Last Updated: March 29, 14:00
Friday, March 29, 2024
މުނިފޫހިފިލުވުން

އަކްޝޭ އާއި ޓައިގާގެ ފިލްމަށް ލޮކޭޝަން ހޯދަނީ

އަކްޝޭ ކުމާރާއި ޓައިގާ ޝްރޮޕް އެކީގައި ކުޅެން ހަމަޖެހިފައިވާ އެކްޝަން ފިލްމު "ބަޅޭ މިޔާ، ޗޯޓޭ މިޔާ" އަށް ޑައިރެކްޓަރު އަލީ އައްބާސް ޒަފަރު ލޮކޭޝަން ހޯދުމުގެ މަސައްކަތް ފަށައިފި އެވެ.

ޕްރޮޑިއުސަރު ވާޝޫ ބަގްނާނީގެ ޕޫޖާ އެންޓައިންމަންޓުން ބޮޑު ބަޖެޓަކުން ހަދާ މި ފިލްމުގެ މަންޒަރުތައް ނަގާނެ ލޮކޭޝަން ހޯދަން އަލީ އާއި އޭނަގެ ޓީމް މިހާރު އަންނަނީ އިނގިރޭސިވިލާތާއި ސްކޮޓްލޭންޑްގައި ހަރަކާތްތެރިވަމުންނެވެ. މި ދަތުރުގެ ފޮޓޯތަކެއް ވެސް ސޯޝަލް މީޑިއާގައި ހިއްސާކޮށް، ކުޅަދާނަ ޑައިރެކްޓަރު ބުނީ އާ ފިލްމުގެ މަސައްކަތް ފަށަން ތައްޔާރުވާތީ އެކަމާ އުފަލުން އަދި އެހާމެ ހިތްބިރުގެންފައި ހުރި ކަމަށެވެ.

"ބަޅޭ މިޔާ، ޗޯޓޭ މިޔާ" އަކީ އަކްޝޭ އާއި ޓައިގާ އެކީގައި ފެންނާނެ ފުރަތަމަ ފިލްމެވެ. އަދި މިއީ މި ދެ ތަރިން ވެސް އަލީއާ އެކީ މަސައްކަތްކުރާ ފުރަތަމަ ފަހަރެވެ. "ސުލްތާން" އާއި "ޓައިގާ ޒިންދާ ހޭ" ފަދަ ފިލްމުތައް ގެނެސްދިން އަލީގެ އެންމެ ފަހުގެ ފިލްމަކީ 2019 ގެ "ބާރަތު" އެވެ.

އޭނަ އެންމެ އަވަހަށް ބެލުންތެރިންނަށް ގެނެސްދޭން އޮތީ ޝާހިދު ކަޕޫރާ އެކީ ހަދާފައިވާ އެކްޝަން ތުރިލާ "ބްލަޑީ ޑެޑީ" އެވެ. އެ ފިލްމުގެ ޝޫޓިން ނިންމާފައި އޮތަސް ރިލީޒްކުރާނެ ތާރީހެއް އަދި ނުނިންމަ އެވެ.

"ބަޅޭ މިޔާ، ޗޯޓޭ މިޔާ" ސިނަމާތަކަށް ގެންނަން ތާވަލުކޮށްފައި އޮތީ އަންނަ އަހަރުގެ ޑިސެމްބަރު މަހުގެ ފަހުކޮޅު އެވެ. މި ފިލްމު އިއުލާންކުރީ މި އަހަރުގެ ފެބްރުއަރީ މަހުގެ 8 ގަ އެވެ.