Last Updated: April 24, 23:11
Wednesday, April 24, 2024
މުނިފޫހިފިލުވުން

"ޖުގް ޖުގް ޖިއޯ" ގެ ސީކްއެލްއެއް؟

މިދިޔަ ޖޫން މަހު ރިލީޒްކޮށް އާންމުންގެ ފަރާތުން ބޮޑު ތަރުހީބެއް ލިބުނު ކަރަން ޖޯހަރްގެ ދަރުމާ ޕްރޮޑަކްޝަންގެ ރޮމޭންޓިކް ކޮމެޑީ "ޖުގް ޖުގް ޖިއޯ" ގެ ސީކްއެލްއެއް ހަދައިފާނެކަމުގެ އިޝާރާތެއް ދީފި އެވެ.

ފިލްމުގެ ކާމިޔާބީ ފާހަގަކުރަން އޭގެ ޓީމުން ހޮނިހިރު ދުވަހު ޕާޓީއަކަށް ފަހު ތަރިން ކަމަށްވާ ވަރުން ދަވަނާއި ކިއާރާ އަދުވާނީ އިންސްޓަގްރާމްގައި އާންމުކުރި ޕޯސްޓްތަކެއްގައި ފިލްމުގެ ސީކްއެލްއެއްގެ ވާހަކަ ސުވާލެއްގެ ގޮތުގައި ދައްކާފައިވެ އެވެ. ނަމަވެސް "ޖުގް ޖުގް ޖިއޯ" ގެ ދެވަނަ ބައެއް ހެދުމާ ބެހޭ ގޮތުން ދަރުމާ އާއި ޑައިރެކްޓަރު ރާޖް މެހެތާ އެއްވެސް އެއްޗެއް އަދި ނުބުނެ އެވެ.

މި ފިލްމަކީ ދެ ޖީލެއްގެ ބައެއްގެ ވަރީގެ މައްސަލަތަކެއް ދައްކުވައިދިން ވަރަށް ކާމިޔާބު ފިލްމެކެވެ.

ވަރުން އާއި ކިއާރާގެ އިތުރުން ފިލްމުގެ ކާސްޓްގައި އަނިލް ކަޕޫރާއި ނީޓޫ ސިންގް އާއި މަނީޝް ޕޯލްގެ އިތުރުން ޕްރަޖަކްތާ ކޯލީ ވެސް ހިމެނެ އެވެ. "ޖުގް ޖުގް ޖިއޯ" އަކީ މި އަހަރުގެ މިހާތަނަށް ރިލީޒްކުރި ހިންދީ ފިލްމުތަކުގެ ތެރެއިން އެންމެ ކާމިޔާބު އެކައްޗެވެ.

މީގެ ޑައިރެކްޓަރު ރާޖް މިހާރު އަންނަނީ އަކްޝޭ ކުމާރާއި އިމްރާން ހާޝިމީ އާއި ޑަޔާނާ ޕެންޓީގެ އިތުރުން ނުޝްރަތު ބަރޫޗާއާ އެކީ "ސެލްފީ" ކިޔާ ފިލްމެއް ހެދުމުގެ މަސައްކަތްކުރަމުންނެވެ. އަންނަ އަހަރުގެ ފެބްރުއަރީ 24 ގައި ރިލީޒްކުރަން ތާވަލުކޮށްފައި އޮތް އެ ފިލްމަކީ 2019 ގެ މަލަޔާޅަމް ކޮމެޑީ-ޑްރާމާ "ޑްރައިވިން ލައިސަންސް" އަސްލަކަށް ބަލައިގެން ހަދާ އެއްޗެކެވެ.