Last Updated: April 19, 22:45
Saturday, April 20, 2024
މުނިފޫހިފިލުވުން

އަރިއަންގެ ސްކްރިޕްޓް ނިންމަން ދެތިން މަސް

ބޮލީވުޑްގެ ތަރި ޝާހްރުކް ޚާންގެ ދޮށީ ފިރިހެން ދަރިފުޅު އަރިއަން ޚާން ރަސްމީކޮށް ފިލްމު އުފެއްދުމުގެ މަސައްކަތުގެ ތެރެއަށް ނުކުނަން ތައްޔާރުވެއްޖެ އެވެ.

ބައެއް މީޑިއާތަކުން ކުރިން ވެސް ރިޕޯޓްކޮށްފައިވާ ގޮތުގައި 24 އަހަރުގެ އަރިއަންގެ ހާއްސަ ދާއިރާ އަކީ ސްކްރީން ރައިޓިން އެވެ. އެގޮތުން ސްޓްރީމިން ޕްލެޓްފޯމަކަށް އޭނާ ވެބް ސީރީޒެއް ލިޔާ ވާހަކަ މި އަހަރުގެ ކުރީކޮޅު ވެސް ދެކެވިފައިވެ އެވެ. އެކަމާ ބެހޭ އެންމެ ފަހުގެ ޚަބަރުތައް ބުނާ ގޮތުން ކުރިއަށް އޮތް ދެތިން މަސް ދުވަހުގެ ތެރޭގައި އަރިއަން ސްކްރިޕްޓް ނިންމާނެ އެވެ.

ބޮލީވުޑް ހަންގާމާ އިން ބުނި ގޮތުގައި މިދިޔަ އަހަރުގެ މެއި މަހުގެ ތެރޭގައި ސަދަން ކެލިފޯނިއާ ޔުނިވަސިޓީން ފިލްމު މޭކިން ދާއިރާ އިން ގްރެޖްއޭޓްވި އަރިއަން ލިޔާ ސްކްރިޕްޓަކީ މުމްބާއީ އަށް ބިނާވެފައި އޮތް ފިލްމު އިންޑަސްޓްރީގެ ވާހަކައެއް ކިޔައިދޭނެ އެއްޗެކެވެ. އަދި މިއީ ކޮމެޑީ ޖޯންރާ އަށް ލިޔާ އެއްޗެއް ކަމަށާއި އަންނަ އަހަރުގެ ކުރީކޮޅު އަރިއަންގެ ޕްރޮޖެކްޓް އިއުލާންކޮށް، ޝޫޓިން ވެސް ފަށާނެ ކަމަށް ބުންޏެވެ.

ނަމަވެސް އެ ޑައިރެކްޓްކުރާނެ މީހަކާއި ސްޓްރީމްކުރާނެ ޕްލެޓްފޯމެއް ވެސް އަދި ނުނިންމަ އެވެ. ބެލެވޭ ގޮތުން މިއީ ނެޓްފްލިކްސްއާ ގުޅިގެން ހަދާ އެއްޗަކަށް ވެދާނެ އެވެ. ސަބަބަކީ ބައްޕަ ޝާހްރުކްގެ ފިލްމު ކުންފުނި، ރެޑް ޗިލީޒް އެންޓަޓައިންމަންޓަކީ ނެޓްފްލިކްސްއާ ގުޅިފައިވާ ތަނަކަށްވުމެވެ.

އެ ދެ ތަން ގުޅިގެން އެންމެ ފަހުން ގެނެސްދިން އުފެއްދުމަކީ މި މަހުގެ 5 ގައި ޕްރީމިއާކުރި އާލިއާ ބަޓްގެ ފިލްމު "ޑާލިންސް" އެވެ.

އަރިއަން ފިލްމު މޭކިންގެ ތެރެއަށް ނުކުންނަ އިރު، ކޮއްކޮ ސުހާނާ ޚާން މިހާރު އަންނަނީ ނެޓްފްލިކްސްއާ ގުޅިގެން ހަދާ މިއުޒިކަލް "ދި އާޗީސް" ގެ މަސައްކަތްކުރަމުންނެވެ. މިއީ ޒޯޔާ އަޚްތަރު ޑައިރެކްޓްކުރާ އެއްޗެކެވެ.

އަރިއަން އަކީ މިދިޔަ އަހަރުގެ ފަހުކޮޅު އަސާސެއް ނެތް ޑްރަގުގެ ތުހުމަތެއްގައި ބޮޑު ލަދުވެތި ކަމަކާ ވެސް ކުރިމަތިލާން ޖެހުނު ޒުވާނެކެވެ.