Last Updated: April 25, 22:42
Thursday, April 25, 2024
ޚަބަރު

ފެނަކަ އެމްޑީ ސައީދަކީ ކުޅަދާނަ ބޭފުޅެއް

ފެނަކައިގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދު މުހައްމަދަކީ ކުޅަދާނެ ބޭފުޅެއް ކަމަށް ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަރީފް ވިދާޅުވެއްޖެ އެވެ.

ސްޓެލްކޯގެ ހައުސިން ފްލެޓް ހަވާލުކުރަން ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަމުން ޝަރީފް ވިދާޅުވީ ފެނަކަ އެމްޑީ ސައީދާއި އަދި އޭނާ އަކީ ރާއްޖޭގެ ރައްޔިތުން އަލިކަމުގައި ބައިތިއްބާ ދެ ބޭފުޅުން ކަމަށާއި ސްޓެލްކޯ އާއި ފެނަކަ އަކީ ރައްޔިތުންގެ ނޫރު ކަމަށެވެ.

މީގެކުރިން ފެނަކައިގެ އެމްޑީކަން ވެސް ކުރެއްވި ޝަރީފް ވަނީ ފެނަކައިގައި ހުރި މައްސަލަތައް ވެސް އެނގިވަޑައިގަންނަވާ ކަމަށާއި އެ ކުންފުނީގެ މިހާރުގެ އެމްޑީ އަކީ ވަރަށް ކުޅަދާނެ ބޭފުޅެއް ކަމަށް ވިދާޅުވެފަ އެވެ. އަދި ސައީދުގެ މަސައްކަތް ބަލައިގަންނަ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

"އެއީ އެ ހުރިހާ ގޮންޖެހުންތަކާ އެކީގައި ވެސް ރާއްޖޭގެ އަތޮޅުތަކުގެ ރައްޔިތުންނަށް ކުންފުނީގެ ހުރި ދަތިތަކުގެ އިހުސާސް ވިޔަނުދެއްވާ 24 ގަޑިއިރު ކަރަންޓުގެ ހިދުމަތް އަދި އެހެން ޔޫޓިލިޓީގެ ހިދުމަތް ދެއްވާކަމީ އެއީ ސައީދުގެ ހަމަ ކުޅަދާނަކަން." ޝަރީފް ވިދާޅުވި އެވެ.

ރާއްޖޭގެ އެންމެ ގިނަ ރަށްރަށުގައި ފެނާއި ނަރުދަމާގެ ނިޒާމުތައް ހިންގައި ބަލަހައްޓަމުންދާ ކުންފުންޏަކީ ފެނަކަ ކަމަށްވާއިރު އެ ކުންފުނިން އަންނަނީ ރާއްޖޭގެ އެކި ރަށްތަކުގެ އިންޖީނުގެތައް ޒަމާނީ ފެންވަރަށް އަޕްގްރޭޑް ކުރުމަށް ވެސް މަސައްކަތް ކުރަމުންނެވެ.

ފެނަކަ އިން ކުރަމުންދާ މަސައްކަތްތަކަށް ބައިނަލްއަގުވާމީ ގިނަ އެވޯޑުތަކެއް ވެސް ވަނީ ލިބިފަ އެވެ. މީގެ ތެރޭގައި އެ ކުންފުނީގެ ޕްރޮޖެކްޓުތަކަށް ލިބުނުބުނު އެވޯޑުތަކާއި އެ ކުންފުނީގެ އެމްޑީ އަހުމަދު ސައީދުއަށް ލިބުނު އެވޯޑު ވެސް ހިމެނެ އެވެ.