Last Updated: April 19, 13:47
Friday, April 19, 2024
މުނިފޫހިފިލުވުން

މިއީ "ހީރާމަންޑީ" ގައި ސޮނާކްޝީ ފެންނާނެ ގޮތް؟

ސަންޖޭ ލީލާ ބަންސާލީގެ ވެބް ސީރީޒް "ހީރާމަންޑީ" ގެ ޝޫޓިން މިހާރު ކުރިއަށްދާ އިރު، މީގެ ރޯލެއް ކުޅޭ ބަތަލާ ސޮނާކްޝީ ސިންހާ އޭނަ އޭގައި ފެންނާނެ ގޮތް ކަމަށް ބެލެވޭ ލުކް އާންމުކޮށްފި އެވެ.

ސޯޝަލް މީޑިއާގައި ސޮނާކްޝީ އާންމުކުރި ފޮޓޯތަކެއްގައި ފެންނަނީ ވިދާ ހެދުމެއްގައި ވަރަށް ގަދައަށް މޭކަޕްކޮށްގެން ހުންނަ ތަނެވެ. ހާއްސަކޮށް ލޮލުގައި ވަަރަށް ބޮޑަށް އަނދުން އަޅާފައިވާކަން ފާހަގަކޮށްލެވެ އެވެ. މި ފޮޓޯތައް އޭނަ އާންމުކުރީ މަޝްހޫރު ލަވައެއް ކަމަށްވާ "އިން އާނކޮ ކި މަސްތީ ކީ" ކެޕްޝަނަކަށް ލިޔެފަ އެވެ.

މި ފޮޓޯތަކާއި "ހީރާމަންޑީ" އާ ގުޅުމެއް އޮތް ވާހަކަ ސޮނާކްޝީ ހިއްސާނުކުރި ނަމަވެސް ފޮޓޯތަކަށް ކޮމެންޓްކުރި ގިނަ ބަޔަކު ވަނީ އެއީ އޭނަގެ ލުކްކަން ކަށަވަރުވާ ކަމަށް ބުނެފަ އެވެ.

ނެޓްފްލިކްސް އަށް ހަދާ ސީރީޒްގެ މަސައްކަތް ކުރިއަށް ދިޔަ ނަމަވެސް މީގެ ކާސްޓުން ބަންސާލީ މިހާތަނަށް ކަށަވަރުކޮށް ދީފައެއް ނުވެ އެވެ. އެކަމަކު "ހީރާމަންޑީ" ގެ ކާސްޓްގައި ސޮނާކްޝީ އާއި މަނީޝާ ކޮއިރަލާ އާއި ހުމާއި ގްރެއިޝީ އާއި ރޭކާ އާއި އަދިތީ ރާއޯ ހައިދަރީ އާއި ރިޗާ ޗައްޑާ އާއި ކުރީގެ ބަތަލާ މުމްތާޒްގެ އިތުރުން އޭނަގެ ދަނބިދަރިފުޅު ފަރުދީން ޚާން ފަދަ ތަރިން ހިމެނޭކަމަށް ބެލެވެ އެވެ.

ބަންސާލީ ބުނެފައިވާ ގޮތުގައި އޭނަގެ ފުރަތަމަ ވެބް ސީރީޒްގެ ކާސްޓަކީ "ބޮޑު ސަޕްރައިޒަކަށްވާނެ" އެވެ. އެހެންވެ މަޝްހޫރު ގިނަ ތަރިންތަކެއް "ހީރާމަންޑީ" އިން ފެންނާނެ ކަމަށް ވަރަށް ބޮޑަށް ބެލެވެ އެވެ.

ހަތް އެޕިސޯޑަށް ހަދާ މި ސީރީޒަކީ އިންޑިއާ އަށް މިނިވަންކަން ލިބުމުގެ ކުރިން ލާހޯރްގެ ރެޑް ލައިޓް އޭރިއާގައި އުޅުނު ޝާހީ ޖާރިޔާއިންގެ ވާހަކަ ކިޔައިދޭނެ އެއްޗެކެވެ.

ބޮޑު ބަޖެޓަކުން ވަރަށް ގްރޭންޑްކޮށް ހަދާ މި ސީރީޒަކީ ބަންސާލީ އާއި ޑިޒްނީ ޕްލަަސް ހޮޓްސްޓާގެ "އެމްޕަޔާ" ގެ ޑައިރެކްޓަރު މިތަކްޝަރާ ކުމާރު ގުޅިގެން ޑައިރެކްޓްކުރާ އެއްޗެކެވެ. ސީރީޒްގެ ފުރަތަމަ ދެ އެޕިސޯޑް ޑައިރެކްޓްކުރާނީ ބަންސާލީ އެވެ.