Last Updated: April 23, 21:11
Tuesday, April 23, 2024
ޚަބަރު

ހައްލު އޮތީ މަރުގެ ހުކުމް ތަންފީޒުކޮށްގެން: ޖަމީލު

ރާއްޖޭގައި އަނެއްކާ ވެސް އަނިޔާވެރި ގޮތަކަށް މީހަކު މަރާލާފައިވާތީ މިކަމަށް އޮތް ހައްލަކީ މަރުގެ ހުކުމް ތަންފީޒުކުރަން ފެށުން ކަމަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެ އެވެ.

އޭނާ ނިސްބަތްވެވަޑައިގަަންނަވާ ފުވައްމުލަކުގެ 22 އަހަރުގެ އަންހެނަކު ރޭ މާލޭގައި މަރާލާފައިވާތީ ކަންބޮޑުވުން ފާޅުކުރައްވައި ޖަމީލު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އަޑު އިވިގެން ދިޔައި އިންތިހާ އަށް ބިރުވެރި ކުށެއްގެ ވާހަކަ ކަމަށެވެ. އަދި ރާއްޖޭގައި މީހުން މެރުން އާންމުވަމުންދާތީ އެފަދަ ޖަރީމާތައް ހިންގާ މީހުންނަށް މަރުގެ ހުކުމް ތަންފީޒުކުރުމަކީ ސަރުކާރުން ދައްކަންވެއްޖެ ވާހަކައެއް ކަމަށް ވެސް ޖަމީލު ވިދާޅުވި އެވެ.

"ދެން ވެސް މަރުގެ ހުކުމް ތަންފީޒްނުކުރާނެ ވާހަކަ ސަރުކާރުން ދެއްކުމަކީ ގޯސް މެސެޖެއް." އޭނާ ވިދާޅުވީ އެވެ.

އޭނާ ވިދާޅުވީ ރާއްޖޭގެ މުޖުތަމައަށް ދޫކުރަން ހެޔޮނުވާވަރުގެ މުޖުރިމުން އެބަތިބި ކަމަށެވެ.

"އެއްވެސް ހާލެއްގައި ދޫކުރަން ހެޔޮނުވާވަރުގެ ނުރައްކާތެރި މުޖުރިމުން އެބަތިބިކަން ޤަބޫލުކުރަން ޖެހޭ،" ޖަމީލު ވިދާޅުވި އެވެ. "[އެހެންވީމަ] ހައްލު އޮތީ މަރުގެ ޙުކުމް ތަންފީޒްކޮށްގެން."

ރޭ ހ. ޝީރީނުވިލާވިލާގެ އެޕާޓްމަންޓެއްގެ ތެރޭގައި ބޮލާއި ހަށިގަނޑު ބައެއް އެހެން ގުނަވަންތަކެއް ވެސް ބުރިކޮށްލައި މަރާލީ ފުވައްމުލަކު މާދަޑު އަވަށު ކުރި، ޝިއާއު މުހައްމަދު ސައީދެވެ. އެ މަރާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ރާއްޖޭގެ މަޝްހޫރު ސްކޭޓަރެއް ކަމަށްވާ ފ. ނިލަންދޫ، ފިނިފެންމާ ގޭ އަލީ ޝާހިލް، 23، އެވެ. އެވެ.