Last Updated: April 25, 22:42
Thursday, April 25, 2024
ޚަބަރު

ލަވަކިޔުންތެރިޔާ ހުޒާމް މަރުވެއްޖެ

އާންމުންގެ ތެރޭގައި މަޝްހޫރުވި އެތައް ލަވައެއް ކިޔާފައިވާ ރާއްޖޭގެ މަޝްހޫރު ލަވަކިޔުންތެރިޔާ މުހައްމަދު ހުޒާމް މަރުވެއްޖެ އެވެ.

އެނގިފައިވާ ގޮތުގައި ދ. ހުޅުދެއްޔަށް އުފަން ހުޒާމް، 52، މަރުވީ ބަލިވެ އުޅުމަށް ފަހު އިންޑިއާގައި ބެންގަލޫރުގައި ފަރުވާ ހޯދަމުން ދަނިކޮށް ރޭ ގެ ވަގުތެއް ގައެވެ.

ހުޒާމަކީ ޓީވީއެމްގެ ސްކޫލު ކުދިންގެ ލަވަ މުބާރާތުން 1990 ގެ ތެރޭގައި ގިނަ ކާމިޔާބީތަކެއް ހޯދި ލަވަކިޔުންތެރިޔެކެވެ. އޭނަ އަކީ ފިލްމުތަކާއި އަލްބަމްތަކަށް ވެސް ލަވަ ކިޔާފައިވާ ފަންނާނެކެވެ. ހުޒާމްގެ ބައެއް ލަވަތަކުގެ ވީޑިއޯތަކުން އޭނަ ވެސް ފެނިފައިވެ
އެވެ. ހުޒާމަކީ 1995 ގައި ބޭއްވި ފުރަތަމަ ގައުމީ ފިލްމު އެވޯޑްސްގައި އެންމެ މޮޅު ފިރިހެން ލަވަކިޔުންތެރިޔާގެ އެވޯޑް ވެސް ލިބުނު ފަންނާނެކެވެ.

އޭނަ ކިޔާފައިވާ ބައެއް ލަވަތަކުގެ ތެރޭގައި "ތަދާއި ވޭނުގާ"، "ވޭން ލިބޭތީ އޭ"، "ދިނީ ޒަހަރު މިތުރާ"، "މައުސޫމް"، "ނަޔާ ފަރިވެ ޒީނަތްވީ"، "ހިތް ހަދިޔާކޮށްފާ" ފަދަ އެތައް ލަވައެއް ހިމެނެ އެވެ.

ދެހާހުގެ ކުރީކޮޅާ ހަމައަށް ހުޒާމަކީ ރާއްޖޭގައި ވަރަށް ވިދި ލަވަކިޔުންތެރިއަކަށް ވިޔަސް އޭގެ ފަހުން މިއުޒިކީ މަސައްކަތްތަކާ އޭނަ އުޅުނޫ ވަރަށް ދުރުންނެވެ. ހުޒާމަކީ އިންޖީނިއަރިންގެ ރޮނގުން މެލޭޝިޔާގައި މަތީ ތައުލީމް ހާސިލްކޮށްފައިވާ މީހެކެވެ.