Last Updated: April 25, 18:52
Thursday, April 25, 2024
ޚަބަރު

ކުދިންނަށް އިގުތިސާދުކުރަން ދަސްކޮށްދޭން ޖެހޭ

އިގުތިސާދު ކުރުމަކީ އެންމެ ކުޑައިރުން ފެށިގެން ވެސް ކޮންމެ ކުއްޖެއްގެ ކިބައިގައި ވެސް ހަރުލައްވަން ޖެހޭ ވަރަށް މުހިންމު އާދައެއް ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

މި އަހަރުގެ ދިރާސާ އާ އަހަރު ފެށުމުގެ ގޮތުން އަމީނިއްޔާ ސްކޫލުން ބޭއްވި ހާއްސަ އެސެބްލީގައި ބައިވެރިވެވަޑައިގެން ދެއްކެވި ވާހަކައިގައި ރައީސް ވިދާޅުވީ ރާއްޖެ އާއި ދުނިޔޭގެ މިހާރުގެ ހާލަތަށް ބަލާ އިރު، ކިޔަވާކުދިން ހާއްސަ ސަމާލުކަމެއް ދޭން ޖެހޭ ވަރަށް މުހިންމު ދެ ދާއިރާއެއް އެބައިތް ކަމަށެވެ. އެގޮތުން އެއް ކަމަކަށް، ތިމާވެށި ހިމާޔަތްކުރުމަކީ އެންމެ ޅަފަތުން ފެށިގެން ވެސް ކޮންމެ ކުއްޖެއްގެ ކިބައިގައި ހުރުން ލާޒިމުކުރާ ސިފައަކަށް ހެދުމުގެ އިތުރަށް އިގުތިސާދުކުރުމުގެ އާދަ ކުދިންގެ ކިބައިގައި ހަރުލެއްވުން މުހިއްމު ކަމަށް ވިދާޅުވި އެވެ.

ރައީސް ވަނީ ދިރާސީ އާ އަހަރުގެ ކިޔެވުން ފަށާއިރު ހިތް ހަމަޖެހުމާއި އާ އަޒުމަކާއެކު ކިޔެވުން ފެށުމަށް ވެސް ދަރިވަރުންނަށް އިލްތިމާސް ކުރައްވައިފަ އެވެ. ރައީސް ވިދާޅުވި ގޮތުގައި ސްކޫލަކަށް ހާޒިރުވެ ކިޔެވުމަކީ، ގިނަ ކަންތައްތައް އެކަމުގައި އެކުލެވޭ ކަމެކެވެ. އެގޮތުން ކިޔެވުމުގެ ތެރެއިން، އަހލާގީ ރިވެތި ސިފަތައް ލިބިގަތުމާއި ފިލާވަޅުތައް ދަސްކުރުމާއި އަދި އޭގެ އިތުރުން ދުޅަހެޔޮ، ހަށިހެޔޮ، ޒިންމާދާރު ކުދިބަޔަކަށްވުމަކީ ވެސް މުހިންމު ކަމެއް ކަމެއް ކަމަށް ވިދާޅުވި އެވެ.

"ސްކޫލުގެ މާހައުލަކީ އުފާވެރި މާހައުލަކަށް ހެދުމަށްޓަކައި އެއްކުއްޖަކު އަނެއް ކުއްޖަކަށް އެހީތެރިކަން ފޯރުކޮށްދިނުމަކީ ވެސް ވަރަށް މުހިންމު ކަމެއް." ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ އިލްމީ ގޮތުން ކުރިއަރާފައިވާ ޒުވާން ޖީލެއް އުފެއްދުމަށް ސަރުކާރުން ކުރަމުން ގެންދާ މަސައްކަތް ކާމިޔާބު ވެސް ވާނެ ކަމަށެވެ.