Last Updated: April 20, 11:49
Saturday, April 20, 2024
މުނިފޫހިފިލުވުން

އިޝާންގެ ވަތަނީ ފިލްމުގެ ޓީޒާ ދައްކާލައިފި

ބޮލީވުޑްގެ ޒުވާން އެކްޓަރު އިޝާން ޙައްތަރު ސިފައިންގެ މީހެއްގެ ރޯލު ކުޅެފައިވާ ވަތަނީ ފިލްމު "ޕިއްޕާ" ގެ ޓީޒާ ޓްރެއިލާ މިއަދު ދައްކާލައިފި އެވެ.

މިއަދު ފާހަގަކުރާ އިންޑިއާގެ 75 ވަނަ މިނިވަން ދުވަހާ ދިމާކޮށް ފިލްމުގެ ޓީޒާ ބެލުންތެރިންނަށް ދޫކޮށްލި އިރު، މި ފިލްމަކީ އިންޑިއާ އާއި ޕާކިސްތާނާ ދެމެދު 1971 ގައި ކުރި ހަނގުރާމައިގެ ބަތަލެއް ކަމަށްވާ ބްރިގޭޑިއާ ބަލްރާމް ސިންގްގެ ރޯލު އިޝާން ކުޅެފައިވާ އެއްޗެކެވެ. މީގެ ޑައިރެކްޓަރަކީ އަކްޝޭ ކުމާރުގެ "އެއާލިފްޓް" އާއި ސައިފް އަލީ ޚާންގެ "ޝެފް" ގެނެސްދިން ރާޖާ ކްރިޝްނާ މެނަން އެވެ.

މި އަހަރުގެ ޑިސެމްބަރު މަހުގެ 2 ގައި ރިލީޒްކުރަން ހަމަޖެހިފައިވާ "ޕިއްޕާ" ގެ ބަތަލާ އަކީ އިޝާންގެ ބޭބެ، ޝާހިދި ކަޕޫރްގެ އެންމެ ފަހުގެ ފިލްމު "ޖާޒީ" ގެ ބަތަލާ މުރްނާލް ތާކޫރެވެ. ފިލްމުގެ އިތުރު ކާސްޓުންގެ ތެރޭގައި އާލިއާ ބަޓްގެ މަންމަ ސޯނީ ރާޒްދާއި ޕްރިޔަންޝޫ ޕައިންޔުލީ ހިމެނެ އެވެ.

"ޕިއްޕާ" އަކީ އިޝާން، 26، ގެ ފަސް ވަނަ ފިލްމެވެ. އޭނަގެ އެންމެ ފަހުގެ ފިލްމަކީ 2020 ގެ "ކާލީ ޕީލީ" އެވެ. ލީޑިން އެކްޓަރެއްގެ ގޮތުގައި އިޝާން އެކްޓިން އަށް ނުކުތީ އިރާންގެ ޑައިރެކްޓަރު މާޖިދު މާޖިދީގެ 2017 ގެ "ބިޔޯންޑް ދަ ކްލައުޑްސް" އިންނެވެ.

ދެހާސް ނަވާރައިގެ ކާމިޔާބު ވަތަނީ ފިލްމު "އުރީ: ދަ ސާޖިކަލް ސްޓްރައިކް" ގެނެސްދިން ޕްރޮޑިއުސަރު ރޯނީ ސްކްރޫވާލާގެ "ޕިއްޕާ" އަހަރުގެ ފަހު މަހަށް ތާވަލުކޮށްފައިވާ އިރު މި އަހަރުގެ އޮކްޓޯބަރު 7 ގައި އިޝާންގެ ހޮރޯ-ކޮމެޑީ "ފޯން ބޫތު" ވެސް ރިލީޒްކުރާނެ އެވެ. އޭގެ ކާސްޓްގައި ކެޓްރީނާ ކައިފާއި ސިދާންތު ޗަތުރަވެދީ ވެސް ހިމެނެ އެވެ.