Last Updated: April 19, 22:45
Friday, April 19, 2024
މުނިފޫހިފިލުވުން

އާމިރާއި ޝާހްރުކްގެ ފެނިލުން މާދަމާ

ބޮލީވުޑްގެ ތަރިން ކަމަށްވާ ޝާހްރުކް ޚާނާއި އާމިރު ޚާން މިހާތަނަށް އެކީގައި ފިލްމަކުން ފެނިފައެއް ނުވެ އެވެ. އެކަމަކު މާދަމާ ރިލީޒްކުރާ އާމިރުގެ "ލާލް ސިންގް ޗައްޑާ" އިން މިކަން މާޒީވެގެން ދާނެ އެވެ. އެ ފިލްމުގައި ޝާހްރުކްގެ ހާއްސަ ފެނިލުމެއް ހިމެނެ އެވެ. އެކަން އާމިރު ވަނީ ކަށަވަރު ވެސް ކޮށް ދީފަ އެވެ.

"ލާލް ސިންގް ޗައްޑާ" ގެ މަސައްކަތް ފެށި ފަހުން މީގެ ފެނިލުމަކުން ޝާހްރުކް ފެންނާނެ ކަމުގެ އަޑުތަކެއް ކުރިން ވެސް އެރި އެވެ. އެކަމަކު އެކަން ކުރިން އޮތީ ކަށަވަރު ނުވާ ވާހަކައެއްގެ ގޮތުގަ އެވެ.

ނަމަވެސް ފިލްމު ރިލީޒްކުރުން އެއް ދުވަހަށްވެފައިވާ އިރު "ލާލް ސިންގް ޗައްޑާ" އިން ޝާހްރުކް ފެންނާނެކަން ކަށަވަރުކޮށްދީ އާމިރު ބުނީ އެކަމަށްޓަކައި ޝާހްރުކަށް ޝުކުރު ވެސް އަދާކުރާ ކަމަށެވެ. އޭނަ ބުނި ގޮތުގައި ޝާހްރުކް ފިލްމުގައި ފެންނާނީ "ލާލް ސިންގް ޗައްޑާ" އަސްލަކަށް ބެލި 1994 ގެ ހޮލީވުޑްގެ ފިލްމު "ފޮރެސްޓް ގަމްޕް" ގައި އެމެރިކާގެ ކުރީގެ މިއުޒިކް ލެޖެންޑް އެލްވިސް ޕްރެސްލީގެ ކެމިއޯ ހިމެނި ގޮތަށެވެ. ޓޮމް ހޭންކްސް ޓައިޓްލް ރޯލު ކުޅުނު އެ ފިލްމުގައި އެލްވިސްގެ ކެރެކްޓާ ކުޅުނީ ޕީޓާ ޑޮބްސަނެވެ. އަދި އެ ކެރެކްޓާ އަށް އަޑު އަޅައި ދެނީ ކާޓް ރަސަލް އެވެ.

އާމިރު ބުނި ގޮތުގައި "ލާލް ސިންގް ޗައްޑާ" ގައި ޝާހްރުކްގެ ފެނިލުން ހިމެނީ އޭނަ އަކީ އެމެރިކާގައި އެލްވިސް ގޮތަށް، އިންޑިއާގައި އެންމެ މަޝްހޫރު އެކަކަށްވާތީ އެވެ.

"މި ކެމިއޯ ކުޅެދޭން ޝާހްރުކް ގާތު އެދުނީމަ ވަގުތުން ބުނި އާނއެކޭ. އެކަމަށްޓަކައި ޝުކުރު ވެސް އަދާކުރަން،" އާމިރު ބުންޏެވެ. "އޭނަ އަކީ އަސްލު އަހަރެންގެ ވަރަށް ގާތް އެކުވެރިއެއް ވެސް މެ."

އަދުވައިތު ޗަންދަން ޑައިރެކްޓްކޮށްފައިވާ "ލާލް ސިންގް ޗައްޑާ" އަކީ އާމިރާއި ކަރީނާ ލީޑް ރޯލު ކުޅެފައިވާ ފިލްމެކެވެ. މީގެ ހާއްސަ ފެނިލުމަކުން ޝާހްރުކް ފެންނަ އިރު، އަންނަ މަހުގެ 9 ގައި ރިލީޒްކުރާ ރަންބީރް ކަޕޫރާއި އާލިއާ ބަޓްގެ "ބުރައްމަސްތުރާ" އިން ވެސް ޝާހްރުކް ފެންނާނެ އެވެ.

ޝާހްރުކް، 56، ގެ އެންމެ ފަހުގެ ފިލްމަކީ 2018 ގެ "ޒީރޯ" އެވެ. އަންނަ އަހަރު އޭނަގެ ތިން ފިލްމެއް ރިލީޒްކުރާނެ އެވެ. އެއީ "ޕަތާން" އާއި "ޖަވާން" ގެ އިތުރުން "ދުންކީ" އެވެ.