Last Updated: April 24, 17:40
Wednesday, April 24, 2024
މުނިފޫހިފިލުވުން

"ތުރިދޭވް" ގެ ރިމޭކެއް ނުހަދާނެ: ރަޖީވް

ކުރީގެ ވަރަށް ކާމިޔާބު ފިލްމެއް ކަމަށްވާ "ތުރިދޭވް" ރިމޭކެއް އޭގެ އޮރިޖިނަލް ޑައިރެކްޓަރު ރަޖީވް ރާއީއާ ގުޅިގެން ސަލްމާން ޚާން ހަދަން އުޅޭ ވާހަކަ ރަޖީވް ދޮގުކޮށްފި އެވެ.

އޭނަ ބުނީ 1989 ގައި ރިލީޒްކުރި ފިލްމުގެ ރިމޭކެއް ހެދުމަށް މީގެ ދެ އަހަރު ކުރިން ސަލްމާން ހުށަހެޅި ކަމަށެވެ. އެގޮތުން ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ކުރިން ސަލްމާން "ތުރިދޭވް" ގެ ރިމޭކެއް ހަދަން ޝައުގުވެރިވެގެން އެ ވާހަކަ ދެއްކި ކަމަށާއި އޭރު އެކަމަށް ރުހުން ވެސް ދިން ކަމަށް ބޮލީވުޑް ހަންގާމާ އަށް ދިން އިންޓަވިއުއެއްގައި ރަޖީވް ބުންޏެވެ.

"އެކަމަކު ފަހަކުން އޭގެ ވާހަކަ ނުވެސް ދެކެވޭ. އެހެންވީމަ ސަލްމާން ތުރިވޭވްގެ ރިމޭކެއް ހަދަން އުޅޭ ކަމަށް ބުނާ ވާހަކަ އަކީ ސައްހަ ވާހަކަތަކެއް ނޫން،" ކާމިޔާބު ފިލްމުތަކެއް ގެނެސްދިން ޑައިރެކްޓަރު ބުންޏެވެ. "ކުރިން ސަލްމާން އަހަންނާ އެފަދަ ވާހަކައެއް ދެއްކީމަ ތުރިވޭވްގެ ރިމޭކަށް ޝައުގުވެރިވީ އޭނަ އަކީ ވަރަށް ގާތް އެކުވެރިއަކަށް ވެސް ވީމަ."

ނަމަވެސް ރަޖީވް، 67، ބުނި ގޮތުގައި އޭނަ އަކީ ރިމޭކްތައް ހެދުމަށް އެހާ ތާއީދުކުރާ މީހެއް ވެސް ނޫނެވެ.

"އެހެންވެ ތުރިދޭވްގެ ރިމޭކެއް ނުހަދާނެ،" އޭނާ ބުންޏެވެ. "އަނެއްކާ އަހަރެން ވެސް މިހާރު ވަރަށް ދުވަސް ފަހުން އާ ފިލްމެއްގެ މަސައްކަތުގައި ވަރަށް ބިޒީކޮށް މި އުޅެނީ."

"މޮހްރާ" އާއި "ގުޕްތު" އަދި "ވިޝްވާތުމާ'" ފަދަ ފިލްމުތައް ގެނެސްދިން ރަޖީވްގެ އެންމެ ފަހުގެ ޑައިރެކްޝަނަކީ ޕްރިޔަންކާ ޗޯޕްޅާ އާއި އަރުޖުން ރާމްޕާލް ކުޅުނު 2004 ގެ "އަސަމްބަވް" އެވެ. އޭގެ 18 އަހަރު ފަހުން ރަޖީވް މިހާރު އަންނަނީ މުޅިން އާ ކާސްޓަކާ އެކީ ފިލްމެއް ހެދުމުގެ މަސައްކަތްކުރަމުންނެވެ. އެކަމަކު މިދިޔަ މަހުން ފެށިގެން ޖެއިޕޫރްގައި ޝޫޓްކުރަމުން އަންނަ ފިލްމާ ބެހޭ އެއްވެސް ތަފުސީލެއް އަދި ހާމައެއްނުކުރެ އެވެ.

އެކްޝަން ތުރިލާއެއްގެ ގޮތުގައި ގެނެސްދިން "ތުރީދޭވް" ގެ މައިގަނޑު ކާސްޓުންނަކީ ސަނީ ޑިއޯލް، ޖެކީ ޝްރޮފް، ނަސީރުއްދީން ޝާހް، މަދޫރީ ޑިކްސިޓް، ސަންގީތާ ބިޖްލާނީ ސޯނަމް، އަނޫޕަމް ކޭރް އަދި އަމްރިޝް ޕޫރީ އެވެ.