Last Updated: April 25, 17:01
Thursday, April 25, 2024
މުނިފޫހިފިލުވުން

ޝާހިދަށް އަނެއްކާ ވެސް ރިމޭކެއް ހުށަހަޅައިފި

ބޮލީވުޑްގެ ތަރި ޝާހިދު ކަޕޫރަށް މި ފަހުން ހުށަހަޅާ ރިމޭކްތައް ގިނަ އެވެ. އޭނަގެ އެންމެ ފަހުގެ ދެ ފިލްމަކީ ވެސް ރިމޭކްތަކެވެ. އެގޮތުން އެޕްރީލްގައި ރިލީޒްކޮށް، ބެލުންތެރިންގެ މާ ބޮޑު ތަރުހީބެއް ނުލިބުނު "ޖާޒީ" އަކީ ހަމަ އެ ނަމުގައި 2019 ގައި ގެނެސްދިން ތެލެގޫ ފިލްމެއްގެ ރިމޭކެކެވެ.

މި ފިލްމުގެ ކުރިން ޝާހިދު ކުޅުނު ރިމޭކަކީ 2019 ގެ "ކަބީރް ސިންގް" އެވެ. ބެލުންތެރިންގެ ބޮޑު ތަރުހީބެއް ލިބުނު އެ ފިލްމަކީ އެ އަހަރުގެ އެންމެ ކާމިޔާބު އެއް ފިލްމެވެ. "ކަބީރް ސިންގް" އަކީ 2017 ގެ ތެލެގޫ ފިލްމު "އަރުޖުން ރެޑީ" ގެ ރިމޭކެވެ.

ދެން ބެލުންތެރިންނާ ހަމައަށް އަންނަން އޮތް ޝާހިދުގެ ފިލްމު "ބްލަޑީ ޑެޑީ" އަކީ ވެސް ރިމޭކެކެވެ. މިއީ 2011 ގެ ފްރާންސްގެ ފިލްމު ނުއީ ބްލާންޗް (ސްލީޕްލެސް ނައިޓް) ގެ ރިމޭކެކެވެ. ރިޕޯޓްތައް ބުނާ ގޮތުން އަލީ އައްބާސް ޒަފަރު ޑައިރެކްޓްކުރި ފިލްމު ރިލީޒްކުރާނީ ސްޓްރީމިން ޕްލެޓްފޯމަކުންނެވެ.

ފިލްމީ ޚަބަރުތައް ގެނެސްދޭ ނޫސްތަކުން ބުނާ ގޮތުން ޝާހިދަށް މިހާރު ވަނީ އަނެއްކާ ވެސް ދެކުނު ފިލްމެއްގެ ރިމޭކެއް ހުށަހަޅައިފަ އެވެ. އެއީ 2013 ގެ މަލަޔާޅަމް ސައިކޮލިޖިކަލް ތުރިލާ "މުމްބާއީ ޕޮލިސް" އެވެ. ރޯޝަން އެންޑްރޫ ޑައިރެކްޓްކުރި ފިލްމަކީ ފުލުހަކަށް ދިމާވާ ކަންތައްގަނޑެއް ދައްކުވައިދިން ވަރަށް ކާމިޔާބު ފިލްމެކެވެ. އޭގެ ބަތަލަކީ ޕްރިތުވީރާޖް ސުކްމަރަން އެވެ.

ބޮލީވުޑް ހަންގާމާ އިން ބުނި ގޮތުގައި "މުމްބާއީ ޕޮލިސް" ގެ ރައިޓްސް ގަނެ، އޭގެ ހިންދީ ރިމޭކެއް ހަދަން މަސައްކަތްކުރަނީ ބަތަލާ ވިދިޔާ ބަލަންގެ ފިރިމީހާ ޕްރޮޑިއުސަރު ސިދާތު ރޯއި ކަޕޫރެވެ. އަދި ފިލްމު ޑައިރެކްޓްކުރާނީ އޮރިޖިނަލްގެ ވެސް ޑައިރެކްޓަރެވެ.

ހަންގާމާ އިން ބުނި ގޮތުގައި ޝާހިދު ފިލްމަށް ގެންނަން މިހާރު މަޝްވަރާތައް ކުރެވެމުން އަންނަ އިރު، ފިލްމު ރަސްމީކޮށް ވަރަށް އަވަހަށް އިއުލާން ވެސް ކުރާނެ އެވެ. ކާމިޔާބު ފިލްމުތަކެއް ކުޅެފައިވާ ޝާހިދު ސޮއިކޮށްފައިވާ ފިލްމުތަކުގެ ތެރޭގައި "ބުލް" ހިމެނެ އެވެ.