Last Updated: March 28, 21:55
Thursday, March 28, 2024
ޚަބަރު

ޝާހިލް މަސްތުގެ ހާލަތުގައި، ކުށަށް އިއުތިރާފެއް ނުވޭ

ރޭ މާލޭގައި އަނިޔާވެރި ގޮތަކަށް މަރާލި އަންހެން މީހާގެ މަރުގެ މައްސަލާގައި ހައްޔަރުކޮށްފައިވާ އަލީ ޝާހިލް އަދި މިހާތަނަށް ކުށަށް އިއުތިރާފް ވެފައި ނުވާ ކަމަށް ފުލުހުން ބުނެފި އެވެ.

ރޭ މަރާލާފައި ޏ. ފުވައްމުލަކު ޝިއާއު މުހައްމަދު ސައީދު، 22 އެވެ. އެ މައްސަލައާ ގުޅިގެން ޝާހިލް ރޭ ހައްޔަރުކޮށްފައިވާއިރު އޭނާ ޝަރީއަތް ނިމެންދެން ބަންދުކުރަން ކްރިމިނަލް ކޯޓުން މިއަދު ވަނީ އަމުރުކޮށްފަ އެވެ.

މި މަރާއި ގުޅިގެން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ފުލުހުން ބުނީ މި މައްސަލާގައި ތުހުމަތުކުރެވެނީ ޝާހިލް އަށް އެކަނި ކަމަށާއި ނަމަވެސް މިވަގުތާއި ހިސާބަށް އޭނާ ކުށަށް އިއުތިރާފް ވެފައި ނުވާ ކަމަށެވެ. ޝާހިލް އަކީ ކުށުގެ އެއްވެސް ރެކޯޑެއް އޮތް ފަރާތަކަށް ނުވި ނަމަވެސް އޭނާ ހައްޔަރުކުރިއިރު ހުރީ މަސްތުގެ ހާލަތުގައި ކަމަށްވެސް ފުލުހުން ބުނެ އެވެ.

"މިވަގުތާއި ހިސާބަށް ލިބިފައިވަނީ މަސްތުވާތަކެއްޗަށް ތުހުމަތުކުރެވޭ ވަގުތީ ނަތީޖާއެއް." ފުލުހުން ބުނެ އެވެ.

ފުލުހުން ވަނީ މި ހަމަލާދިނުމުގައި ބޭނުންކުރި ކަމަށް ބެލެވޭ ހަތިޔާރުތައް ހޯދިފައިވާ ކަމަށްވެސް ބުނެފަ އެވެ. އަދި މިހާރުވެސް މި ހާދިސާ ހިނގި ސަރަހައްދުގައި ފުލުހުން ހަރަކާތްތެރިވަމުންދާ ކަމަށް ފުލުހުން ހާމަކުރެ އެވެ.

މި ހާދިސާގައި މަރުވި ޝިއާއުގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހެދުމަށް ބޭރަށް ފޮނުވުމަށް ވަނީ ނިންމާފަ އެވެ. އެއަށްފަހު މަރުވާން ދިމާވި ސީދާ ސަބަބެއް އެނގިގެންދާނެ ކަމަށް ފުލުހުން ބުނެ އެވެ.