Last Updated: April 20, 11:49
Saturday, April 20, 2024
ޚަބަރު

ބޮޑު ހިޔާނާތުގެ ފައިސާ ހޯދާނަން: ޔާމީން

ކުރީގެ ރައީސް އަބްދުﷲ ޔާމީން - ފޮޓޯ: ޕީޕީއެމް

ޕީޕީއެމްގެ ސަރުކާރެއްގައި އެމްއެމްޕީއާރްސީގެ ބޮޑު ހިޔާނާތުގެ ފައިސާ ހޯއްދަވާނެ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.

ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅުދައްކަވަމުން ޔާމީން ވިދާޅުވީ ޕީޕީއެމްގެ ވެރިކަމެއް ދެން ގާއިމުވެއްޖެނަމަ މަގުސަދަކަށް ވާނީ އެމްއެމްޕީއާރްސީ ހިޔާނާތުގައި ހިމެނޭ ފަރާތްތަކަށް އަދަބު ދިނުން ނޫން ކަމަށާއި އެންމެ ބޮޑު މަގުސަދަކަށް ވާނީ ފައިސާ އަނބުރާ ހޯދުން ކަމަށެވެ.

އެގޮތުން ރައްޔިތުންގެ ފައިސާ ރައްޔިތުންނަށް ނުލިބި، އެކަމުގައި ޝާމިލުވި މީހުން ދިގު މުއްދަތަކަށް ޖަލަށްލުމުން އަދި ނުފުދޭ ކަމަށް ޔާމީން ވިދާޅުވި އެވެ. އަދި މި ސަރުކާރަށް އެ ފައިސާ ހޯދަން ކުރެވުނީ ކޮން ކަމެއްތޯ ސުވާލުކުރައްވަމުން ޔާމީން ވަނީ މި ހިޔާނާތުގެ މައި މުގުލުގައި ހުރި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު މެދުވެރިކޮށް އަދިވެސް މި ފައިސާ އަނބުރާ ހޯދޭނެ ކަމަށް ވިދާޅުވެފަ އެވެ.

ޔާމީން ވިދާޅުވީ އެމަނިކުފާނުގެ ވެރިކަމުގައި އަދީބު ޖަލުގައި ހުންނެވި ދުވަސްވަރު އޭސީސީގެ ރައީސް ލުތުފީ އެމަނިކުފާނާއި ބައްދަލުކުރެއްވި ކަމަށާއި އެގޮތުން ހިޔާނާތުގެ ފައިސާގެ ބޮޑުބައި ހުރީ ސިންގަޕޫރުގެ ބޭންކެއްގައި ހުރި ސޭފެއްގައި ކަމަށް އަދީބާއި ހަވާލާދީ ލުތުފީ ދެންނެވި ކަމަށެވެ.

"އެކަމަކު އެ ކަލެކްޓް ކުރެވޭނީ ތިމަންނާގެ ލޮލުގެ ރެޓިނަލް ސާޗެއް ހަދައިގެނޭ އެ ހުޅުވޭނީ. ތިމަންނަ ނޫން މީހަކަށް އެ ނުހުޅުވޭނެއޭ. އެހެންވެ ތިމަންނަ ފިޒިކަލީ އެތަނަށް ގެންގޮސްދޭށޭ، ގެންގޮސްދިނީމަ އެ ފައިސާ ހޯދޭނެއޭ. އަޅުގަނޑު ދެންނެވިން ލުތުފީއޭ، މިތަނުން ކުށްވެރިއެއް ނުފޮނުވާނަމޭ. މިތަނުން ކުށްވެރިއެއް ފޮނުވައިފިނަމަ އޭނާ ފިލުމުގެ ފުރުސަތު ވެސް އެބައޮތޭ އަދި ފައިސާ ރިކަވާ ކުރުމުގެ ފުރުސަތެއް ވެސް ނެތޭ." ޔާމީން ވިދާޅުވި އެވެ.

ސިންގަޕޫރުގެ އޭސީސީ އަށް ގޮސްގެން ނުވަތަ ކޯޓު އަމުރެއް ހޯދައިގެން އެ ސޭފް ހުޅުވަން ލުތުފީ އަށް ދެންނެވި ކަމަށްވެސް ޔާމީން ވިދާޅުވި އެވެ. އަދި އަދީބު ދެއްކެވީ ތެދު ވާހަކައެއް ކަމަށް ލުތުފީ ގަބޫލުކުރައްވާ ކަމަށާއި އެހެން ކަމަށްވާނަމަ އޭގައި ހުރި ފައިސާ އަދި މިހާތަނަށް ނެގިފައި ނުވާނެ ކަމަށް ޔާމީން ވިދާޅުވި އެވެ.