޮތަށް "ތުރިދޭވް" ގެ ރިމޭކް މާ ލަސްތަކެއް ނުވެ އިއުލާންކުރާނެ ކަމަށް ބުންޏެވެ.

ރަޖީވް އަކީ ބެލުންތެރިންގެ މެދުގައި ވަރަށް މަޝްހޫރުވި ފިލްމުތައް ކަމަށްވާ 1994 "މޮހްރާ" އާއި 1997 ގެ "ގުޕްތު" ވެސް ގެނެސްދިން ޑައިރެކްޓަރެވެ.

ސަލްމާން މިހާރު އަންނަނީ ޑިސެމްބަރު 30 ގައި ރިލީޒްކުރަން ހަމަޖެހިފައިވާ "ކަބީ އީދު ކަބީ ދިވާލީ" ގެ މަސައްކަތްކުރަމުންނެވެ. ރިޕޯޓްތައް ބުނާ ގޮތުން މި ފިލްމު ނިންމާފައި ދެން އޭނާ ޝޫޓިން ފަށާނީ 2005 ގެ "ނޯ އެންޓްރީ" ގެ ސީކްއެލް "ނޯ އެންޓްރީ މޭ އެންޓްރީ" ގެ މަސައްކަތެވެ.

އަންނަ އަހަރު ސަލްމާންގެ "ޓައިގާ 3" ރިލީޒްކުރަން ހަމަޖެހިފައިވެ އެވެ. ކެޓްރީނާ ކައިފް ބަތަލާގެ ރޯލު ކުޅެފައިވާ އަދި މަނީޝް ޑައިރެކްޓްކުރި ފިލްމު އޮތީ ޝޫޓިން ނިންމައި ޕޯސްޓް-ޕްރޮޑަކްޝަންގަ އެވެ.