Last Updated: March 29, 02:52
Thursday, March 28, 2024
މުނިފޫހިފިލުވުން

"ޑާލިންސް" އިތުރު ބަސްތަކަކުން ހަދަނީ

ބަތަލާ އާލިއާ ބަޓް ޕްރޮޑިއޮސްކޮށް، ކުޅުނު ފުރަތަމަ ފިލްމު "ޑާލިންސް" އިންޑިއާގެ އިތުރު ބަސްތަތަކުން ހަދަން ނިންމައިފި އެވެ.

އެކްޓަރު ރަންބީރްގެ އަންހެނުންގެ އަމިއްލަ ފިލްމު ކުންފުނި، އެޓާނަލް ސަންޝައިން ޕްރޮޑަކްޝަނާއި ޝާހްރުކް ޚާންގެ ރެޑް ޗިލީޒް އެންޓަޓައިންމަންޓް ގުޅިގެން މި މަހުގެ 5 ގައި ނެޓްފްލިކްސް އަށް ދޫކޮށްލި މި ފިލްމަކީ ބްލެކް ކޮމެޑީއެކެވެ. އާ ޑައިރެކްޓަރު ޖަސްމީތު ކޭ ރީންގެ "ޑާލިންސް" އަކީ ގެވެށިއަނިޔާގެ ޝިކާރައަކަށްވާ އަންހެނަކު، އެންމެ ފަހުން ކެތްތެރިކަންކޮޅުންލައި، ފިރިމީހާގެ ފަރާތުން ބަދަލު ހިފައި އޭނާ އަށް ކުރާ އަނިޔާތައް ދައްކުވައިދޭ ފިލްމެކެވެ.

ބެލުންތެރިންނާއި ކްރިޓިކުން ވެސް މި ފިލްމުގެ ސްޓޯރީ ލައިނާއި ތަރިންގެ އެކްޓިން އަށް ތައުރީފުކުރި ނަމަވެސް ބައެއް މީހުން ވަނީ "ޑާލިންސް" އަށް ފާޑުކިޔައި، އެ ބޮއިކޮޓްކުރަން ވެސް ގޮވާލައިފަ އެވެ. އެގޮތުން މިއީ ފިރިހެނުންނަށް ގެވެށިއަނިޔާކުރަން ހިތްވަރުދޭ ފިލްމެއް ކަމަށް ބުނެފައިވެ އެވެ.

ނަމަވެސް ގިނަ ބަޔަކަށް ޑާލިންސް ވަރަށް ކަމުގޮސްފައިވާތީ އެ ފިލްމު ތެލެގޫ އާއި ތަމަޅަ ބަހުން ހަދަން ނިންމާފައިވާކަން ރެޑް ޗިލީޒް އިން ވަނީ ކަށަވަރު ވެސް ކޮށް ދީފަ އެވެ. އެ ސްޓޫޑިއޯގެ ސީއޯއޯ އަދި ޕްރޮޑިއުސަރު ގޯރަވް ވަރުމާ ބުނީ "ޑާލިންސް" ހެދި އިރު ވެސް އެ ވާހަކަ އިތުރު ބަސްތަކަކުން ހެދުމަކީ ޕްލޭނެއް ކަަމަށެވެ.

"މިއީ އަސްލު ހުރިހާ މުޖުތަމައަކާ ވެސް ގުޅޭ ވާހަކައެއް ކިޔައިދޭ އެއްޗެއް. އެހެންވީމަ އަހަރެމެން ފިލްމު ތެލެގޫ އަދި ތަމަޅަ ބަހުން ހަދާ އިރު ހަމަ ސްޓޯރީލައިން އޮތްގޮތަށް ބާއްވާފައި އެ ބަސްތަކުން ވާހަކަ ދައްކާ މީހުންގެ ސަގާފަތަށް ފެތޭ ގޮތަށް ފިލްމުތައް ހަދާނަން." އޭނާ ބުންޏެވެ.

"ޑާލިންސް" ތެލެގޫ އާއި ތަމަޅަ ބަހުން ހަދާނީ އެ ބަސްތަކުން ފިލްމު ކުޅޭ ތަރިން ހިމަނައިގެންނެވެ. ނަމަވެސް އަދި މަސައްކަތް ކުރިއަށް ގެންދާނެ ގޮތުގެ މާ ބޮޑު ތަފުސީލެއް ހާމައެއްނުކުރެ އެވެ.

"ޑާލިންސް" ގެ މުހިއްމު ތަރިންނަކީ އާލިއާގެ އިތުރުން ވިޖޭ ވަރުމާ އާއި ޝެފާލީ ޝާހް އަދި ރޯހަން މެތިއު އެވެ.