Last Updated: March 29, 14:00
Friday, March 29, 2024
މުނިފޫހިފިލުވުން

ބައިސްކޯފަށް މޫމިންގެ "ނެތީމޭ"

ބައިސްކޯފަށް މީގެ ދެ އަހަރު ކުރިން "ގަމިނި" ވެބް ސީރީޒް ގެނެސް ދިނުމަށް ފަހު، ޑައިރެކްޓަރު މޫމިން ފުއާދު އެ ޕްލެޓްފޯމަށް އަނެއްކާ ވެސް މުޅިން ތަފާތު ރަހައެއްގެ އާ ސީރީޒެއް ގެނެސްދޭން ތައްޔާރުވެއްޖެ އެވެ.

މި ފަހަރުގެ ސީރީޒަކީ އިޖުތިމާއީ އެކި ކަހަލަ އިޝޫތައް އެކުލެވޭ ގޮތަށް ހަދާފައިވާ ލޯބީގެ ވާހަކައެއް ކިޔައިދޭނެ "ނެތީމޭ" އެވެ. ފަސް އެޕިސޯޑް ހިމެނޭ މީގެ ފުރަތަމަ ސީޒަންގައި ހިމެނޭ ކާސްޓުންގެ ތެރޭގައި ވާޝިޔާ މުހައްމަދު (ޝިޔާ)، އަހުމަދު ޝާރިފް، އިސްމާއީލް ރަޝީދު ކޮޕީ (އިއްސެ)، އަހުމަދު އާސިމް، މަރިޔަމް ޝަކީލާ އަދި ނަތާޝާ ޖަލީލު ފަދަ ތަރިން ހިމެނެ އެވެ.

ބައިސްކޯފުން މިހާރު "ނެތީމޭ" ގެ ޓްރެއިލާ ވެސް އާންމުކޮށްފައިވާ އިރު، މި ސްޓްރީމްކުރަން ފަށާނެ ތާރީހެއް އަދި ނުނިންމަ އެވެ. އެކަމަކު ބެލެވޭ ގޮތުން އަންނަ މަހުގެ ތެރޭގައި އެ ޕްރީމިއާކުރާނެ އެވެ.

އަބަދު ވެސް ތަފާތު އަދި މޮޅެތި އުފެއްދުންތަކެއް ގެނެސްދެމުން އަންނަ މޫމިން އަކީ ކާމިޔާބު ފީޗާ ފިލްމުތަކެއް ގެނެސްދީފައިވާ ޑައިރެކްޓަރެކެވެ. އޭގެ ތެރޭގައި "ލޫދިފާ"، "ހެޕީ ބާތުޑޭ' އަދި "ނިވައިރޯޅި" ހިމެނެ އެވެ.

ދެހާސް ވިހީގެ ފަހުކޮޅު ބައިސްކޯފަށް މޫމިން "ފީހާލި" ގެ ނަމުގައި ވަރަށް ތަފާތު ކުރު ފިލްމެއް ގެނެސްދީފައިވެ އެވެ.