Last Updated: August 18, 09:41
Thursday, August 18, 2022
މުނިފޫހިފިލުވުން

މިސް ޔުނިވާސް ގޮވައިގެން ކޯޓަށް

މިދިޔަ އަހަރުގެ މިސް ޔުނިވާސްގެ ތާޖު ލިބުނު އިންޑިއާގެ ހަރްނާޒް ކޯރް ސަންދޫ، ޕަންޖާބީ ފިލްމަކަށް ހަދާފައި އޮތް އެގްރިމަންޓާ ހިލާފުވުމާ ގުޅިގެން އޭނާ އަށް ދައުވާކޮށްފި އެވެ.

ބޮލީވުޑަށް ނުކުތުމުގެ ހުވަފެން މިހާރު ދެކެމުން އަންނަ ރީތީގެ ރާނީ އަށް ދައުވާކުރަން ސިވިލް ކޯޓަށް ހުށަހެޅީ އޭނަ އަށް މިސް ޔުނިވާސްގެ ޓައިޓްލް ލިބުމުގެ ކުރިން ސޮއިކޮށް، ޝޫޓިން ވެސް ނިންމާފައި އޮތް ފިލްމު "ބާއީ ޖީ ކުއްޓަންގޭ" އަށް ހެދި އެގްރިމަންޓާ ހިލާފުވުމާ ގުޅިގެންނެވެ. މި މައްސަލާގައި ހަރްނާޒަށް ދައުވާކުރަނީ ފިލްމުގެ ރޯލެއް ވެސް ކުޅުނު "ދަ ކަޕިލް ޝަރުމާ ޝޯ" ގައި ކުރިން ބައިވެރިވަމުން އައި ކޮމެޑީ ބަތަލާ/ޕްރޮޑިއުސަރު އުޕަސާނާ ސިންގް އެވެ.

އޭނާ ބުނީ ހަރްނާޒް، 22، އަށް ދައުވާކުރަން ނިންމީ މި މަހުގެ 19 ގައި ރިލީޒްކުރަން ހަމަޖެހިފައިވާ ފިލްމުގެ ޕްރޮމޯޝަނަލް ހަރަކާތްތަކުގައި ވެސް ބައިވެރިވާން ތަކުރާރުކޮށް އެދުމުން އެކަމަށް އިޖާބަ ނުދީ ފިލްމުގެ މާކެޓިން ވެސް ހުރަސް އަޅާތީ ކަމަށެވެ. އުފަސާނާ ބުނި ގޮތުގައި އޭނަ އަމިއްލަ އަށް ހަރަދުކޮށްގެން ހެދި ފިލްމު ރިލީޒްނުކުރެވި ލަސްވީ ވެސް ހަރްނާޒްގެ އަމަލުތައް ހުރި ގޮތުން ކަމަށާއި އޭނަ މިހާރު އުޅެނީ ފެންވަރު އޮޅިގެން ކަމަށެވެ.

"މިސް ޔުނިވާސްގެ ތާޖު ލިބުނީމަ މިހާރު ފެންވަރު އޮޅިގެން އަހަރެމެންގެ މި ފިލްމުގެ އެއްވެސް ކަމެއްގައި ބައިވެރި ނުވާން އޭނަ ނިންމައިގެން އެ ހުރީ. ހަގީގަތުގައި މިއީ އޭނަ އަހަންނަށް މާލީ ގޮތުން ވެސް ދިން ވަރަށް ބޮޑު ގެއްލުމެއް. އެ ގެއްލުން ކްރޯޑަށް އަރާނެ،" ޖުދާއީ އާއި ޖުޅުވާ 2 ފަދަ އެތައް ފިލްމެއްގެ މަސައްކަތްކޮށްފައިވާ އަދި އިންޑަސްޓްރީގައި އުޅޭތާ 30 އަހަރުވީ އުޕަސާނާ ބުންޏެވެ. "މި މައްސަލާގައި ކޯޓަށް ދާން ޖެހުނީ އެ ނޫން އެއްވެސް ގޮތެއް ނެތީމަ."

އޭނާ ބުނި ގޮތުގައި ހަރްނާޒަށް ދުނިޔޭގެ ސަމާލުކަން ލިބުމުގެ ކުރިން އޭނަ އަކީ އެއްވެސް މީހެއް ނޫނެވެ. އަދި އޭނަ އެކްޓްކުރަން ބޭނުންވާތީ އެ ފުރުސަތު ވެސް ފަހިކޮށް ދިނުމުން މިހާރު ކަންތައް ކުރީ ކާންދިން މީހާ އަތުގައި ދަތްއަޅާ އުސޫލުން ކަމަށް ބުންޏެވެ.

"އޭނަ އަކީ އަހަރެން އަމިއްލަ ދަރިއެއް ވެސް ގޮތަށް ދެކެމުން އައި މީހެއް. އެކަމަކު މިހާރު ފެންވަރު އޮޅިގެން އޭނަ އަށް އަހަރެމެންގެ ޕަންޖާބީ ފިލްމަކީ އެއްވެސް އެއްޗެއް ނޫން ކަމަށް މިހާރު ދެކެނީ،" އުޕަސާނާ ބުންޏެވެ. "ހިއެއް ނުކުރަން ދުވަހަކު ވެސް މި ވަރުގެ ލަނޑެއް އޭނަ ދޭނެ ކަމަކަށް. އަދި އުންމީދުކުރަނީ އެހެން މީހުން ވެސް ދެން ހަރްނާޒާ މެދު ސަމާލުވުމަށް."

މިސް ޔުނިވާސްގެ ޓައިޓްލް ލިބުނު ފަހުން ހަރްނާޒް މިދިޔަ އަހަރު ދީފައިވާ އިންޓަވިއުއެއްގައި ބުނެފައި ވަނީ އޭނަގެ ހުވަފެނަކީ ޑައިރެކްޓަރު ސަންޖޭ ލީލާ ބަންސާލީގެ ފިލްމެއް ކުޅުން ކަމަށެވެ.