Last Updated: March 28, 21:55
Thursday, March 28, 2024
މުނިފޫހިފިލުވުން

އާމިރަށް ދޭއް، އަކްޝޭ އަށް ތިނެއް ބައި

މިއަދު ރިލީޒްކުރި އާމިރު ޚާންގެ "ލާލް ސިންގް ޗައްޑާ" އާއި އަކްޝޭ ކުމާރުގެ "ރަކްޝާ ބަންދަން" ގެ ތެރެއިން ކަމުދާ ފިލްމަކީ އަކްޝޭގެ ފިލްމު ކަމަށް މަޝްހޫރު ފިލްމު ކްރިޓިކް ތަރަން އަދާޝް ބުނެފި އެވެ.

މި ދެ ފިލްމު ވެސް ރިވިއުކޮށް އާމިރުގެ ފިލްމު މާޔޫސީއެއްގެ ގޮތުގައި ސިފަކޮށް ތަރަން އެއަށް ދީފައި ވަނީ ފަހެކުން ދެ ތަރީގެ ރޭޓިންއެކެވެ. އޭނަ ބުނި ގޮތުގައި އަދުވައިތު ޗަންދަން ޑައިރެކްޓްކުރި "ލާލް ސިންގް ޗައްޑާ" ގެ އެންމެ ބޮޑު މައްސަލަ އަކީ އިންޓަވަލް ފަހުން ފިލްމުގެ "ދުވެލި މަޑުވުމާއި" އޭގެ ދިގުމިން ކަމަށެވެ. މި ފިލްމުގެ ދިގުމިނަކީ 164 މިނިޓެވެ.

ހޮލީވުޑްގެ ވަރަށް ކާމިޔާބު ފިލްމެއް ކަމަށްވާ 1994 ގެ "ފޮރެސްޓް ގަމްޕް" އަށް ބިނާކޮށް ހެދި "ލާލް ސިންގް ޗައްޑާ" އަކީ ސިއްހީ މައްސަލަތަކެއް ވެސް ހުންނަ ވިސްނުމާއި ފިކުރުގައި ވެސް ބަލިކަށިކަމެއް ހުންނަ މީހަކު އެ ކަންކަމުން އަރައިގަތުމަށް ކުޑައިރުން ފެށިގެން އޭނަގެ މެދުއުމުރާ ހަމައަށް ކުރާ ހިތްވަރު ދައްކުވައިދޭނެ އެއްޗެކެވެ.

މީގައި އާމިރާ އެކީ ބަތަލާގެ ރޯލު ކުޅުނީ ކަރީނާ ކަޕޫރެވެ.

ތަރަން ބުނި ގޮތުގައި ތަރިންގެ އެކްޓިން ރަނގަޅު ނަމަވެސް "ލާލް ސިންގް ޗައްޑާ" އަކީ ފިލްމު ބަލާ މާސް އޯޑިއަންސް މާ ގަޔާވާ ކަހަލަ ފިލްމެއް ނޫނެވެ. އެހެންވެ ވިޔަފާރީގެ ގޮތުބް އަޅާކިޔައިފި ނަމަ ބޮޑު ކާމިޔާބީއެއް ލިބުމުގެ ފުރުސަތު އޮތީ އަކްޝޭގެ "ރަކްޝާ ބަންދަން" އަށް ކަމަށް ބުންޏެވެ.

"ތަނޫ ވެޑްސް މަނޫ" އާއި "ރާންޖަނާ" އަދި މިދިޔަ އަހަރު "އަތުރަންގީ ރޭ" ވެސް ގެނެސްދިން އާނަންދު އެލް ރާއީ ޑައިރެކްޓްކޮށްފައިވާ މި ފިލްމަކީ ފެމިލީ ޑްރާމާއެކެވެ. "ރަކްޝާ ބަންދަން" ގައި އަކްޝޭ ކުޅެފައި ވަނީ ހަތަރު އަންހެން ކޮއްކޮއެއްގެ ބޭބެއެއްގެ ރޯލެވެ. މީގެ ޕްލޮޓް އެނބުރެނީ ކޮއްކޮއިން ދެކެ އިންތިހާ އަށް ލޯބިވާ މީހަކު އެ މީހުންނަށް ދިރިއުޅެއް ހޯދައި ދީފައި ނޫނީ ކައިވެންޏެއް ވެސް ނުކުރަން އަޒުމް ކަނޑަޅައިގެން ހުންނަ މީހެއްގެ ވާހަކަ އެވެ.

ތަރަން ބުނި ގޮތުގައި "ރަކްޝާ ބަންދަން" އަކީ ހިތާކުޅެލާ ފަދަ ވަރަށް ޖަޒުބާތީ ފިލްމެކެވެ. އެހެންވެ މިއީ ބެލުންތެރިން ސިނަމާތަކުގައި ވަރަށް ހިތްހަމަޖެހުމާ އެކީ ފޫހިފިލުވާނެ ފިލްމެއް ކަމަށް ބުންޏެވެ. އަދި ފިިލްމުން ހާއްސަ އިޖުިތިމާއީ މެސެޖްތަކެއް ވެސް ދޭތީ މިއީ، ފިލްމު ބަލާ އާންމު އޯޑިއަންސަށް ވަރަށް ކަމުދާނެ ފިލްމެއް ކަމަށް ތަރަން ބުންޏެވެ.

ދިގުމިނުގައި 108 މިނިޓް ހިމެނޭ ފިލްމަށް އޭނަ ދީފައި ވަނީ ފަހެކުން ތިނެއް ބައި ތަރީގެ ރޭޓިންއެކެވެ.

"ލާލް ސިންގް ޗައްޑާ" އަކީ 2018 ގެ ލަދުވެތި ފްލޮޕް "ތަގްސް އޮފް ހިންދުސްދާން" އަށް ބެލުންތެރިންނާ ހަމައަށް އައި އާމިރުގެ ފުރަތަމަ ފިލްމަށްވާތީ، މި ފިލްމު ވެސް ޕްލޮވުމަކީ އާމިރަށް ބޮޑު ވެއްޓުމަކަށް ވާނެ އެވެ.

"ރަކްޝާ ބަންދަން" އަކީ މި އަހަރު ރިލީޒްވި އަކްޝޭގެ ތިން ވަނަ ފިލްމެވެ.