Last Updated: March 28, 14:17
Thursday, March 28, 2024
މުނިފޫހިފިލުވުން

ކާސްޓްރޯގެ ރޯލަށް ފްރާންކޯ

ކިއުބާގެ ކުރީގެ ހުދުމުހުތާރު ވެރިޔާ ފިޑެލް ކާސްޓްރޯގެ ރޯލު ހޮލީވުޑްގެ ތަރި ޖޭމްސް ފްރާންކޯ ކުޅެން ތައްޔާރުވާން ފަށައިފި އެވެ.

"އަލީނާ އޮފް ކިއުބާ" ގެ ނަން ދީފައިވާ މި ފިލްމު ލެޓިން އެމެރިކާ އަށް ނިސްބަތް ނުވާ އެކްޓަރަކަށް ދިނުމުން ބައެއް މީހުން ފާޑު ވެސް ކިޔައި ފިލްމު ބޮއިކޮޓްކުރަން ވެސް ގޮވާލާފައިވެ އެވެ. އޭގެ ތެރޭގައި ކިއުބާ ދަރިކޮޅުގެ އެމެރިކާގެ އެކްޓަރެއް ކަމަށްވާ ޖޯން ލެގުއިޒާމޯ ހިމެނެ އެވެ.

ނަމަވެސް ކާސްޓްރޯގެ ރޯލަށް ފްރާންކޯ ހަމަޖެއްސުމުން އެކަމަށް ކާސްޓްރޯގެ އަންހެން ދަރިފުޅު އަލީނާ ފެނަންޑޭޒް މަރުހަބާ ކިޔާފައިވެ އެވެ. އޭނަ ޑެޑްލައިނަށް ދިން އިންޓަވިއު ބުނީ ކާސްޓަށް ފްރާންކޯ އަކީ އެންމެ ރަނގުޅި ހޮވުން ކަމަށާއި އޭނަ އަކީ ބައްޕައާ ވައްތަރު އަދި ހަށިގަނޑު ހުންނަ ގޮތުން ވެސް ކާސްޓްރޯއާ އެއްގޮތް ކަންތައްކެއް ހުންނަ އެކްޓަރެއް ކަމަށެވެ.

"އަނެއްކާ ފްރާންކޯ އަކީ ވަރަށް ހުނަރުވެރި އެކްޓަރެއް ވެސް މެ." ދެ އޮސްކާ ހާސިލުކޮށްފައިވާ ފްރާންކޯއާ ބެހޭ ގޮތުން އަލީނާ ބުންޏެވެ.

"އަލީނާ އޮފް ކިއުބާ" އަކީ މިގްއެލް ބާޑެން ޑައިރެކްޓްކުރަން ހަމަޖެހިފައިވާ ފިލްމެކެވެ. މީގެ ސްކްރީންޕްލޭ ލިޔެފައި ވަނީ އޮސްކާ އަށް ނޮމިނޭޓްވި ފިލްމެއް ކަމަށްވާ ޖޯސް ރިވޭރާ (ދަ މޮޓޮސައިކަލް ޑައިރީސް) ލިޔުނު ނިލޯ ކްރޫޒް އެވެ. ފިލްމުގައި މައިގަނޑު ޕްލޮޓް އެނބުރޭނީ ކާސްޓްރޯ އާއި އަލީނާ، 66، ގެ މަންމަ ނަޓާލިއާ ރެވުލްޓާ ކްލިއުސްއާ ދެމެދު ހިނގި ލޯބީގެ ގުޅުމުގެ މައްޗަށެވެ.

"އަލީނާ އޮފް ކިއުބާ" ގައި ނަޓާލިއާގެ ރޯލު ކުޅެން ނަގާފައި ވަނީ މިއާ މައެސްޓްރޯ އެވެ. އަދި އަލީނާގެ ރޯލު ކުޅޭނީ އަނާ ވިލަފޭން އެވެ.

"އަލީނާ އޮފް ކިއުބާ" ގެ ޝޫޓިން ފެށުމަށް ފްރާންކޯ ތައްޔާރުވަމުން އަންނަ އިރު 44 އަހަރުގެ އެކްޓަރުގެ އެންމެ ފަހުގެ ފިލްމަކީ 2019 ގެ ކޮމެޑީ-ޑްރާމާ "ޒީރޮވިލް" އެވެ. ކާމިޔާބު އެތައް ފިލްމެއް ކުޅެފައިވާ ފްރާންކޯ އަކީ މީގެ ހަތަރު އަހަރު ޖިންސީ ގޯނާގެ ތުހުމަތުތަކެއް ވެސް ކުރެވުނު އެކްޓަރެކެވެ.