Last Updated: March 29, 02:52
Thursday, March 28, 2024
މުނިފޫހިފިލުވުން

ވިކީ ކުޅޭ ދެވަނަ ބައޮޕިކްގެ ޝޫޓިން ފަށައިފި

ބޮލީވުޑްގައި ކުރިއަރަމުން އަންނަ ޒުވާން އެކްޓަރު ވިކީ ކޯޝަލް ކުޅޭ ދެވަނަ ބައޮގްރަފިކަލް ޑްރާމާ "ސޭމް ބަހާދޫރު" ގެ ޝޫޓިން ފަށައިފި އެވެ.

ދެހާސް ނަވާރައިގައި އިއުލާންކުރި މި ފިލްމަކީ ވިކީ މުހިއްމު ރޯލެއް ކުޅުނު 2018 ގެ "ރާޒީ" ގެ ޑައިރެކްޓަރު މެގްނާ ގުލްޒާރު ހަދާ ފިލްމެކެވެ. އޭނަގެ އެންމެ ފަހުގެ ފިލްމަކީ 2020 ގައި ދީޕިކާ ޕަދްކޯނާ އެކީ ގެނެސްދިން "ޗަޕާކް" އެވެ. އެ ފިލްމަކީ އެސިޑް ހަމަލާއެއްގެ ޝިކާރައަކަށްވި އަންހެން އެކްޓިވިސްޓެއްގެ ވާހަކަ ކިޔައިދިން ފިލްމެކެވެ.

މިދިޔަ އަހަރު ޑައިރެކްޓަރު ޝޫޖިތު ސިރްކާ ގެނެސްދިން ބައޮގްރަފިކަލް ޑްރާމާ "ސަރުދާރު އުދަމް ސިންގް" އަށް ފަހު ވިކީ ކުޅޭ ދެވަނަ ބައޮޕިކް "ސޭމް ބަހާދޫރު" އަކީ އިންޑިއާ އާއި ޕާކިސްތާނާ ދެމެދު 1971 ގައި ކުރި ހަނގުރާމައިގެ ބަތަލެއް ކަމަށްވާ އަސްކަރީ ވަރުގަދަ އޮފިސަރު ފީލްޑް މާޝަލް ސޭމް މަނެކްޝޯ ނުވަތަ ސޭމް ބަހާދޫރުގެ ވާހަކަ ކިޔަދައިދޭ ފިލްމެކެވެ.

ސޭމް އަކީ އިން 1971 ގައި ހަނަގުރާމައިގެ ދުވަސްވަރު އިންޑިއާގެ އަސްކަރިއްޔާގެ ޗީފް އޮފް އާމީ ސްޓާފްގެ މަގާމުގައި ވެސް ހުރި މީހާ އެވެ.

އޭނަ އަށް ބިނާކޮށް ހަދާ "ސޭމް ބަހާދޫރު" ގައި ބަތަލާ ކެޓްރީނާ ކައިފްގެ ފިރިމީހާއާ އެކީ ދެ ބަތަލާއަކު ފެންނާނެ އެވެ. އެއީ ފާތިމާ ސަނާ ޝައިހާއި ސާނިއާ މަލްއުތުރާ އެވެ. މި ފިލްމަކީ އެ ދެ ތަރިން އެކީގައި ބޮލީވުޑަށް ނެރުނު އާމިރު ޚާންގެ 2016 ގެ "ޑަންގަލް" ގެ އިތުރުން 2020 ގެ އެންތޮލޮޖީ ފިލްމު "ލޫޑޯ" އަށް ފަހު އެއް ޕްރޮޖެކްޓެއްގައި ހިއްސާވާ ތިން ވަނަ ފިލްމެވެ.