Last Updated: April 24, 12:21
Wednesday, April 24, 2024
މުނިފޫހިފިލުވުން

ކަރީނާ ކުޅުނު ރޯލު ކުރިން މަނޫޝީ އަށް

މިއަދު ސިނަމާތަކުގައި ދައްކަން ފެށި އާމިރު ޚާންގެ ފިލްމު "ލާލް ސިންގް ޗައްޑާ" ގެ ބަތަލާގެ ރޯލު ކުރިން ލިބުނީ މިސް ވޯލްޑް މަނޫޝީ ޗިލާރަށް ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ފިލްމީ ޚަބަރުތައް ގެނެސްދޭ މީޑިއާތަކުން ބުނީ 2017 ގައި މިސް ވޯލްޑްގެ ތާޖު ލިބުނު 25 އަހަރުގެ ރީތީގެ ރާނީ އަށް އެ ފިލްމު ދޫކޮށްލަން ޖެހުނީ އަދިތިޔާ ޗޯޕްޅާގެ ޔާޝްރާގް ފިލްމްސް (ވައިއާރްއެފް) އާ އެކު ހެދި ކޮންޓްރެކްޓްގެ ސަބަބުންނެވެ. އެ ސްޓޫޑިއޯ އަކީ އާންމުކޮށް އާ ފަންނާނުން ބޮލީވުޑަށް ނެރޭ އިރު، ތިން ފިލްމެއްގެ ކޮންޓްރެކްޓެއް ހަދާ ތަނެކެވެ. އަނެއްކޮޅުން ވައިއާރްއެފަކީ ބޮލީވުޑްގެ އެންމެ ވަރުގަދަ އެއް ސްޓޫޑިއޯ އަށް ވާތީ އެތަނުން ފުރުސަތެއް ލިބުމަކީ އަލަށް ނުކުންނަ ފަންނާނުންގެ އެންމެ ބޮޑު އެއް ހުވަފެނެވެ. އެހެންވެ އާމިރުގެ އޮފާ ދޫކޮށްލައި، ވައިއާރްއެފަށް ވަންނަން މަނޫޝީ ނިންމީ އެވެ.

ފާހަގަކޮށްލެވޭ ކަމަކީ މަނޫޝީ ބޮލީވުޑަށް ތައާރަފުކުރަން މިދިޔަ ޖޫން މަހު ނެރުނު އަކްޝޭ ކުމާރުގެ ތާރީހީ ހަނގުރާމަ ފިލްމު "ސަމްރާޓް ޕްރިތުވީރާޖް" އަކީ ބެލުންތެރިންގެ ވަރަށް ފިނި ތަރުހީބެއް ލިބުނު ފިލްމެއްކަމެވެ.

މަނޫޝީގެ ކުރިއަށް އޮތް އެއް ފިލްމަކީ ޝޫޓިން ނިންމާފައި އޮތް ވައިއާރްއެފްގެ "ދަ ގްރޭޓް އިންޑިއަން ފެމިލީ" އެވެ. އޭގެ ބަތަލަކީ ކެޓްރީނާ ކައިފްގެ ފިރިމީހާ ވިކީ ކޯޝަލެވެ. މަނޫޝީ މިހާރު އަންނަނީ ޖޯން އަބްރަހަމްގެ އެކްޝަން ތުރިލާ "ތެހެރާން" ގެ މަސައްކަތްކުރަމުންނެވެ.

"ލާލް ސިންގް ޗައްޑާ" އިން މަނޫޝީ އަށް ލިބުނު ފުރުސަތު ދޫކޮށްލުމުން އޮޑިޝަނަކަށް ފަހު، އެ ފިލްމު ދިނީ ކަރީނާއަށެވެ. ކަރީނާ ކުޅެފައި ވަނީ އާމިރުގެ އަންހެނުން ރޫޕާގެ ރޯލެވެ. މި ފިލްމަކީ ހޮލީވުޑްގެ 1994 ގެ ފިލްމު "ފޮރެސްޓް ގަމްޕް" އަސްލަކަށް ބަލައިގެން ހެދި އެއްޗެކެވެ.

މަނޫޝީ އާއި ކަރީނާ އަކީ އެކީގައި ގަހަނާ ބްރޭންޑެއްގެ އިޝްތިހާރެއް ކުޅެފައިވާ ދެ ބަތަލާއިންނެވެ.