Last Updated: April 24, 09:46
Wednesday, April 24, 2024
މުނިފޫހިފިލުވުން

"ދަ ޑާޓީ ޕިކްޗާ" ގެ ސީކްއެލްއެއް

މީގެ 11 އަހަރު ކުރިން ގެނެސްދިން ކާމިޔާބު ފިލްމު "ދި ޑާޓީ ޕިކްޗާ" ގެ ސީކްއެލްއެއް ހަދަން ތައްޔާރުވަމުން އަންނަ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

އެކްތާ ކަޕޫރް ޕްރޮޑިއުސްކޮށް، މިލަން ލުތުރިއާ ޑައިރެކްޓްކުރި 2011 ގެ ފިލްމުގެ ސީކްއެލްއެއްގެ ވާހަކަ ދެކެވޭތާ ދުވަަސްތަކެއް ފަހުން، ބައެއް މީޑިއާތަކުން މިއަދު ބުނީ ފިލްމުގެ ސްކްރީންޕްލޭ ކަނިކާ ދިލަން އާއި އިތުރު ލިޔުންތެރިޔަކު މިހާރު ކުރިއަށް ގެންދާ ކަމަށާއި އަހަރު ނިމުމުގެ ކުރިން ސްކްރިޕްޓްގެ ފައިނަލް ޑްރާފްޓް ނިންމާނެ ކަމަށެވެ.

ޕީޕިން މޫން އިން ބުނި ގޮތުގައި "ދަ ޑާޓީ ޕިކްޗާ 2" ގެ ބަތަލާގެ ރޯލަށް ކަންގަނާ ރަނާވަތު ގެންނަން އެކްތާ ބޭނުންވެގެން އެ ހުށަހެޅުން އޭނާ ވަނީ އެ ފުރުސަތު އަމިއްލަ ސަބަބުތަކަކާ ހެދި ދޫކޮށްލައިފަ އެވެ. އަދި މިހާރު ކްރިތީ ސެނަން އާއި ތާޕްސީ ޕައްނޫ މިއަށް ޝައުގުވެރިކަން ފާޅުކޮށްފައިވާ ކަމަށްވެ އެވެ.

ނަމަވެސް އެކްތާއާ ހަވާލާދީ މީޑިއާތަކުން ބުނީ ފިލްމުގެ ކާސްޓުންނާ ބެހޭ ގޮތުން ވާހަކަ ދައްކާނީ ސްކްރިޕްޓް އެއްކޮށް ނިމުމުން ކަމަށެވެ. އަދި ފުރަތަމަ ބައިގެ ޑައިރެކްޓަރު ދެވަނަ ބައި ޑައިރެކްޓްކުރާނެ ކަމެއް ވެސް ސާފެއް ނުވެ އެވެ. މިލަންގެ އެންމެ ފަހުގެ ޑައިރެކްޝަނަކީ ސުނިލް ޝެޓީގެ ފިރިހެން ދަރިފުޅު އަހާން ބޮލީވުޑަށް ނެރުނު މިދިޔަ ޑިސެމްބަރު މަހުގެ "ތަޅަޕް" އެވެ.

"ދަ ޑާޓީ ޕިކްޗާ" އަކީ ވިދިޔާ ބާލަން އާއި ނަސީރުއްދީން ޝާހާއި އިމްރާން ހާޝިމީގެ އިތުރުން އެކްތާގެ ކޮއްކޮ ތުޝާރް ކަޕޫރް މައިގަނޑު ރޯލުތައް ކުޅުނު ފިލްމެކެވެ. މިއީ އިންޑިއާގެ ދެކުނުގައި "ސިލްކް ސުމީތާ" ގެ ނަމުން މަޝްހޫރުވި ބަތަލާ ވިޖަޔާލަކްޝްމީ ވަޅްލަޕަޓީގެ ވާހަކަ ކިޔައިދިން ބައޮގްރަފިކަލް މިއުޒިކަލް ޑްރާމާއެކެވެ.

މީގައި ސުމީތާގެ "ބޯލްޑް" ކެރެކްޓާ ކުޅެގެން ވިދިޔާ އަށް މޮޅު ބަތަލާގެ ނެޝަނަލް އެވޯޑް ވެސް ލިބުނެވެ. "ދަ ޑާޓީ ޕިކްޗާ" ގެ ސްކްރީންޕްލޭ ލިޔުނީ ރަޖަތު އަރޯރާ އެވެ.